މުހިންމު މަސައްކަތްތަކެއް ނިންމަން ހުރި ކަމަށް ވިދާޅުވެ، ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު ވެސް މި މަހުގެ 20އަށް ދަންމާލަން ފާސްކޮށްފި އެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހުށަހެޅުއްވި މި ހުށަހެޅުއްވުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އިއްތިފާގުންނެވެ. މި ވޯޓުގައި ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައި ނުވާއިރު، އިދިކޮޅު އެމްޑީޕީގެ މެންބަރުން ވޯޓުގައި ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.
މިއާއެކު އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާނެ އެވެ.
އާންމުކޮށް ހޯމައިން ބުދައަށް ޖަލްސާތައް ބޭއްވި ނަމަވެސް، މަސައްކަތްތައް އަވަސްކުރުމުގެ ގޮތުން މާދަމާވާ ބުރާސްފަތި ދުވަހު ވެސް މަޖިލީހުގެ އިތުރު ޖަލްސާއެއް ބޭއްވުމަށް ރިޔާސަތުން ވަނީ ނިންމަވާފަ އެވެ.
މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ވެސް ދަންމާލީ މުހިންމު މަސައްކަތްތަކެއް ހުރި ކަމަށް ބުނެ އެވެ.
ނަމަވެސް އެފަހަރު ހަމައެކަނި ތާވަލުކުރީ ނައިބު ރައީސް އަހްމަދު ނާޒިމް މަގާމުން ވަކިކުރުމުގެ މައްސަލަ އެވެ. މިފަހަރު ދައުރު ދަންމައިލަނީ ސަރުކާރުން ބޭނުންވާ މަޝްރޫއުތައް ހިންގުމަށްޓަކައި ކައުންސިލުތަކުގެ އިހްތިސޯސުން ބިންތައް ވަކިކުރުމުގެ ފުރިހަމަ ބާރު ސަރުކާރަށް ދޭން ލާމަރުކަޒީ ގާނޫނަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި އިސްލާހު ފާސްކުރުމަށް ކަމަށް ބެލެވެ އެވެ.
އިދިކޮޅު އެމްޑީޕީން ތުހުމަތު ކުރާ ގޮތުގައި ސަރުކާރާ ގާތް ގުޅުމެއް އޮންނަ ހަންނާން މެދުވެރިކޮށް މިފަދަ ބިލްތައް ހުށަހަޅަނީ ސަރުކާރުންނެވެ. އެ ބިލު ފާސްކުރުމުގެ މަސައްކަތް ފަސް ދުވަހުން ނިންމަން ކޮމިޓީން ނިންމާފައި ވާއިރު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް އަންނަ ހަފްތާގައި ކުރިއަށްދާނެ ކަމަށް ބެލެވެ އެވެ.
އަސާސީ ހިދުމަތްތަކުގެ އަގު ހެޔޮކުރަން ހުށަހެޅުމުން ސަމާހު ދެކޮޅު!
ޑޮލަރުގެ މައްސަލަ ހައްލުކުރެވޭނީ ސައީދު ބަދަލުކޮށްގެން: ޒިޔާދު
10 ދުވަސް ތެރޭ ޑޮލަރުގެ އަގު 19ރ. އަށް ތިރިކުރަން ގޮވާލައްވައިފި