އެމެރިކާގެ ރިޔާސީ އިންތިހާބާއި ގުޅިގެން ބާއްވާ ރިޔާސީ ބަހުސްގެ ފަހު ބުރު އިއްޔެ ބާއްވާފައިވާ އިރު އެ ބަހުސް ހުށައަޅައިދިން ކްރިސްޓެން ވެލްޓާއަށް ސޯޝަލް މީޑިއާގައި ތައުރީފު އޮހެމުން އެބަދެ އެވެ.
ޕެންސިލްވޭނިއާއަށް އުފަން އުމުރުން 44 އަހަރުގެ ކްރިސްޓެން ގްރެޖުއޭޓްވެފައި ވަނީ 1998 ވަނަ އަހަރު އޮކްސްފޯޑު ޔުނިވަސިޓީއިންނެވެ.
އެއަށް ފަހު 2011 ވަނަ އަހަރު އެންބީސީގައި ވައިޓް ހައުސް ކޮރެސްޕޮންޑެންޓްގެ މަގާމުގައި ހުރެ، އެންބީސީގެ "ދަ ވީކެންޑް ޓުޑޭ" ގެ ކޯ ހޯސްޓްކަން ވެސް އަންނަނީ ކުރަމުންނެވެ.
ބަހުސް ނިމުނު ފަހުން މިހާތަނަށް އޭނާއާ ގުޅޭ 125،000 އަށްވުރެ ގިނަ ޓުވީޓުކޮށްފައިވާ އިރު ގިނަ މީހުން ބުނަމުން ދަނީ ބަހުސްއިން މޮޅުވީ އޭނާ ކަމަށެވެ. އަދި ބަހުސް ކުރިއަށް ގެންދިޔަ ގޮތާ މެދު މީހުން ވަނީ އޭނާ އަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.
ކްރިސްޓެން އަކީ މިހާތަނަށް ރިޔާސީ ބަހުސްއެއް ހުށައަޅައިދިން ކަޅު ނަސްލަށް ނިސްބަތްވާ ދެވަނަ އަންހެން މީހާ އެވެ.
ރިޔާސީ ބަހުސްގެ ފުރަތަމަ ބުރު ހުށައަޅައިދިން ފޮކްސް ނިއުސްގެ ނޫސްވެރިޔާ ބަހުސް ކުރިއަށް ގެންދިޔަ ގޮތާ ގުޅިގެން ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އަދި ނައިބު ރައީސަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ މެދުގައި ބޭއްވި ބަހުސް ހުށައަޅައިދިން ސޫސަން ޕޭޖްއަށް ވެސް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.
މިހުރިހާ ކަމަކުން އިބުރަތް ލިބިގަނެ ޓައިމް މެނޭޖްކޮށް ދެ ކެންޑިޑޭޑުންގެ ދެމެދުގައި ދެކެމުނު ވާހަކަތައް ކޮންޓްރޯލް ކުރި ގޮތުން ކްރިސްޓެންއަށް މީހުން ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.
ކްރިސްޓެން ބަހުސް ކުރިއަށް ގެންދިޔަ ގޮތުން އޭނާއަށް މެޑަލް އެއް ހައްގުވާނެ ކަމަށް ބައެއް މީހުން ބުނަމުން ދިޔަ އިރު ބަހުސް ނިންމާލުމަށް ފަހު ޑޮނާލްޑް ޓްރަމްޕް ވެސް ވަނީ ކްރިސްޓެން އަށް ތައުރީފުކޮށް ވާހަކަ ދައްކަވާފަ އެވެ.