ރައީސް ޑރ. މުހައްމަދު މުއިއްޒު އަންނަ އާދީއްތަ ދުވަހު ރަސްމީ ދަތުރުފުޅެއްގައި މެލޭޝިޔާއަށް ވަޑައިގަންނަވާނެކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.
ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅު ރައީސް މުއިއްޒު އެ ގައުމަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 27 އިން 30 އަށް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި މޯލްޑިވިއަން ސްޓޫޑަންޓް އެސޯސިއޭޝަން އޮފް މެލޭޝިއާ އިފްތިތާހުކުރުމަށް އަންނަ ހޯމަ ދުވަހު އެ ގައުމުގެ ގްރޭންޑް ހަޔަޓްގައި ބާއްވަން ހަމަޖެއްސި ރަސްމިއްޔާތު މިހާރު ކެންސަލްކޮށްފައިވާ ކަން އެކި ޔުނިވާސިޓީތަކުން ވަނީ ދަރިވަރުންނަށް އަންގައިފަ އެވެ.
މެލޭޝިއާ އެމްބަސީގެ އޮފިޝަލަކު "ހުރިހާ"އަށް މިއަދު ވިދާޅުވީ އެ ރަސްމިއްޔާތު ކެންސަލް ކުރީ އެ އެސޯސިއޭޝަންގެ އިންޓަރިމް އެގްޒެކެޓިވް ކޮމިޓީގައި ހިމެނޭ ބައެއް މެންބަރުން އެ ރަސްމިއްޔާތުގައި ބައިވެރިވާން ދެކޮޅު ހެދުމުން ކަމަށެވެ. މީގެ އިތުރުން އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރަން ހާއްސަ ޑިނާއެއް ވެސް އެތަނުގައި ބާއްވަން ނިންމާފައިވެ އެވެ.
ގްރޭންޑް ހައިޓްގައި ބާއްވާ އެ ބައްދަލުވުމުގެ ދައުވަތު މިދިޔަ ހަފުތާގައި އެމްބަސީން ވަނީ ދިވެހިންނަށް ފޮނުވާފަ އެވެ. ނަމަވެސް އެ ބައްދަލުވުމަށް ހާޒިރުނުވާނެ ކަމަށް އެ ގައުމުގައި އުޅޭ ގިނަ ދިވެހީންނާއި އެކިއެކި ޔުނިވާސިޓީތަކުގައި ކިޔަވާ ދަރިވަރުން ވެސް ބުނެފައިވާތީ، މިހާރު އެ ބައްދަލުވުން ކެންސަލްކޮށްފައިވާ ކަމަށް މެލޭޝިއާ އެމްބަސީގެ އޮފިޝަލް ވިދާޅުވި އެވެ.
ރައީސް އޮފީހުން ބުނީ ރައީސްގެ ދަތުރުފުޅުގައި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އަށް ޒިޔާރަތްކުރައްވައި އެ ޔުނިވާސިޓީގައި ދަރުހެއް ދެއްވާނެ ކަމަށެވެ. އެ ދަރުސް ދެއްވުމަށް ހަމަޖެހިފައި އޮތީ އެމަނިކުފާނަށް އޮނަރަރީ ޑޮކްޓަރޭޓްކަން ދިނުމުގެ ރަސްމިއްޔާތުގަ އެވެ.
އެކަމާ ގުޅިގެން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއުްސުއޫދު ވަނީ ރައީސް މުއިއްޒަށް އޮނަރަނީ ޑޮކްޓަރޭޓްކަން ނުދިނުމަށް އެދި ސަބަބު ބަޔާންކޮށް ވަރަށް ތަފްސީލީ ސިޓީއެއް އެ ޔުނިވާސިޓީއަށް ފޮނުވާފަ އެވެ.
އެ ޔުނިވާސިޓީއަށް އެ ދެބޭފުޅުން ސިޓީ ފޮނުވި ފަހުން އެ ރަސްމިއްޔާތު ކެންސަލްކޮށްފައިވާ ކަމަށް ވެސް އެނގިފައިވެ އެވެ.