އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގައި ދެކުނު ކޮރެޔާއިން ބައިވެރިނުވުމާ ގުޅިގެން، އެ ގައުމާއެކު ބާއްވާ އަސްކަރީ ތަމްރީނުތައް މަދުކުރަން ނިންމަވާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް ވިދާޅުވީ ދެކުނު ކޮރެޔާއާއެކު ބާއްވާ އަސްކަރީ ތަމްރީނުތައް ވަރަށް ބޮޑަށް މަދުކުރައްވާނެ ކަމަށާއި، އެއީ އުތުރު ކޮރެޔާގެ ލީޑަރު ކިމް ޖޮންގް އުންއާ އެކު އޮތް ގާތް ގުޅުމުގެ ސަބަބުން ނިންމެވި ނިންމެވުމެއް ކަމަށެވެ. މީގެ އިތުރުން، އީރާނުގެ ނިއުކްލިއާ ހަތިޔާރު ނައްތާލުމަށް އެމެރިކާއިން ކުރާ މަސައްކަތުގައި ބައިވެރިވުމަށް ދެކުނު ކޮރެޔާއަށް ދައުވަތު ދިނުމުން، އެ ގައުމުން އެކަމަށް އިންކާރުކޮށްފައިވާ ކަމަށްވެސް ޓްރޫތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ފާހަގަކުރެއްވި އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި މި ތަމްރީނުތަކަކީ ބޮޑު ހޭދައެއް ހިނގާ ކަމެއް ކަމަށާއި، އާދައިގެ މަތިން މި ހަރަދުތަކުގެ ބޮޑު ބައެއް އުފުލަނީ އެމެރިކާއިންނެވެ. އަދި މިފަދަ ތަމްރީނުތަކަކީ ނުރަނގަޅު މެސެޖެއް ދޭ، ދުޝްމަނުކަން އުފެދޭނެ ކަމެއް ކަމަށްވެސް އޭނާ ސިފަކުރެއްވި އެވެ.
މިކަމާ ގުޅިގެން ސޯލްއިން ބުނެފައިވަނީ ތަމްރީނުތައް ތާވަލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށެވެ. އދ. އިން މަނާކޮށްފައިވާ ބެލިސްޓިކް މިސައިލްތަކެއް އުތުރު ކޮރެޔާއިން މިމަހު ޓެސްޓުކޮށްފައިވީ ނަމަވެސް، ޓްރަމްޕްގެ މި ވާހަކަތަކާ ގުޅިގެން ޕިޔޮންގްޔަންގުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.
އާދިއްތަ ދުވަހު ޓްރަމްޕް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ހޯމަ ދުވަހު ތަމްރީނުތައް ފެށުމަށް ހަމަޖެހިފައިވާތީ އެކަން ކެންސަލް ކުރުމަށް މިހާރު ވަގުތު ފާއިތުވެފައިވާ ކަމަށެވެ. އަދި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ދެކޮޅަށް އެމެރިކާއިން ކުރާ މަސައްކަތުގައި ބައިވެރިވުމަށް ދެކުނު ކޮރެޔާގެ ރައީސްގެ އަރިހުން އެދުމުން، އެކަމަށް އިންކާރު ކުރައްވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
މިދިޔަ ހަފުތާގައި އެމެރިކާ އާއި ދެކުނު ކޮރެޔާގެ އަސްކަރީ ވެރިން ވަނީ 'އުލްޗީ ފްރީޑަމް ޝީލްޑް' ނަމަކަށް ކިޔާ ތަމްރީނުތައް ބާއްވާނެކަން އިއުލާނުކޮށްފަ އެވެ. 11 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ތަމްރީނުތަކުގައި ދެކުނު ކޮރެޔާގެ 18,000 ސިފައިން ބައިވެރިވާނެއެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި، ރަޝިޔާއިން ޔޫކްރެއިންގައި ކުރާ ހަނގުރާމައަށް އެހީވުމަށް އުތުރު ކޮރެޔާއިން ސިފައިން ފޮނުވާފައިވާ މައްސަލައަށްވެސް އަލިއަޅުވާލާފައިވެއެވެ.
އެމެރިކާގެ އަސްކަރީ ތަރުޖަމާނު ރަޔަން ޑޮނަލްޑް ވިދާޅުވީ، ހަނގުރާމައިގެ މައިދާނުން އެނބުރި އަންނަ އުތުރު ކޮރެޔާގެ ސިފައިންގެ ފަރާތުން ކުރިމަތިވެދާނެ ނުރައްކާތަކަށް ތަމްރީނުތަކުގައި ސަމާލުކަން ދެވޭނެ ކަމަށެވެ. މިހާރުވެސް ދެކުނު ކޮރެޔާގައި އެމެރިކާގެ 28,500 އެއްހާ ސިފައިން ތިބެއެވެ.
އުތުރު ކޮރެޔާގެ ފޮރިން މިނިސްޓްރީން ވަނީ މި ތަމްރީނުތަކަކީ އުދުވާނީ ހަނގުރާމައަކަށް ތައްޔާރުވުމަށް ބާއްވާ ހަރަކާތްތަކެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށްފަ އެވެ.
2019 ވަނަ އަހަރު ޓްރަމްޕާއި ކިމްއާ ދެމެދު ކުރިއަށްދިޔަ ސިޔާސީ މަޝްވަރާތައް ނާކާމިޔާބުވި ފަހުން، އުތުރު ކޮރެޔާއިން ދަނީ އެ ގައުމުގެ ނިއުކްލިއާ އަދި މިސައިލް ޕްރޮގްރާމްތައް ވަރަށް ބާރަށް ފުޅާކުރަމުންނެވެ. ޓްރަމްޕަކީ އުތުރު ކޮރެޔާއަށް ޒިޔާރަތްކުރެއްވި އެމެރިކާގެ ފުރަތަމަ ރައީސެވެ.
އީރާނާ ދެކޮޅަށް އެމެރިކާއިން ކުރާ މަސައްކަތުގައި އަސްކަރީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިވުމަށް ދެކުނު ކޮރެޔާއިން ދެކޮޅު ހެދުމުން ޓްރަމްޕް ހިތްޕުޅުހަމަޖެހިވަޑައިނުގަންނަވާކަން އޭނާގެ ވާހަކަތަކުން ދޭހަވެއެވެ. ދެކުނު ކޮރެޔާގެ އިތުރުން ޖަޕާން، ފްރާންސް އަދި އިނގިރޭސިވިލާތް ފަދަ ގައުމުތަކުން މި މައްސަލައިގައި ބައިވެރިވުމަށް ފަސްޖެހޭތީވެސް ޓްރަމްޕް ވަނީ ނުރުހުން ފާޅުކުރައްވާފަ އެވެ.
މީގެ ކުރިން 2018 ވަނަ އަހަރު ކިމްއާއެކު ކުރިއަށްދިޔަ މަޝްވަރާތަކާ ގުޅިގެންވެސް ޓްރަމްޕް ވަނީ މި ތަމްރީނުތައް މެދުކަނޑާލައްވާފަ އެވެ. އަދި 2020 ވަނަ އަހަރު ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް ތަމްރީނުތައް މަދުކޮށްފައިވެއެވެ.
މިދިޔަ ހަފުތާގައި ދެކުނު ކޮރެޔާގެ ރައީސް ވަނީ، 1953 ވަނަ އަހަރުގެ ސުލްހައިގެ އެއްބަސްވުމަށްފަހު ފަންނީ ގޮތުން އަދިވެސް ނިމުމަކަށް ނައިސް އޮތް ދެ ކޮރެޔާގެ ހަނގުރާމަ ރަސްމީކޮށް ނިންމާލުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އުތުރު ކޮރެޔާއަށް ހުށަހަޅުއްވާފަ އެވެ.
ސަމާލުވޭ! ނޭނގި ހުރެ ވެސް ހަށިގަނޑުން ފެން މަދު ވެދާނެ!
ގެއްލުނު މީހުން ހޯދަން އެމެރިކާގެ ނޭވީ މަތިންދާބޯޓެއް ނުކުމެއްޖެ
އެޗްއާރުސީއެމްގެ މެންބަރުކަމަށް ސަމާއު އާއި ޝަމްއޫންގެ ނަން
