މިމަހުގެ 5 ވަނަ ދުވަހުގެ ރޭގެ ދަންވަރު ހުވަދޫ ކަނޑައަށް އަޑިއަށް ދިޔަ ދޯންޏާއެކު ގެއްލުނު ތިން މީހުން ހޯދަން ހުވަދޫ ކަނޑުގެ ސަރަޙައްދު އެއްކޮށް ބަލައި ނިންމާލައިފި އެވެ.
ގއ. ކުޑަލަފަރީގެ އިރު އުތުރުން 4.1 ނޯޓިކަލް މޭލު ބޭރުން ހިލަ އާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ފްރެންޑް 4 ސަޕްލައި ދޯނި ބަންޑުން ޖަހާލައި ހުވަދޫ ކަނޑަށް އަޑިއަށް ދިޔަ ހާދިސާގައި މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަނުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހެއްގެ އިތުރުން ދޯނީގެ ކެޕްޓަން ވަނީ ގެއްލިފަ އެވެ.
އެމްއެންޑީއެފްއިން ބުނީ އެ މީހުން ހޯދުމުގެ މަސައްކަތުގައި ކަނޑު މަގުންނާއި އަދި ވައިގެ މަގުން ހުވަދޫ ކަނޑުގެ ސަރަޙައްދު އެއްކޮށް ބަލާފައިވާ ކަމަށެވެ. އަދި އޮޔާ ހިނގާދާނެ ކަމަށް ބަލައި، ވަޔާއި ކަނޑުގެ އޮއިވަރަށް ބަލައިގެން އެ މިސްރާބުން ވެސް ވަނީ ހުވަދޫ ކަނޑާއި، ލ. އަތޮޅުގެ އެ ބިތުގެ ފަރުތަކާއި، ހުވަދުއަތޮޅު އުތުރުބުރީގެ އެ ބިތުގެ ފަރުތައް ވެސް ބަލާފައި ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ.
މި އޮޕަރޭޝަންގައި ގެއްލިފައިވާ މީހުން ހޯދުމަށް މޯލްޑިވިއަން އެއާ ކްރާފްޓްގެ އިތުރުން ދިވެހި އަސްކަރިއްޔާގެ ޓީބީ 2 ޑްރޯން ވަނީ ބޭނުންކޮށްފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ.
މި ޓީބީ 2 ޑްރޯންއަކީ އިންފްރާރެޑް ސެންސާސް ބޭނުންކޮށްގެން ރޭގަނޑު ވެސް ކަނޑުގެ ސަރަޙައްދުގައި އެއްވެސް އެއްޗެއް އޮތް ނަމަ އެ އެއްޗެއް ދެނެގަތުމުގެ ގާބިލްކަން ހުރި ޑްރޯންތަކަށް ވާތީ ގެއްލުނު މީހުން ކަނޑު މަތިން ހޯދުމަށްޓަކައި މި ޑްރޯންތައް ބޭނުންކޮށްފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ.
މީގެ އިތުރުން އޮސްޓްރޭލިއާއިން ދިވެހި އަސްކަރިއްޔާއަށް ހަދިޔާކުރި މަނަވަރު "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ގައި ހުރި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ވެސް ގެއްލިފައިވާ މީހުން ހޯދުމަށް ކަނޑުމަގުން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ.
އެމްއެންޑީއެފް އިން ބުނިގޮތުގައި މި މީހުން ހޯދުމުގެ މަސައްކަތުގައި ދިވެހި ސަރުކާރުގެ އެދުމަކަށް އެމެރިކާ ސަރުކާރުން އެހީތެރިކަން ފޯރުކޮށް ދީފައިވެ އެވެ. އެގޮތުން އެމެރިކާ ނޭވީގެ ޕީ8 މަތިންދާ ބޯޓެއް ފޮނުވައިގެން ހުވަދޫ ކަނޑުގެ ސަރަޙައްދު މަތިން ބަލާފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ. މިއީ ކަނޑުމަތީގެ ސާޗް އެންޑް ރެސްކިޔު އަދި ސަވެއިލަންސަށް ބޭނުންކުރާ ހާއްސަ މަތިންދާ ބޯޓެކެވެ. މި މަތިންދާބޯޓުން ވަނީ 6،300 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް ބަލައި، މުޅި ހުވަދޫ ކަނޑުގެ ސަރަޙައްދު އެއްކޮށް ބަލާފައި ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.
ދޯނި އަޑިޔަށް ދިޔަ ވަގުތު ލޭންޑިން ކްރާފްޓަކާއި ޕޮލިސް ލޯންޗަކާއި އެމްއެންޑީއެފް ލޯންޗެއް، ދޯންޏާ ވަރަށް ކައިރީގައި އޮތުމާ އެކު ދޯނިން ފުންމާލި މީހުންނާއި ދޯނި ބަންޑުން ޖަހާލި ވަގުތު ދޯނިން ނިކުމެވުނު މީހުން ވަނީ އެ ވަގުތު ސަލާމަތްކޮށްފަ އެވެ.
އެމްއެންޑީއެފް އިން ބުނިގޮތުގައި ދޯނި ވަރަށް ކުއްލި ގޮތެއްގައި ބަންޑުން ޖަހާލައި އަޑިއަށް ގޮސްފައި ވަނީ ހުވަދޫ ކަނޑު ތެރެއަށެވެ.
އެމްއެންޑީއެފް އިން ބުނީ މިހާތަނަށް ކުރި މަސައްކަތްތަކާއި އަދި ދޯނިން ސަލާމަތްވި މީހުންގެ ފަރާތުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު މި ދޯނިން ގެއްލިފައިވާ މީހުން ކަނޑުމަތިން ފެނުމުގެ ފުރުސަތު ކުޑަ އެވެ.
ހުވަދޫ ކަނޑަށް މި ދޯނި ފެތިފައިވާ ސަރަޙައްދު 1،600 މީޓަރަށް ވުރެ ފުންވާނެ ކަމަށް ބެލެވޭ ކަމަށާއި މިއީ އިންސާނުންނަށް ޑައިވް ކޮށްގެންދެވޭ ފުންމިނެއް ނޫން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އަދި މިއީ ބޭރު ގައުމުތަކުގެ ކަނޑުގެ އަސްކަރިއްޔާގައި ބޭނުންކުރާ ހަނގުރާމައިގެ ކޮންވެންޝަނަލް އަދި ނިޔުކްލިއާ ސަބްމެރިން ވެސް އޮޕަރޭޓްކުރާ ފުންމިނެއް ނޫން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
މި ހާދިސާ ހިނގިތާ 11 ދުވަސް ފާއިތުވެ ވާއިރު، ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށް އިއްޔެ ވަނީ ވައިގެ މަގުން 17,220 އަކަ ނޯޓިކަލް މޭލުގެ އަދި ކަނޑުމަގުން 2790.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފަ އެވެ. އަދި އެ ސަރަހައްދުގެ ގޮނޑުދޮށްތަކާއި ފަރުތައް ހިމެނޭ ހެން 288 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވެސް ވަނީ ބަލާފަ އެވެ.
ޑީޖޭއޭގެ ވެރިއަކަށް ޕީއެންސީގެ ވަކީލު ޝަމީމް
ޕީޕީއެމް އުވާލި ސަބަބު ސާފުކޮށްދިނުމަށް އިލެކްޝަން ކޮމިޝަނަށް
އީރާނުގެ މައްސަލާގައި ދެކުނު ކޮރެއާއިން އެއްބާރުލުން ނުދިން