ބޭރުން ގަންނަން ލިބޭ ފްރެންޗް ފްރައިޒްއަކީ ސިނގިރޭޓަށްވުރެ ވެސް ނުރައްކާތެރި އެއްޗަކަށް ވެދާނެ ކަމަށް ބުނެ، އިންޑިއާގެ ގުރޫގްރާމްގެ ކެންސަރު ބަލީގެ ހާއްސަ ސާޖިކަލް އޮންކޮލޮޖިސްޓް ޑރ. ވަރްތިކާ ވިޝްވާނީ އިންޒާރު ދެއްވައިފި އެވެ.

ޑރ. ވަރްތިކާ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއެއްގައި ބުނެފައިވަނީ، އޮންކޮލޮޖިސްޓެއްގެ އިތުރުން މަންމައެއްގެ ހައިސިއްޔަތުން އޭނާގެ ދަރިފުޅަށް އަދިވެސް ދީފައިނުވާނެ އެކައްޗަކީ ފްރެންޗް ފްރައިޒް ކަމަށެވެ.

ބޭރުން ތައްޔާރުކޮށްފައި ހުންނަ ފްރެންޗް ފްރައިޒްއަކީ ކިހާ ނުރައްކާތެރި އެއްޗެއްކަން އެނގުމުން ގިނަ ބަޔަކަށް ޝޮކެއް ލިބޭނެ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ޑޮކްޓަރު ފާހަގަކުރެއްވި ގޮތުގައި، މި ނުރައްކާ ކުރިމަތިވަނީ އަލުވީގެ ސަބަބުންނެއް ނޫނެވެ. ނަމަވެސް، ފާސްޓް ފުޑް އައުޓްލެޓްތަކުން ތެޔޮ ތަކުރާރުކޮށް ގިނަފަހަރު މަތިން ބޭނުން ކުރުމުގެ ސަބަބުންނެވެ.

ތެޔޮ ހޫނުކުރާ ކޮންމެ ފަހަރަކު އޭގައި އެކުލެވޭ "ޓްރާންސް ފެޓް" އާއި ސެލްތަކަށް ގެއްލުންދޭ މާއްދާތައް (ޓޮކްސިންސް) އިތުރުވެ އެވެ.

ސައިންސްގެ ހޯދުންތަކުން ދައްކާ ގޮތުގައި، މިގޮތަށް ގިނަފަހަރު މަތިން ހޫނު ކޮށްފައިވާ ތެލުން އުފެދޭ ބައެއް މާއްދާތަކަކީ ހަށިގަނޑުގެ ދުޅަހެޔޮކަން ކަނޑުވާލައި، އިންފްލެމޭޝަން އިތުރު ކުރުވާ ވަރަށް ނުރައްކާތެރި މާއްދާ ތަކެކެވެ.

މީގެ އިތުރުން، ފްރެންޗް ފްރައިޒްގައި ގިނަ އަދަދަކަށް ލޮނު އެކުލެވުމުގެ ސަބަބުން ކުރިމަގުގައި ލޭގެ ޕްރެޝަރުގެ މައްސަލަތައް ކުރިމަތި ވުމުގެ ފުރުސަތު ބޮޑުވާކަމަށް އޭނާ ބުންޏެވެ.

ކުޑަކުދިން ގިނައިން ފްރެންޗް ފްރައިޒް ކާ ހިތްވާއިރު، މިއީ ހަށިގަނޑަށް ފައިދާހުރި މާއްދާތައް މަދު، ނަމަވެސް ކެލޮރީ ގިނަ ކާ އެއްޗަކަށް ވާތީ ކުޑަކުދިންގެ މެދުގައި ފަލަބަލި އިތުރުވުމަށް ދިމާވާ މައިގަނޑު ސަބަބަކަށްވެސް އެކަންވެ އެވެ.

ޑރ. ވަރްތިކާ އިތުރަށް ބުނީ ގޭގައި އަމިއްލައަށް އާ ތެޔޮ ބޭނުން ކޮށްގެން މަދުން ފްރެންޗް ފްރައިޒް ހެދުމަކީ މައްސަލައެއް ނޫން ކަމަށެވެ.

ނަމަވެސް ބޭރުން ގަންނަން ލިބޭ ފްރެންޗް ފްރައިޒް ކެއުމާ ދުރުވުމަށާއި، ކުދިން ގޮވައިގެން ބޭރަށް ދާއިރު ފުރަތަމަ އޯޑަރު ކުރާ އެއްޗަކީ ފްރެންޗް ފްރައިޒް ކަމުގައި ނުހެދުމަށް އޭނާ ވަނީ ބެލެނިވެރިންނަށް އިލްތިމާސް ކޮށްފަ އެވެ.

ނަމަވެސް ސިއްހީ ބައެއް އެހެން މާހިރުން ފާހަގަކުރާ ގޮތުގައި، ސިނގިރޭޓާއި ފްރެންޗް ފްރައިޒްއަކީ ދެ ތަފާތު ގޮތަކަށް ހަށިގަނޑަށް ގެއްލުންދޭ ދެ އެއްޗަކަށްވާތީ، މިއީ ސީދާ އެކަތި އަނެކައްޗާ އަޅާކިޔޭނެ ދެކަމެއް ނޫނެވެ.