ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) 2026 ގައި ބައިވެރިވުމަށް ރަޖިސްޓަރކުރުމުގެ ފުރުސަތު ހުޅުވައިލައިފި އެވެ.

މި އަހަރު ޑީއެމްއާރްއާރް ބޭއްވުމަށް ހަމަޖެހިފައިވަނީ 20 ނޮވެމްބަރު ވާ ހުކުރު ދުވަހު، ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.

ޑީއެމްއާރްއާރްގެ ރަޖިސްޓްރޭޝަން ހުޅުވައިލައިފައިވަނީ މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. މި ބައްދަލުވުމުގައި، ދިރާގާއިއެކު މި އިވެންޓް ކާމިޔާބުކޮށް ކުރިއަށްގެންދިއުމަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ޕަރޓްނަރުންކަމުގައިވާ އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، މޯލްޑިވްސް ޕޮލިސް ސާވިސް، އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އިސް އޮފިޝަލުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

މި ޕްރެސް ކޮންފަރެންސްގައި މި އަހަރުގެ ދުވުމުވަށް މުޅިން އައު ހަތަރު ޓީމު ކެޓަގަރީ ވަނީ ތައާރަފުކޮށްފަ އެވެ. މީގެ ތެރޭގައި ކޯޕަރޭޓް ޓީމް، ރިޒޯޓް ޓީމް، ރަނިންގ ކްލަބްސް އަދި ކޮލެޖް/ޔުނިވާސިޓީ ކެޓަގަރީ ހިމެނެ އެވެ. މީގެން ކޮންމެ ކެޓަގަރީއެއްގައި ވެސް ހަތަރު ދުވުންތެރިންގެ ޓީމުތަކުން ބައިވެރިވެވޭނެ އެވެ. އަދި ކޮންމެ ކެޓަގަރީއަކުން ޗެމްޕިއަން ޓީމެއް ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ކެޓަގަރީތަކުގެ އިތުރުން، މި އަހަރު ވެސް ހާފް މެރަތަން، 10 ކިލޯމީޓަރު އަދި 5 ކިލޯމީޓަރުގެ ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފަ އެވެ. އެހެންކަމުން މިހާރު dmrr.dhiraagu.com.mv މެދުވެރިކޮށް މި ދުވުމަށް ރަޖިސްޓަރކުރެވޭނެ އެވެ. މި ދުވުމުގެ އެކި ވަނަތަކަށް ހޮވޭ ދުވުންތެރިންނަށް ޖުމްލަ 296,000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ކަނޑައަޅައިފަ އެވެ.

''ޑީއެމްއާރްއާރް އަކީ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ ދުވުމެއް. އަޅުގަނޑުމެންގެ މަގުސަދަކީ މި އަހަރުގެ ދުވުމުގައި ވެސް ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ހިތްވަރުދީ، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ދުވުމުގެ އާދަ އަށަގަންނުވައި، މި ކަމުގައި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުވުން. އަދި، މި އަހަރު މި ތައާރަފްކުރި ކެޓަގަރީތަކުގެ އެހީގައި، މި ދުވުމުގައި ބައިވެރިވެވޭނެ އިތުރު މަގުތައް ފަހިވެ އެކަކު އަނެކަކާ ގުޅުންބަދަހިކުރުމުގެ އިތުރު ފުރުސަތުތައް ލިބިގެންދާނެކަމަށް އުންމީދުކުރަން"، ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މަރކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވި އެވެ.

ޑީއެމްއާރްއާރް އަކީ ވޯލްޑް އެތުލެޓިކްސް ސަރޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވަރލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ބައިނަލްއަގްވާމީ ދުވުމެވެ. މި ދުވުމުގެ އިވެންޓުގައި ސަރަހައްދީ ގައުމުތަކުގެ ދުވުންތެރިން ވެސް ބައިވެރިވެ އެވެ.

އެހެން އަހަރުތަކާ އެއްފަދައިން، ޑީއެމްއާރްއާރް 2026 އަކީ ވެސް ދިރާގުގެ ސީއެސްއާރް ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ހާއްސަކޮށްފައިވާ ދުވުމެކެވެ. މި އިވެންޓްގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މި ގޮތުން ދިރާގުން މި އަހަރުގެ އިވެންޓުގައި އެންޑޯޒްކޮށްފައިވާ އެންޖީއޯތަކުގެ ތެރެއިން ބައިވެރިވެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބޭ 5 ޖަމިއްޔާތަކުން ރާވައިފައިވާ ޕްރޮގްރާމްތައް ފެށުމަށް އެހީތެރިވުމުގެ ގޮތުން ޖުމްލަ 200،000 ރުފިޔާ ގެ ފައިސާގެ އެހީތެރިކަން ދިރާގުން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ކޮންމެ ބައިވެރިއެއްގެ ރަޖިސްޓްރޭޝަނުން 100 ރުފިޔާ އާއި ސްޕެޝަލް ބިބް ނަމްބަރު ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ވެސް ހަމަހަމަކޮށް އެންޑޯޒްކޮށްފައިވާ ޖަމިއްޔާތަކަށް ހަދިޔާ ކުރުމަށް ވެސް ދިރާގުން ވަނީ ނިންމައިފަ އެވެ. ނިމިދިޔަ އަހަރު، ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ބައިވެރިވި ޖަމްއިއްޔާތަކަށް އެހީތެރިވުމުގެ ގޮތުން، ދިރާގުން ވަނީ ޖުމްލަ 685,000 ރުފިޔާ ހަދިޔާކޮށްފަ އެވެ.

ޑީއެމްއާރްއާރްގެ ރަޖިސްޓްރޭޝަން ދިރާގުން މިހާރުވަނީ ހުޅުވައިލައިފަ އެވެ. އަދި 4000 ބައިވެރިންގެ ލިމިޓް ހަމަވަންދެން މި އިވެންޓްގައި ރަޖިސްޓަރ ކުރުމުގެ ފުރުސަތު ހުޅުވިފައި އޮންނާނެ އެވެ.