ވިހެއުމަށް ފަހު ތުއްތު ދަރިފުޅު މަންމަގެ ނުރުހުމުގައި ނުހައްގުން ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ ކަމަށް ބުނާ މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބަލަން ފަށައިފި އެވެ.
އެޗްއާރުސީއެމުން ބުނީ މަންމަގެ ނުރުހުމުގައި ތުއްތު ދަރިފުޅު ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން އަމިއްލަ ފަރާތަކުން އެ ކޮމިޝަނަށް ހުށަހެޅި މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށެވެ. މިއީ ސޯޝަލް މީޑިއާގައި އާންމުވި ކަންބޮޑުވުންތަކަކާ ގުޅިގެން ބަލަން ފެށި މައްސަލައެކެވެ.
އުމުރުން 25 އަހަރުގެ އެ މަންމަ ސޯޝަލް މީޑިއާގައި މައުލޫމާތު ހާމަކުރި ގޮތުގައި، ދަރިފުޅު ވިހޭތާ ތިންވަނައަށްވީ ދުވަހު އޭނާގެ ނުރުހުމުގައި ދައުލަތަށް ދަރިފުޅު ގެންދިޔައީ ނަފްސާނީ މައްސަލައެއް އުޅޭ ކަމާއި އަތުގެ ނުކުޅެދުންތެރިކަމެއް ހުންނާތީ ކަމަށް ބުނެ އެވެ. އޭނާ ވަނީ އިދާރާތަކުން މި ފިޔަވަޅު އަޅާފައިވަނީ ނުހައްގުން ކަމަށް ބުނެ ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފަ އެވެ.
މި މައްސަލައާ ގުޅިގެން ކަމާބެހޭ މިނިސްޓްރީން ބުނެފައިވަނީ، އުފަންވުމާއެކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ ކުއްޖާއާމެދު އަމަލުކޮށްފައިވާނީ ގާނޫނާ އެއްގޮތަށް ކަމަށެވެ. ގާނޫނުއަސާސީގެ 35 ވަނަ މާއްދާއާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 8 ވަނަ މާއްދާއާ ހަވާލާދީ، ކުޑަކުއްޖަކާ ގުޅޭ ކަންކަން ނިންމުމުގައި އެންމެ އިސްކަމެއް ދޭނީ އެ ކުއްޖާގެ މަސްލަހަތު ހިމާޔަތްކުރުމަށް ކަމަށްވެސް އެ އިދާރާއިން ފާހަގަކުރެ އެވެ.
ދައުލަތުން އަބަދުވެސް އިސްކަންދެނީ ކުއްޖާ މައިންބަފައިންގެ ނުވަތަ އާއިލާގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށާއި، ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމަކީ ގާނޫނުގެ ދަށުން އެންމެ ފަހުން އަޅާނެ ފިޔަވަޅު ކަމަށްވެސް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ. މީގެއިތުރުން ނާޒުކު ހާލަތްތަކުގައި ތިބޭ ފަރާތްތަކާ ގުޅޭގޮތުން ސައްހަ ނޫން މައުލޫމާތު ނުފެތުރުމަށާއި މައުލޫމާތު އާންމުކުރުމުގައި އިތުރަށް ސަމާލުވުމަށް އެ މިނިސްޓްރީން އިލްތިމާސްކުރެ އެވެ.
"ގިނަ ރިސޯޓުތަކާއި ގެސްޓްހައުސްތަކުން ޑޮލަރު މާރެއް ނުކުރޭ"
ދިރާގު މޯލްޑިވްސް ރޯޑް ރޭހަށް ރަޖިސްޓަ ކުރުމުގެ ފުރުސަތު
