މަގާމުން ވަކިކުރަން ނިންމި މައްސަލަ ދިރާސާ ކުރާ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ހަގީގަތް ހާމަކޮށްދިނުމުގެ ފުރުސަތަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު އެދިވަޑައިގެންފި އެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައި މަހާޒް ވިދާޅުވީ އޭނާ ދަށު ކޯޓަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ބެލި މައްސަލައިގައި މަގާމުން ވަކި ކުރަން ނިންމާފައި ވަނީ، ޖޭއެސްސީއިން މައްސަލަތައް ބަލަންޖެހޭނީ އިންސާފުވެރިކޮށް ކަމަށް ގާނޫނުގައި ބުނެފައި އޮތް މާއްދާއާ ހިލާފަށް ކަމަށެވެ.
މަހާޒު ވަކިކުރަން ވޯޓު ދެއްވި ބޭފުޅުންގެ ތެރޭގައި އަބްދުއްރަހީމް ވެސް ހިމެނިވަޑައިގަންނަވައެވެ.
މަހާޒަށް ތުހުމަތު ކުރަނީ ކްރިމިނަލް ކޯޓުގެ ގާޒީ އަކަށް ގުޅައި ބަންދުގެ މަޖިލީހުގައި ވަކި ގޮތަކަށް ނިނުމުމަށް ނުފޫޒު ފޯރުވި ކަމަށެވެ. ނަމަވެސް އެ ގާޒީ ޖޭއެސްސީއަށް ދިން ބަޔާނުގައި ބުނެފައި ވަނީ ބަންދުގެ މުއްދަތު މަޖިލީހަށް އެއްވެސް މީހަކު ނުފޫޒު ފޯރުވާފައިނުވާ ކަމަށެވެ.
"މިހައި ސާފުކޮށް އޮތް ކަމެއްގައި، އަޅުގަނޑު ވަކި މީހަކަށް ނުފޫޒު ފޯރުވިކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމި ނިންމުމަކީ އެކަމުގައި ބޭއިންސާފު އިންތިހާއަށް އެކުލެވޭ ކަމެއް ކަން އަންގައިދޭ ކަމެކެވެ،" މަހާޒް ވިދާޅުވެފައިވެ އެވެ.
ފަނޑިޔާރު މަހާޒްގެ އިތުރުން ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ވެސް ވަނީ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުވެ ހަގީގަތް ހާމަކޮށްދިނުމުގެ ފުރުސަތަކަށް އެދިވަޑައިގެންފަ އެވެ.