ތަރައްގީގެ މަޝްރޫއުތަކަށް ކައުންސިލުތަކުގެ އިހުތިސާސުގައިވާ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހެޅި ބިލު ފާސްކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

މި ޕެޓިޝަނަކީ ސަރުކާރާއި ޕީއެންސީގެ އޯޑަރަށް ސ. މީދޫ، ބިނާ، އަހުމަދު ޝާތިރު ހުށަހަޅާފައިވާ ޕެޓިޝަނެކެވެ. މި ޕެޓިޝަނުގައި މިހާތަނަށް 200 އަށްވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފަ އެވެ. ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ވެރިކަން ކުރާ ޕާޓީގެ މެންބަރުން މި ޕެޓިޝަނުގައި ސޮއިކުރުމަށް އަންނަނީ މަޖުބޫރުކުރުވަމުންނެވެ.

މިފަދަ ޕެޓިޝަނެއްގައި ސޮއިކުރަން މި ފެށީ އެ ބިލާ ދެކޮޅަށް ސޯޝަލް މީޑިއާ އެކްޓިވިސްޓު މިދުއަމް ސައުދު ހުށަހެޅި ޕެޓިޝަނުގެ މަސައްކަތް މަޖިލީހުގައި ކުރިއަށްދާ ދަނޑިވަޅެއްގަ އެވެ. މިދުއަމް ހުށަހެޅި ޕެޓިޝަނުގައި ވަނީ އެ ބިލަކީ ލާމަރުކަޒީ ގާނޫނުގެ ރޫހާ ހިލާފު ބިލެއް ކަމަށް ބުނެ، ބިލު އަނބުރާ ގެންދިއުމަށް ގޮވާލާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ވަނީ މިދުއަމްގެ ޕެޓިޝަން ކުރިއަށް އޮތް ތިން ޖަލްސާގެ ތެރެއިން އެއް ޖަލްސާއަށް އެޖެންޑާ ކޮށްދިނުމަށް މަޖިލީހުގެ ރައީސަށް ހުށަހެޅުމަށް ފާސްކޮށްފަ އެވެ. އޭގެ އިތުރުން އެ މައްސަލައިގައި ލޯކަލް ގަވަމަންޓު އޮތޯރިޓީގެ ރައުޔެއް ހޯދުމަށް ފޮނުވުމަށްވެސް ކޮމިޓީން ވަނީ ނިންމާފަ އެވެ.

ކައުންސިލުތަކުގެ މައްޗަށް ސަރުކާރުގެ ބާރުވެރިކަން އިތުރުކުރުމަށް އިސްލާހު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. އޭނާއަކީ މިނިވަން މެންބަރެއްގެ ގޮތުގައި އިންތިހާބުވި ނަމަވެސް، މަޖިލީހުގައި ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއާއެކު މަސައްކަތް ކުރައްވާ މެންބަރެކެވެ. އެ ބިލް ހުށަހެޅުއްވީ ސަރުކާރުން އަންގައިގެންނެވެ.

މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ދިރާސާކުރަމުން އަންނަ މި ބިލުގައިވާ ގޮތުން، ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށްޓަކައި ކައުންސިލެއްގެ އިހުތިސާސްގައިވާ ބިމެއް ވަކިކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމުމުން، އެ ބިމެއް ކައުންސިލުގެ މިލްކިއްޔާތުން ވަކިވެ ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ތަނަކަށް ބަދަލުވާނެ އެވެ.

އޭގެ އިތުރުން، ރަށްރަށުގެ ފިޒިކަލް ޑިވެލޮޕްމަންޓު ޕްލޭން ފާސްކުރުމުގެ ކުރިންވެސް ސަރުކާރުން ތަރައްގީގެ މަޝްރޫއަކަށް ބިމެއް ހޯދަން އެދިއްޖެނަމަ، އެ ބިމެއް ސަރުކާރާ ހަވާލުކުރަން ޖެހޭނެ ކަމަށް އިސްލާހުގައިވެ އެވެ.