އިންޑޮނޭޝިއާގެ ސުމަތުރާ ސަރަހައްދަށް މިއަދު އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފި އެވެ.
މިއަދު ފަތިހު އިންޑޮނޭޝިއާގެ އެންޑެ ސަރަހައްދަށް ވަނީ ރިކްޓަރު މިންގަނޑުން 7.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސްފަ އެވެ. މި ބިންހެލުން އައިސްފައިވަނީ ރާއްޖެއާ ގާތްގަނޑަކަށް 5،482 ކިލޯމީޓަރު ދުރު ސަރަހައްދަކަށެވެ. މި ބިންހެލުމާ ގުޅިގެން އެ ގައުމަށް ސުނާމީގެ އިންޒާރު ނެރުނު ނަމަވެސް، މެޓް އޮފީހުން ވިދާޅުވީ މި ހާދިސާގެ ސަބަބުން އިންޑިއާ ކަނޑުގައި ސުނާމީއެއް އުފެދުމުގެ ފުރުސަތެއް ނެތް ކަމަށެވެ.
ފަތިހު އައި ބިންހެލުމަށްފަހު، މިއަދު ވަނީ އިންޑޮނޭޝިއާގެ ސުމަތުރާ ސަރަހައްދަށް އިތުރު ބިންހެލުމެއް އައިސްފަ އެވެ. ރާއްޖެއާ 2،832 ކިލޯމީޓަރު ދުރު ސަރަހައްދަކަށް އައި މި ބިންހެލުމުގެ ސީދާ ނުރައްކަލެއް ވެސް ރާއްޖެއަށް ނެތް ކަމަށް މެޓް އޮފީހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އިންޑޮނޭޝިއާގެ ނޭޝަނަލް ޑިޒާސްޓާ މިޓިގޭޝަން އޭޖެންސީއާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފަތިހު އައި ބިންހެލުމުގެ ސަބަބުން މިހާތަނަށް 38 މީހުން ވަނީ މަރުވެފަ އެވެ. އަދި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، 11 މީހަކަށް އެކިވަރުގެ ކުދި އަނިޔާތައް ލިބިފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ. މި ހާދިސާއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 2،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފަ އެވެ.
ސުމަތުރާ ސަރަހައްދަށް އަންނަ ބިންހެލުންތަކަކީ ދިވެހިންގެ ކަންބޮޑުވުން އޮންނަ ކަމެކެވެ. އެއީ 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ސުނާމީ ކާރިސާ ވެސް އުފެދުނީ ސުމަތުރާ ކައިރިއަށް އައި ބާރުގަދަ ބިންހެލުމަކާ ގުޅިގެން ކަމަށްވާތީ އެވެ.
އިންޑޮނޭޝިއާއަކީ ދުނިޔޭގެ ބިންހެލުންތަކާއި އަލިފާން ފަރުބަދަ ގޮވުމުގެ ހާދިސާތައް އެންމެ ގިނައިން ހިނގާ "ޕެސިފިކް ރިންގް އޮފް ފަޔާ" ގައި ހިމެނޭ ގައުމެކެވެ.
"ތިން މީހުން ހޯދަން ހުވަދޫ ކަނޑު ބަލާ މާދަމާ ނިންމާލެވޭނެ"
އިޒްމީރު: ތާރީހާއި މީރު ރަހަތަކާއި ގުދުރަތީ ހިތްގައިމުކަން!
މީރު ރަހަތައް ގުރުބާން ނުކޮށް ވެސް ދުޅަހެޔޮ ކެއުމެއް ކެވިދާނެ!