ވޭޕާއި ސިނގިރޭޓުގެ ވިޔަފާރި ކުރާ ކަމަށް ތުހުމަތު ކުރެވޭ ފުލުހަކު ގދ. ތިނަދޫން ހައްޔަރުކުރުމަށްފަހު ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ތިނަދޫގައި މަސައްކަތްކުރާ ސްޕެޝަލް ކޮންސްޓެބްލަރީ ފުލުހަކު ގާނޫނާއި ގަވައިދާ ހިލާފަށް ދުންފަތުގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޭނާ ދިރިއުޅޭ ގެ އާއި ސައިކަލް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބަލައި ފާސްކޮށް، އޭނާ ހައްޔަރުކުރި ކަމަށެވެ.

އޭނާ ދިރިއުޅޭ ގެއާއި ސައިކަލް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު، ގިނަ އަދަދެއްގެ ދުންފަތާއި ނެނޯ ސްޓިކާއި ވޭޕާއި ވޭޕް ކާޓްރިޖް އަދި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 191.92 ގްރާމްގެ ތަކެތި ފެނިފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ހަމަ އެ ކޯޓުން އޭނާ ހައްޔަރުކުރަން ނެރުނު އަމުރު ސައްހަ ނޫން ކަމަށް ކަނޑައަޅައި އޭނާ ދޫކޮށްލާފަ އެވެ.

ފުލުހުން ވަނީ އެ މައްސަލަ އިސްތިއުނާފުކޮށްދިނުމަށް ޕީޖީ އޮފީހުގައި އެދިފަ އެވެ. އަދި އެ ފުލުސް މީހާ ސަސްޕެންޑުކޮށް މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.

އެ ފުލުސް މީހާ ފުލުހުންގެ ވަޒީފާއާ ގުޅުނީ މިދިޔަ މަހުއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނު ބުނާގޮތުން ދުންފަތުގެ ބާވަތްތައް ވިއްކޭނީ އެކަމަށްޓަކައި ހާއްސަ ހުއްދައެއް ނަގައިގެންނެވެ.