ކުދިންގެ ނަފްސާނީ އަދި އިޖުތިމާއީ ތަރައްގީއަށް އެކުވެރިންނަކީ ވަރަށް މުހިންމު ބައެކެވެ. ނަމަވެސް، އެކި ސަބަބުތަކާ ހުރެ އާ އެކުވެރިން ހޯދުމަކީ ބައެއް ކުދިންނަށް ވަރަށް އުނދަގޫ އަދި ޖެހިލުންވާ ކަމަކަށް ވެދާނެ އެވެ.

ނަފްސާނީ މާހިރުން ފާހަގަކުރައްވާ ގޮތުގައި، ކުދިންނަށް އިޖުތިމާއީ ގުޅުންތައް ބަދަހިކުރަން ދަސްކޮށްދިނުމުގައި ބެލެނިވެރިންގެ ދައުރު ވަރަށް ބޮޑެވެ.

ކުދިންނަށް އެކުވެރިން ހޯދައިދިނުމަށްޓަކައި އެންމެ ފުރަތަމަ ކުރެވިދާނެ ކަމަކީ ގޭތެރޭގައި އިޖުތިމާއީ ހުނަރުތައް ފަރިތަ ކުރުވުމެވެ. އެގޮތުން އާ ކުއްޖަކާ ބައްދަލު ވުމުން ސަލާމް ކޮށްލާނެ ގޮތާއި، ތައާރަފްވާނެ ގޮތް ނުވަތަ ބައިވެރިވުމަށް އަހާނެ ގޮތް ގޭގައި ކުޅުމުގެ ތެރެއިން ދަސްކޮށް ދެވިދާނެ އެވެ.

މީގެ އިތުރުން، ކުއްޖާގެ ޝައުގުވެރިކަން ހުންނަ ކުޅިވަރުތަކާއި ހަރަކާތްތަކުގައި ބައިވެރި ކުރުމަކީ އެއްގޮތް ޝައުގުތައް ހުންނަ އެހެން ކުދިންނާ ބައްދަލުވެ، ރައްޓެހިކަން އުފެދުމަށް މަގުފަހިވާނެ ކަމެކެވެ.

އެކުވެރިން ހޯދަން އުނދަގޫވާ ކުދިންނަށް އެހީތެރިވުމުގެ ގޮތުން، ގޭގައި ކުދިކުދި 'ޕްލޭޑޭޓް' ނުވަތަ އެކުގައި ކުޅޭނެ ވަގުތު އިންތިޒާމު ކޮށްދެވިދާނެ އެވެ.

ގިނަ ކުދިން އެއްފަހަރާ އެއްކުރުމުގެ ބަދަލުގައި، ފުރަތަމަ ކޮޅު އެއް ކުއްޖަކާއެކު ވަގުތު ހޭދަ ކުރަން ފުރުސަތު ދިނުމުން، ލަދުގަންނަ ކުދިންނަށް ގުޅުން ބަދަ ހިކުރަން ފަސޭހަ ވެގެންދާނެ އެވެ.

ހަމައެއާއެކު ކުއްޖާ ކުރާ ކުދިކުދި މަސައްކަތްތަކަށް ސާބަސްދީ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑު ކޮށްދިނުމަކީ ވެސް އެހެން ކުދިންނާ ގުޅެން ފަސޭހަވާނެ ކަމެކެވެ.

ކުއްޖާއަށް އެކުވެރިން ނުލިބިގެން ދެރަވާ ހާލަތްތަކުގައި، އެކަން ބަލައިގަނެ، އެކަމާ މެދު ވާހަކައްކައި ހިތްވަރު ދިނުމަކީ މުހިންމު ކަމެކެވެ.

ކުއްޖާއަށް މަޖުބޫރު ކޮށްގެން އެކުވެރިން ހޯދަން ބާރު އެޅުމުގެ ބަދަލުގައި، ކުއްޖާގެ އަމިއްލަ މިޒާޖާއެކު ކުރިއަށްދާން ފުރުސަތު ދިނުމުން، ވަގުތާއެކު އެކުވެރިން ހޯދުމުގެ ހުނަރު ކުއްޖާގެ ކިބައިގައި އަށަގަންނާނެ އެވެ.