ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އެޗްޑީސީ އުފެއްދިއިރު ވެސް އެ ކުންފުނި ހިންގުމުގައި އިސްކޮށް އުޅުއްވި މައުރޫފް މިއަދު އިސްތިއުފާ ދެއްވިއިރު، އޭނާ އެ ކުންފުނީގެ ވެރިޔަކަށް އައްޔަންކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22ގަ އެވެ.

މައުރޫފް ވަނީ މަގާމުން ރިޓަޔާ ކުރައްވަން ނިންމަވައި މި މަހުގެ ކުރީކޮޅު އެކަން ކުންފުނީގެ މުވައްޒަފުންނަށް އަންގަވައިފަ އެވެ. ކުރިން ނިންމަވާފައި އޮތީ އަންނަ މަހު 18 އިން ފެށިގެން ރިޓަޔާ ކުރައްވާ ގޮތަށެވެ.

އެހެން ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި މައުރޫފް މަގާމުން އިސްތިއުފާ ދެއްވީ،، އިސްތިއުފާ ދެއްވަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އޭނާއަށް އެންގުމުންނެވެ.

މައުރޫފް އިސްތިއުފާ ދެއްވިއިރު، އޭނާގެ ބެލުމުގެ ދަށުން އެޗްޑީސީ އިން ވަނީ ހުޅުމާލޭގެ މުޅިން އާ މާސްޓާ ޕްލޭނެއް ތަރައްގީކޮށްފަ އެވެ. ހުޅުމާލޭގެ ފޭސް ތިނެއް ވެސް ހިމެނޭ ގޮތަށް ހެދި އެ މާސްޓާ ޕްލޭނަކީ އާބާދީ މުޅި ރަށަށް ބަހާލެވި، އާންމު ހިދުމަތްތަކާއި ފެހިކަން ގިނަ ސަރަހައްދުތައް ކަނޑައަޅައި ނެރުނު ޕްލޭނެކެވެ.

ހުޅުމާލޭ ފުރަތަމަ ހިއްކައި، ޑިޒައިން ކުރި އިރު ވެސް މައުރޫފްގެ ދައުރު ވަރަށް ބޮޑެވެ. ހުޅުމާލޭ ފޭސް އެކެއްގެ ކުރެހުން ފާސްކޮށްފައި ވަނީ މައުރޫފްގެ ބެލުމުގެ ދަށުންނެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މައުރޫފް އައްޔަން ކުރީ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު މަގާމުގައި ހުންނެވިއިރު އެ ކޯޕަރޭޝަން ހިންގި ބޮޑެތި ކޮރަޕްޝަންތަކަކާއި ވައްކަމުގެ މައްސަލަތަކެއް ފަޅާ އެރުމުންނެވެ.