ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި ބޮޑެތި މަޝްރޫއުތަކުގެ 'ކްރެޑިޓް' މިހާރުގެ ސަރުކާރުގެ އިސްވެރިން ނަންގަވަން އުޅުއްވާތީ، އެ ބޭފުޅުންނަށް ރައީސް ޔާމީން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ޕީއެންއެފްގެ ފަރާތުން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި ދައުލަތުގެ މުހިންމު ނިންމުންތައް ނިންމި އިގްތިސާދީ އަދި އިޖުތިމާއީ ކޮމިޓީގައި މިހާރުގެ ރައީސް މުހައްމަދު މުއިއްޒު އޭރު ބައިވެރިވެވަޑައިގެންފައި ނުވާނެ ކަމަށެވެ. އެހެންކަމުން، ދައުލަތުގެ ބޮޑެތި ކަންކަމުގައި ރައީސް މުއިއްޒު އިރުޝާދާއި ލަފާދެއްވި ކަމަށް ބުނެ ދައްކާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ޔާމީން ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއަށް ރައީސް ޔާމީން ވަނީ މަލާމާތުގެ ރައްދެއް ދެއްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ، އޭރު ރައީސް އޮފީހުގައި ބަޖެޓުގެ ހިސާބުތައް ޖަހަން ހުންނެވި ބޭފުޅަކީ އަބްދުއްރަހީމް ކަމަށާއި، އޭނާ ހުންނެވުމުން ލެޕްޓޮޕެއް ނުވަތަ ކޮމްޕިއުޓަރެއްގެ ބޭނުން ވެސް ޖެހިވަޑައިނުގަންނަވާ ކަމަށެވެ.
ޝުޖާއުއަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ، އޭރުގެ "ހާރިޖީ މުޝީރަކީ" ޝުޖާއު ކަމަށާއި، އޭނާއަށް އެނގޭނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކުރެއްވި ވައްކަމުގެ ވާހަކަތައް ކިޔައިދޭން ކަމަށެވެ.
މި ފާޑުކިޔުންތައް އަމާޒުވެފައި މިވަނީ، ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު އުޅުއްވީ ތާސްކުޅުއްވުމުގައި ކަމަށް ބުނެ ޕީއެންސީގެ ލީޑަޝިޕުން ދާދިފަހުން ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ އަރިހުގައި އޭރު ތިއްބެވި ބޭފުޅުންގެ ފެންވަރާއި އިހުލާސްތެރިކަން އެމަނިކުފާނަށް ވުރެ ބޮޑަށް ރައްޔިތުންނަށް ކިޔައިދެވޭނެ އެހެން ބޭފުޅަކު ނުހުންނާނެ ކަމަށެވެ.
ސަރުކާރު ކުންފުނިތަކަށް ބިން ދޫކުރެވޭގޮތަށް ގަވާއިދު ބަދަލުކޮށްފި
ވިއްސާރައިގައި އިންޑިއާއިން 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
އެމެރިކާއިން އަލުން ހަމަލާ ދޭނަމަ ރައްދު ވަރުގަދަވާނެ: އީރާން