އަންހެން ކުދިން ސެޓެލައިޓް އުފެއްދުމުގެ ދާއިރާއަށް އަހުލުވެރިކުރުވުމުގެ މަގުސަދުގައި ކުރިއަށްގެންދާ ބައިނަލްއަގުވާމީ ބޮޑު މަޝްރޫއެއް ކަމަށްވާ "މިޝަން ޝަކްތީސެޓް" ގެ ދެވަނަ ފިޔަވަހީގައި ދިވެހިރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ދިވެހި ދަރިވަރެއް ކަމަށްވާ އާމިނަތު ނޯޔާ ސަމީހު ހޯދައިފި އެވެ.

މި މަހު އިންޑިއާގެ ވެރިރަށް ދިއްލީގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާތުގައި ނޯޔާ ބައިވެރިވާކަން ހާމަކޮށްފައިވަނީ 'ވިމެން އިން މެނޭޖްމަންޓް' (ވިމް) އިން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގަ އެވެ. މިފަދަ ޝަރަފުވެރި ބައިނަލްއަގުވާމީ މިޝަނެއްގައި ރާއްޖޭގެ ދިދަ އުފުލުމުގެ ފުރުސަތު ނޯޔާއަށް ލިބިގެންދިޔުމަކީ މުޅި ގައުމަށް ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށް އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފަ އެވެ.

"މިޝަން ޝަކްތީސެޓް" އަކީ 'ސްޕޭސް ކިޑްޒް އިންޑިއާ' އިން އިސްނަގައިގެން ކުރިއަށްގެންދާ، ހަމައެކަނި އަންހެން ކުދިންނަށް ހާއްސަކޮށް މުޅި ދުނިޔޭގައި ވެސް ހިންގޭ އެންމެ ބޮޑު އަދި އެންމެ އުންމީދީ އެއް ޖައްވީ ޕްރޮގްރާމެވެ. ދުނިޔޭގެ 108 ގައުމަކުން 12،000 އަންހެން ކުދިން ބައިވެރިވާ މި މަޝްރޫއުގެ މައިގަނޑު އަމާޒަކީ ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި ހިސާބު (ސްޓެމް) ގެ ދާއިރާތަކުން ޒުވާން އަންހެން ކުދިން ބާރުވެރިކުރުވައި ކުރިއަށްދިއުމަށް މަގުފަހިކޮށްދިނުމެވެ. މި ޕްރޮގްރާމުގެ ދަށުން، ހަނދުގެ އޯބިޓަށް ފޮނުވާލުމަށް ހަމަޖެހިފައިވާ ހާއްސަ ސެޓެލައިޓެއް ފަރުމާކުރުމާއި، ބިނާކުރުމުގެ އިތުރުން ޖައްވަށް އުދުއްސާލުމުގެ އަމަލީ މަސައްކަތްތައް ކުރިއަށްދާނެއެވެ.

https://www.facebook.com/photo.php?fbid=1564801128769715&set=a.671700714746432&type=3&ref=embed_post

ވިމް އިން ހާމަކުރި ގޮތުގައި، ނޯޔާއަކީ ސައިންސާއި ކޮމްޕިއުޓަރު ޓެކްނޮލޮޖީގެ ރޮނގުން ކުރިއަށްދިއުމަށް ހާއްސަ ޝައުގުވެރިކަމެއް ބަހައްޓަމުން އަންނަ މޮޅު ދަރިވަރެކެވެ. އޭނާގެ އަމާޒަކީ ކޮމްޕިއުޓަރު ސައިންސްގެ ދާއިރާއިން ތައުލީމު ހާސިލުކޮށް، ޒަމާނީ އާ އީޖާދުތަކުގެ އެހީގައި މުޖުތަމައަށް ފައިދާހުރި ހެޔޮ ބަދަލުތަކެއް ގެނެސްދިނުމެވެ. މީގެއިތުރުން، އޭނާއަކީ ވާހަކަދެއްކުމުގެ ހުނަރުވެރިއެއްކަން ފާހަގަކުރަމުން ވިމް އިން ބުނީ، ސައިބާ ބުލީއިން ހުއްޓުވުމަށާއި އިންޓަނެޓްގެ ރައްކާތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު އޮންލައިން ކެމްޕޭންތަކާއި ސްޕީޗްތައް ވެސް ނޯޔާ ވަނީ ކާމިޔާބުކަމާއެކު ދީފައި ކަމަށެވެ.

މި ފުރުސަތާ ގުޅިގެން ނޯޔާ ބުނެފައިވަނީ، މިއީ އޭނާގެ ހުވަފެންތައް އިތުރަށް ފުޅާކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާއާ އެއް އުމުރެއްގެ ޒުވާނުންނާ ބައްދަލުވެ، ޖައްވީ އިލްމުގެ ތެރެއިން ގިނަ އާ ކަންތައްތަކެއް އުނގެނުމަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި މި ތަޖުރިބާގެ ސަބަބުން އަމިއްލަ ނަފްސަށް އޮތް އިތުބާރު އިތުރަށް ވަރުގަދަވެ، ކަންކަމުގައި އުންމީދުތައް އުސްކޮށް ބެހެއްޓުމުގެ މުހިންމުކަން ދަސްވެގެންދިޔަ ކަމަށްވެސް އޭނާ ފާހަގަކުރި އެވެ.