މިދިޔަ ޖުލައި މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި ހުރީ 221.8 މިލިއަން ޑޮލަރު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މަރުކަޒީ ބޭންކުން އާންމުކުރި ރިޒާވް ޑޭޓާ ޓެމްޕްލޭޓަށް ބަލާއިރު މިދިޔަ ޖުލައި މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވު ހުރީ 638.03 މިލިއަން ޑޮލަރުގަ އެވެ. މިއީ އޭގެ ކުރީ މަސް ނިމުނުއިރު ރަސްމީ ރިޒާވުގައި ހުރި 686.83 މިލިއަން ޑޮލަރާއި އަޅާ ބަލާއިރު 48.8 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ. އަދި މިއީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 136.47 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ.
މި މުއްދަތުގެ ތެރޭގައި ރަސްމީ ރިޒާވުގައި ހުރި މިންވަރު ދަށްވެފައިވާއިރު، ބޭނުންކުރެވޭ ރިޒާވުގައި ހުރި މިންވަރު ވެސް ވަނީ ދަށްވެފަ އެވެ. އެގޮތުން މިިދިޔަ މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި ހުރީ 221.8 މިލިއަން ޑޮލަރެވެ. އޭގެ ކުރީ މަހު ބޭނުންކުރެވޭ ރިޒާވުގައި ހުރީ 248.9 މިލިއަން ޑޮލަރެވެ. އެހެންކަމުން މިއީ 27.1 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ.
މި އަހަރުގެ މާޗު މަހު ރިޒާވް 1.3 ބިލިއަން ޑޮލަރުގައި ހުރުމަށްފަހު، މިހާރު 638.03 މިލިޔަން ޑޮލަރަށް ދަށްވެފައިވުމުގެ މައިގަނޑު ސަބަބަކީ އޭޕްރީލް މަހު ބޮޑެތި ދަރަނިތަކެއް ދެއްކުމުންނެވެ. އެގޮތުން ކުރީގެ ސަރުކާރުން ކުރިން ނަގާފައިވާ 524.68 މިލިއަން ޑޮލަރުގެ ސުކޫކު އޭޕްރީލް މަހު އަނބުރާ ދައްކައި ހަލާސްކޮށްފައިވެ އެވެ.
މިދަރަނި އަދާކޮށްފައި ވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑާއި ދައުލަތުގެ ރިޒާވް ބޭނުންކޮށްގެންނެވެ. މީގެ އިތުރުން، އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ވެސް އޭޕްރީލް މަހުގެ ތެރޭގައި އަނބުރާ ދައްކާފައިވެ އެވެ. މިފަދަ ބޮޑެތި ދަރަނިތައް އަދާކުރުމަކީ ރިޒާވްގެ މިންވަރަށް މި އަހަރުގެ ތެރޭގައި ބޮޑު ބަދަލެއް އައިސްފައިވާ މައިގަނޑު ސަބަބު ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.
ބޭރު ފައިސާގެ ގާނޫނުގެ ދަށުން، ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް ޖެހޭ ނިސްބަތުން ބޭންކުތަކަށް ޑޮލަރު މާރުކުރަން ޖެހޭއިރު، ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ ތެރެއިން 90 ޕަސެންޓް ޑޮލަރު ބޭންކުތަކުން އެމްއެމްއޭއަށް ވިއްކާނެ އެވެ. މީގެ ތެރެއިން ބައެއް އާންމުންގެ ބޭނުންތަކަށް ދޫކުރުމަށް އެމްއެމްއޭއިން ބޭންކުތަކަށް ވިއްކާއިރު، އޭގެ ބައެއް ރިޒާވް ހަރުދަނާ ކުރުމަށް ބޭނުންކުރެ އެވެ.
މިގޮތުން، ޖުލައި މަހަކީ އެމްއެމްއޭއަށް ބޭރު ފައިސާ ލިބުނު ޖުމްލަ އަދަދަށް ވުރެ އެމްއެމްއޭއިން ބޭރު ފައިސާ ވިއްކި ޖުމްލަ އަދަދު އިތުރުވި މަހެއް ކަމަށް އެމްއެމްއޭއިން ވަނީ ހާމަކޮށްފަ އެވެ. އެގޮތުން، އެމްއެމްއޭއިން ޖުލައި މަސް ތެރޭގައި ދަތުރުފަތުރާއި، ބޭސްފަރުވާއާއި، އުމްރާގެ ދަތުރުތަކަށް ޑޮލަރު ވިއްކި މިންވަރު ވަނީ ޖޫން މަހާއި އަޅާބަލާއިރު 172 ޕަސެންޓް އިތުރުވެފަ އެވެ.
ކޮންމެ ފަހަރަކީ ވެސް ތަފާތު ފަހަރެއް: ނިކޯލް
ޕީޕީއެމް އުވާލި ސަބަބު ސާފުކޮށްދިނުމަށް އިލެކްޝަން ކޮމިޝަނަށް
މާލޭގެ ގެއެއްގައި ރޯވެ ގެއްލުންވެއްޖެ