ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ތާއީދު ކުރެއްވި ނަމަވެސް އެމަނިކުފާނަކީ މި ސަރުކާރުގެ ބައިވެރިއެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ނަޝީދު އެގޮތަށް ވިދާޅުވީ، ރާއްޖެ އާއި ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ ފްރީ ޓްރޭޑް އެއްބަސްވުމާ ގުޅޭ ގޮތުން ރައްޔިތުންގެ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިިކް މިނިސްޓަރު މުހައްމަދު ސައީދު ކުރެއްވި ސުވާލުގެ ޖަވާބުގަ އެވެ. ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާ، ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު މެމްްބަރު އަބްދުﷲ ޖާބިރު ސުވާލު ކުރެއްވީ ރާއްޖެ އިން ޗައިނާއާ އެކު ސޮއި ކޮށްފައިވާ އެއްބަސްވުމުން މަސްވެރިންނާއި ދަނޑުވެރިންނަށް ލިބެން އޮތް މަންފާތައް ހިފަހައްޓާފައި އޮތީ ކީއްވެތޯ އެވެ.
އެ ސުވާލުގެ ޖަވާބު، އަމީރު ދެއްވި ފަހުން، ނަޝީދު ވިދާޅުވީ ރާއްޖެ އާއި ޗައިނާއާ މެދުގައި ފްރީ ޓްރޭޑް އެގްރީމަންޓެއް ނެތް ކަމަށެވެ.
ޗައިނާ އާއި ރާއްޖެއާ ދެމެދު ހެދި މިނިވަން ވިޔަފާރީގެ އެއްބަސްވުން ނެތް ކަމަށް ވިދާޅުވަނީ ސަރުކާރުގެ ފަރާތުންތޯ ނޫނީ އަމިއްލަ ހައިސިއްޔަތުންތޯ ސައީދު ސުވާލު ކުރެއްވުމުން ނަޝީދު ވިދާޅުވީ "އަޅުގަނޑާއި ސަރުކާރާ ގުޅުމެއް ނެތް" ކަމަށެވެ. ރާއްޖޭގެ ގާނޫނުއަސާސީ އޮންނަ ގޮތުން އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ނަޝީދު ވިދާޅުވި އެވެ. އެހެންކަމުން އެމަނިކުފާނަކީ ސަރުކާރު ހިންގުމުގެ ބައިވެރިއެއް ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު މަދަދު ދާރުވާ، އަޅުގަނޑު ތާއީދު ކުރާ ސަރުކާރެއް މިއަދު މި ރާއްޖޭގައި އޮތީ، ސަރުކާރު ހިންގާ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެންބަރެއް އަޅުގަނޑަކީ، އެ ނޫން ގޮތަކަށް ސަރުކާރާ ގުޅުމެއް ނެތް، އަޅުގަނޑަކީ ސަރުކާރުގެ ބައިވެރިއެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު މިހެން ވިދާޅުވިއިރު، އެ މަނިކުފާނަކީ ހަތަރު ޕާޓީ ގުޅިގެން އުފައްދާފައިވާ ކޯލިޝަން ސަރުކާރުގެ ހަތަރު ލީޑަރުންގެ ތެރެއިން އެއް ބޭފުޅެކެވެ.ސަރުކާރު ކޯލިޝަންގެ ލީޑަރުންގެ ގޮތުގައި ދެން ތިއްބަވަނީ އެމްއާރުއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި، ޖޭޕީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްއާއި، އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއެވެ.