ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކޮށްފައިވާ ބޭފުޅަކު މުޒާހަރާއަކަށް ވަޑައިގަންނަވާނަމަ ސިފައިން ދޫކުރަމުން އަންނަ ސެކިއުރިޓީ އެވަގުތަށް މެދުކަނޑާލުމަށްޓަކައި ގަވާއިދު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ 241 ކޮމިޓީއިން އިއްޔެ ނިންމައިފި އެވެ.

ސިއްރު ބައްދަލުވުމެއްގައި 241 ކޮމިޓީން މިގޮތަށް ނިންމާފައި ވަނީ، ކުރީގެ ރައީސުންނަށް އެމްއެންޑީއެފްއިން ސެކިއުރިޓީ ފޯރުކޮށްދިނުމުގައި މިހާރު އަމަލުކުރާ އުސޫލުތައް ބަދަލުކުރުމަށެވެ.

މި ނިންމުމަކީ ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނިސްބަތްވާ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ހުށަހެޅުއްވި ހުށަހެޅުމެކެވެ. ކޮމިޓީގެ އަގުލަބިއްޔަތުން މި އިސްލާހު ފާސްކުރިއިރު، މިއާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ އަބްދުލްގަފޫރު މޫސާ އާއި، އެމްއެންޕީގެ މުހައްމަދު ނާޒިމްގެ އިތުރުން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ.

ބައެއް މެންބަރުން ވަނީ މިއީ ރައްޔިތުންގެ އަސާސީ ހައްގުތަކަށް ހުރަސްއެޅުން ފަދަ ކަމެއްގެ ގޮތުގައި ސިފަކޮށް، މިފަދަ ފިޔަވަޅެއް ނޭޅުމަށް ބައްދަލުވުމުގައި ގޮވާލައްވާފަ އެވެ.

މަސްދަރުތަކުން ބުނާ ގޮތުގައި މި ބަދަލުގެ މައިގަނޑު އަމާޒަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު މުޒާހަރާތަކުގައި ބައިވެރިވެވަޑައިގަތުން ހުއްޓުވުމެވެ. މި ފަހަކަށް އައިސް އަދަދު ނޫހުގެ ދެ ނޫސްވެރިޔަކު ޖަލަށްލީ މައްސަލައިގައި މާލޭގައި ބޭއްވި މުޒާހަރާތަކުގައި ވެސް ރައީސް ނަޝީދު އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައިވެ އެވެ. އަދި ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް މި ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށް ބުނާ މައްސަލައިގައި، ކުރީގެ ތިން ރައީސުން ކަމަށްވާ ނަޝީދާއި، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިތުރުން އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ގުޅިގެން މަސައްކަތް ކުރެއްވުމަށް ނިންމަވާފަ އެވެ.