ރޭގަނޑު 7 ގަޑިއިރާއި 8ގަޑިއިރާ ދެމެދުގެ އަރާމު ނިންޖެއް ލިބުނު ކަމުގައި ވިޔަސް، ދުވާލު ގަޑީގައި އަބަދު ވަރުބަލިވެ، ހަކަތަ ހުސްވާ ގޮތްވޭ ހެއްޔެވެ؟

އާންމުކޮށް މިފަދަ ކަންކަމުގައި ނިދި މަދުވުމަށް ނުވަތަ ސްޓްރެސްއަށް އިނގިލި ދިއް ކުރެވުނު ނަމަވެސް، މިއީ ހަށިގަނޑުގެ ބަރުދަން މިނަށްވުރެ އިތުރުވުމުގެ (އޮބީސިޓީ) ސަބަބުން ދިމާވާ ކަމަކަށް ވެސް ވެދާނެ އެވެ.

އިންޑިއާގެ މަނީޕާލް ހޮސްޕިޓަލުގެ މިނިމަލް އެކްސެސް އެންޑް ރޮބޯޓިކް ސާޖަރީގެ ހެޑް، ޑރ. ނިކިލް ޔާދަވް ވިދާޅުވި ގޮތުގައި، މޫނާއި ބަނޑުގައި ޖަހާ ސަރުބީގެ ސަބަބުން ހަމައެކަނި ދިރިއުޅުމަށް ދަތިވަނީއެއް ނޫނެވެ. އޭގެ ސަބަބުން ނިދީގެ ފެންވަރަށާއި ހަށިގަނޑުގެ ހަކަތައަށް ބޮޑެތި ބަދަލުތަކެއް އާދެ އެވެ.

ބަރުދަން އިތުރުވުމުން ނިންޖަށް އަސަރުކުރާ ގޮތް:

  • ސްލީޕް އެޕްނިއާ: ނޭވާ ހިނގާ މަގުތަކުގެ ވަށައިގެން ސަރުބީ ޖެހުމުގެ ސަބަބުން، ނިދާފައި އޮންނައިރު ނޭވާލާން ދަތިވެ އެވެ. މިއީ ނިދީގައި ނޭވާ ކުރުވާ މައްސަލައަށް މަގުފަހިކުރާ ކަމެކެވެ. ނަތީޖާއެއްގެ ގޮތުން 8 ގަޑިއިރު އެނދުގައި ހޭދަ ކުރިޔަސް، ހަށިގަނޑަށް ބޭނުންވާ ފުން ނިދި ނުލިބި، ހޭލާއިރު ވަރުބަލިކަން އިހުސާސްވެ އެވެ.
  • އިންފްލެމޭޝަން އަދި އިންސިއުލިން ރެސިސްޓެންސް: ބަރުދަން އިތުރުވުމަކީ ހަށިގަނޑުގައި ދާއިމީ އިންފްލެމޭޝަން އުފެދި، އިންސިއުލިން މަސައްކަތް ކުރުމަށް ހުރަސްއެޅޭ ކަމެކެވެ. މިއީ ސެލްތަކަށް ބޭނުންވާ ގްލޫކޯޒް ފޯރުކޮށްދިނުމަށް ދަތިވެ، ދާއިމީ ވަރުބަލި ކަމަށް މަގުފަހިކުރުވާ ކަމެކެވެ.

އަޅާނުލައި ދޫކޮށްލައިފިނަމަ ވާނީ ކިހިނެއް؟

މިފަދަ ވަރުބަލި ކަމަށް އަޅާނުލައި ދޫކޮށްލުމަކީ ލޭމައްޗަށް ދިއުމާއި، ޓައިޕް 2 ޑައިބެޓީސް، ހިތުގެ ބަލިތައް އަދި ސްޓްރޯކް ފަދަ ނުރައްކާތެރި ބަލިތަކަށް މަގުފަހިވާނެ ކަމެކެވެ.

މީގެ އިތުރުން ކަށިތަކުގައި ރިއްސައި، ހަރަކާތްތެރިވެ އުޅުން މަދުވުމުގެ ސަބަބުން ނަފްސާނީ ގޮތުން ކަންބޮޑުވުމާއި މާޔޫސްކަމަށް ވެސް މަގުފަހިވެ އެވެ.

ރަނގަޅަށް ނިދާ މީހެއްގެ ކިބައިން ގަދައަށް ގުގުރި ދެމުމާއި، ހޭލާއިރު ބޮލުގައި ރިއްސުމާއި، ނޭވާ ކުރުވުން ނުވަތަ ސަބަބެއް ނެތި ބަރުދަން އިތުރުވުން ފަދަ އަލާމާތްތައް ފެންނަނަމަ، ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް ޑޮކްޓަރު އިރުޝާދު ދެއްވަ އެވެ. ކެއުމުގެ އާދަތަކަށް ބަދަލު ގެނެސް، ކަސްރަތު ކުރުމަކީ މި މައްސަލައިން ސަލާމަތް ވުމަށް އޮތް އެންމެ ރަނގަޅު ހައްލެވެ.