ރަށްރަށުގެ ކައުންސިލްތަކުގެ އިހުތިސާސްގައިވާ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލާ އެއްކޮޅަށް ސޮއިކުރަމުންދާ ޕެޓިޝަނުގައި ސޮއިކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރަމުންދާ ކަމުގެ ތުހުމަތުތަކެއް ފެންމަތިވެއްޖެ އެވެ.

ލާމަރުކަޒީ ގާނޫނުގެ ރޫހާ ހިލާފު ބިލެއް ކަމަށް ބުނެ އެ ބިލު އަނބުރާ ގެންދިއުމަށް ގޮވާލައި އެކްޓިވިސްޓް މިދުއަމް ސައުދު ހުށަހެޅި ޕެޓިޝަން މަޖިލީހުގެ ތަޅުމާ ހަމައަށް ގޮސްފައި ވަނިކޮށް، ސަރުކާރުން މިވަނީ ބިލާ އެއްކޮޅަށް ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް ފަށާފަ އެވެ.

އެޗްޑީސީ، އާރްޑީސީ، ފެނަކަ، ވެމްކޯ އަދި ސްޓެލްކޯ ފަދަ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން މައުލޫމާތު ދީފައިވާ ގޮތުގައި، ކަނޑައެޅިފައިވާ ގަޑީގެ ކުރިން ޕެޓިޝަނުގައި ސޮއިކޮށް ވެރިންނަށް އެންގުމަށް މެނޭޖުމެންޓުން ވަނީ އަންގާފަ އެވެ. އަދި ސޮއިނުކުރާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށްވެސް މުވައްޒަފުން ބުނެ އެވެ.

ސަރުކާރު އަޑީގައި އޮވެގެން ކުރިއަށްގެންދާ މި ޕެޓިޝަނުގައި މިހާތަނަށް 6,800 އަށްވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފަ އެވެ.

މި ބިލާ އެއްކޮޅަށް ދެވަނަ ޕެޓިޝަނެއް ހުށަހެޅީ، ކުރިން ހުށަހެޅި ފުރަތަމަ ޕެޓިޝަން އޮޅިގެން ކޮމިޓީއަށް ފޮނުވުމާ ގުޅިގެން މަޖިލީހުގެ ތަޅުމުގައި ބަހުސްކުރަން ލާޒިމުވާ މިންވަރަށް ސޮއި ހަމަކުރުމުގެ ފުރުސަތު ގެއްލުމުންނެވެ. އެއާއެކު ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ހުށަހަޅުއްވައިގެން، އެއް ކަމެއްގައި އިތުރު ޕެޓިޝަން ހުށަނޭޅޭ ގޮތަށް އޮތް މަޖިލީހުގެ ގަވާއިދުގެ މާއްދާ ވަނީ 56 މެންބަރުންގެ ވޯޓުން އުވާލާފަ އެވެ.