ފުރަތަމަ ފިޔަވަޅު ނުނެގޭ ނަމަ ދާން ބޭނުންވާ އެއްވެސް މަންޒިލަކަށް ދިއުމަކީ ނާދިރު ކަމެކެވެ. އެ ދަތުރުގައި ކާމިޔާބު ވިޔަސް ނުވަތަ ނާކާމިޔާބުވި ނަމަވެސް އެކަމަކުން ގިނަ އިބުރަތްތަކަކާއި ފިލާވަޅުތަކެއް ލިބެ އެވެ. ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ހާއްސަ ކެއުންތައް "ގުމްރީ ބައިޓްސް"ގެ ނަމުގައި ހިލޭ ޑެލިވަރީ ކުރުމުގެ ޚިދުމަތްދޭ މި ޒުވާން ވިޔަފާރިވެރިޔާ ދެކޭގޮތަކީ ވެސް އެއީ އެވެ.
އަލަށް މަސައްކަތެއް ފެށުމަކީ މުހައްމަދު އަހުލާމް (ދުމޭ) ދެކޭ ގޮތުގައި ނުރައްކަލަކަށް ހުށަހެޅުން ފަދަ ކަމެކެވެ. އެހެން ނަމަވެސް އެކަމާ ބެހޭ އިލްމާއި، އިތުބާރު ކުރެވޭ އެހީތެރިން ގާތުގައިވާ ނަމަ އެކަމެއް ކާމިޔާބު ކުރުމަކީ ދުރުކަމެއް ނޫނެވެ.
އޭނާ ދެކޭ ގޮތުގައި ގޭތެރޭގައި މުޅި ދުވާލު ފޯނާ ކުޅެން އޮތުމަށް ވުރެ ޕާރުސަލެއް ހިފައިގެން އޭތި މީހަކަށް ޑެލިވާ ކޮށްލަން ދިޔުމަކީ ހިތްހަމަޖެހުން ލިބޭނެ ކަމެކެވެ.
ދ. ރިބުނދޫއަށް އުފަންވި ނަމަވެސް ސުނާމީގައި ކ. ތުލުސްދޫއަށް ބަދަލުކުރި ދުމޭ މަތީ ސާނަވީ އާ ހަމައަށް ކިޔެވީ މާލެއިންނެވެ. އެއަށްފަހު އޭނާގެ ބައްޕަ މާލޭގައި ހިންގި "ޓީ ބްރޭކް" ކެފޭގެ ފައިނޭންސް އަދި ސޭލްސް ބަލަހައްޓައި ދިނުމުގެ މަސައްކަތް ކުރި އެވެ. ކޮވިޑް ތެރޭގައި ޓީ ބްރޭކް ހިންގުމަށް ދަތިވެގެން ބަންދު ކުރަން ޖެހުނެވެ. އޭގެ ފަހުން 2024 ގައި "ގުމްރީ ސްޕޮޓްސް"ގެ ނަމުގައި އާ ކެފޭއެއް ހުޅުވި އެވެ.
ދުމޭގެ ބައްޕަ ހިންގި ކެފޭގައި މަސައްކަތް ކުރުމުގެ ނަތީޖާއަކަށްވީ ވަރަށް ޅައުމުރުގައި ކެއެއް ހިންގުމުގެ ގިނަ ތަޖުރިބާތަކެއް ލިބިގެން ދިއުމެވެ. އެއަށް ފަހު ދުމޭ ހިންގާ ކެފޭއިން އިތުރު ހިދުމަތެއް ދޭން ނިންމި އެވެ.
"އަޅުގަނޑުމެންގެ ސޮސައިޓީގެ ގިނަ ބޭފުޅުންނަކީ ކާތަކެތި ޓްރައިކުރަން ތަނަކަށް ދިއުމަށް ވުރެ، އެބޭފުޅުންނާ ހަމައަށް ޑެލިވާ ކޮށްދެވެންޏާ ކޮންމެ އެއްޗެއް ވެސް ގަންނާނެ ބައެއް. އެކަހަލަ ލޮޖިކެއް މިއިންނަނީ އަޅުގަނޑުމެން ތެރޭގައި. ބިޒްނަސްއެއް ފެށުމަށް ބޭނުމިއްޔާ އޭގެ އެންމެ ރަނގަޅީ ކޮންގޮތެއްތޯ އަހާލުމުން، ގިނަ ބޭފުޅުން ދިން އައިޑިއާ އަކީ ޑެލިވަރީ ކުރަން ޓްރައި ކުރުމަށް،" މިވަގުތު އެމްއެންޔޫގައި ބެޗެލާސް އިން ޕޮލިޓިކަލް ސައިންސް އަދި އިންޓަނެޝަނަލް ރިލޭޝަންސްގެ ރޮނގުން ކިޔަވަމުން އަންނަ ދުމޭ ބުންޏެވެ.
ދެން އޭނާ ވިސްނަން ފެށީ ޑެލިވާކުރާނެ މުޅިންއާ އެއްޗަކާ ދޭތެރޭ އެވެ. މުޅިން އާ ކަމެއް ތައާރަފު ކުރަން ވިސްނަނިކޮށް މި މުޖްތަމައުގައި ވަޒީފާ އަދާކުރަން އައިސް އުޅޭ ބިދޭސީން ގިނަވެފައި ވާތީ، އެ މީހުންގެ ގައުމުގައި، އަމިއްލަ ގޭގެ ބަދިގެއިން ލިބޭ ކަހަލަ ކާއެއްޗެއް އެމީހުންނަށް ފޯރުކޮށްދެވިއްޖެ ނަމަ، އެއީ މުޅިން އާކަމަކަށް ވާނެ ކަމަށް އޭނާ ނިންމި އެވެ.
"ގުމްރީ ބައިޓްސް ޓާގެޓް ކުރަނީ ކެފޭތަކުން އާންމުކޮށް ލިބޭ ކާއެއްޗެހީގެ އިތުރުން ހާއްސަ މެނޫއެއް ލައިގެން އެ މީހުންގެ ގައުމުގެ މޯމޯސް، ޗައުމިން، ޗަޓްޕަޓޭ ފަދަ ކާއެއްޗިއްސަށް،" ދުމޭ ބުންޏެވެ.
ދުމޭއަށް ވިސްނުނީ ނޭޕާލްގެ ސަގާފީ ކާތަކެތި ފޯރުކޮށްދޭން ފެށުމުން މާލޭގައި ދިރިއުޅޭ ނޭޕާލް ރައްޔިތުން އޭތި ވަރަށް ބޮޑަށް ބަލައިގަންނާނެ ކަމަށެވެ. ކަންވީ ވެސް ހަމަ އޭނާ އުންމީދުކުރި ގޮތަށެވެ. އޭނާ ސީދާ އެ މަސައްކަތަށް ގެނައި ނޭޕާލް ކައްކާ މީހާއަށް ކަންތައް ކުރަންވާ ގޮތް ރަނގަޅަށް ކިޔައިދީ އެފްބީ އަދި އިންސްޓަގްރާމްގައި "ގުމްރީ ބައިޓްސް"ގެ ނަމުގައި ޑެލިވަރީ ޕްރޮމޯޓް ކުރަން ފެށި އެވެ.
"ހަގީގަތަށް ބުނާނަމަ ހަތްދިހަފަސް ޕަސެންޓް ކަސްޓަމަރުންނަކީ ހަމަ ވަރަށް ބޮޑަށް ރެގިއުލާވެފައި އޮންނަ ކަސްޓަމާސް. ކޮންމެ ދުވަހަކު ވެސް އެ މީހުންގެ ބްރޭކް ޓައިމްއަށް، އެ މީހުންގެ ޑިނާއަށް ވަކި ފުޑް އައިޓަމްތަކެއް އަބަދުވެސް ލިބި ލިބި ހުންނަން އޯޑާ ލިބޭ. އޭގެ އިތުރު އެމީހުންގެ ހާއްސަ ހަފްލާތަކަށް 'ބަލްކް' އޯޑާތައް ވެސް އާދޭ، "ދުމޭ ބުންޏެވެ.
އޭނާ ދެކޭ ގޮތުގައި ބޮޑެތި އޯޑަރުތައް އަންނަން ފެށުމަކީ އޭނާގެ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. އޭގެ އިތުރުން ދިވެހިން ވެސް ނޭޕާލް ކެއުންތަކަށް ޝައުގުވެރި ވާން ފަށައިފި ކަމުގެ ސިގުނަލް އެ މީހުންގެ ފަރާތުން ލިބޭ އޯޑަރުތަކުން އެނގިގެންދާކަން އޭނާ ފާހަގަކުރި އެވެ.
ނޭޕާލްގެ ހާއްސަ ކެއުންތަކުގައި ސީދާ ދިވެހި ރަހަ ނެތް ނަމަވެސް ދިވެހިން ގަޔާވާ ކެއުންތަކެއް ހުރިކަން އޭނާ ފާހަގަ ކުރި އެވެ. އޭގެ ތެރޭގައި މޯމޯސް، ޗަޓްޕަޓޭ، އަދި ޗޯމެއިން ހިމެނެ އެވެ.
އޭނާ މިމުޖުތަމައަށް ތައާރަފްކުރި މުޅިން އާ މި މަސައްކަތަށް މީހުން ދޭ "ޕޮސިޓިވް ފީޑްބެކް" އާއި އަދި ބޮޑެތި "ބަލްކް" އޯޑަރުތަކަކީ ކަސްޓަމާސް އޭނާގެ މަސައްކަތް ބަލައިގަތް ކަމުގެ ވަރަށް އަލިގަދަ ހެއްކެއް ކަމަށް އޭނާ ދެކެ އެވެ. އެހެން ނަމަވެސް ތޮއްޖެހިފައިވާ މި މާލޭގައި އޯޑަރުތައް ގަޑިއަށް ޑެލިވަރީ ކުރުމުގެ ދަތިކަން ހުރިކަން އޭނާ ހިތާމަޔާއެކު ފާހަގަ ކުރެ އެވެ.
"އަޅުގަނޑުމެންނަށް ކޮންމެ ކަސްޓަމަރެއް ވެސް ވަރަށް މުހިންމު. އަދި ވަގުތަށް ޑެލިވާ ކުރަން ކޮންމެ ކަސްޓަމަރެއް ވެސް ބޭނުންވާނެކަން ވެސް އެނގޭ. އެހެން ނަމަވެސް ހުޅުމާލެއަށް ދާން ނަގާ 20 ވަރަކަށް މިނެޓްގެ ސަބަބުންނާއި މާލެ ތެރޭގައި ޓްރެފިކްގެ މައްސަލަ ބޮޑުވުމުގެ ސަބަބުން ވަގުތަށް އޯޑަރު ފޯރުކޮށް ދިނުމުގަ ޑިލޭއެއް އައިސްދާނެ. އަޅުގަނޑު ބުނެލަން ބޭނުންވަނީ ކޮންމެ ކަސްޓަމާ އެއްވެސް ކެތްތެރި ވެލައްވާށޭ،" ދުމޭ ބުންޏެވެ.
މެންދުރު 2:30 އިން ފެށިގެން ފަތިހު 4:00 އަށް ޑެލިވަރީގެ ޚިދުމަތްދޭ މި ކާމިޔާބު މަސައްކަތުގައި ގިނަ ބައެއްގެ އެހީތެރިކަން ލިބޭކަން އޭނާ އުފަލާއެކު ފާހަގަކުރި އެވެ. އޭގެ ތެރޭގައި އޭނާގެ މަސައްކަތުގައި ގެންގުޅޭ ޓީމް އަދި ގާތް އެކުވެރިން އޭނާ ފާހަގަކުރި އެވެ.
"އޯޑަރެއް އައިމަ ހަމަ ޝެފްއަށް އަންގާލުމުން އެދީފައި އިންނަ ވަގުތުގެ ތެރޭ ތައްޔާރު ކޮށްލަ ދޭނެ. ދެން ޑެލިވަރީއާ ބެހޭ ހުރިހާ ތަފްސީލެއް އަޅުގަނޑުމެންގެ ގްރޫޕުގައި ޖަހާލީމަ، ޑެލިވާކުރާ ކުއްޖާ އެލޮކޭޝަނަށް ގެންގޮސްދޭނެ. ބައެއް ފަހަރު އަޅުގަނޑު ވެސް ޑެލިވަރީގަ އުޅެން. ދެން އަޅުގަނޑު ބިޒީވެގެން އޮފީހުގަ ނުވަތަ ކޮލެޖުގައި އިންނަން ޖެހޭ ގަޑިއެއްގައި ރައްޓެހި ކުއްޖެއް ކައިރީ މިވެނި އެއްޗެއް އިންނާނޭ އޭތި ޑެލިވަރީ ކޮށްލަ ދެވިދާނެހޭ ބުނާއިރަށް އެ މީހުން ވެސް އެކަމެއް ކޮށްދޭ،" ވަރަށް އުފަލާއެކު ދުމޭ ބުންޏެވެ.
ގުމްރީ ބައިޓްސްގެ ޚިދުމަތް ފެށުމަށް ފަހު އަދި ގިނަ ދުވަސްވެފައި ނުވި ނަމަވެސް، ގިނަ ބައެއްގެ ތަރުހީބު އަންނަނީ ލިބެމުންކަން އޭނާ ފާހަގަކުރި އެވެ. މިހާރު އޭނާގެ ވިސްނުމަކީ އެ ވިޔަފާރި އިތުރު ލެވެލަކަށް ގެންދިއުމެވެ. އެކަމަށްޓަކައި މަޝްހޫރު ފުޑް ރިވިއު ކުރާ ބޭފުޅުންގެ ރިވިއު ނަގައި ސޯޝަލް މީޑިއާގައި ޕޯސްކުރަން ފެށުމުގެ މަސައްކަތް ކުރިއަށް އޮތް ތާނގައި ކުރުމަށް އޭނާ އެދަނީ ތައްޔާރު ވަމުންނެވެ.