ޕާޓީއަށް ގެއްލުންވާ ކަމެއް ކޮށްފައިނުވާ ކޮންމެ މީހަކަށް ވެސް އެ ޕާޓީއާ ގުޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބުނެފި އެވެ.
މިއަދު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ ޕާޓީއަށް ގެއްލުންވާ ކަމެއް ނުކުރާ ކޮންމެ މީހަކަށް ވެސް އެ ޕާޓީއާ ގުޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
"މި ޕާޓީ [އެމްޑީޕީ]ގެ އުސޫލުތަކާއި އަސާސުތަކާ ހިލާފުނުވެ، ޕާޓީއަށް ގެއްލުންވާ ކަމެއް ނުކުރާ ކޮންމެ މީހަކަށް ވެސް ޕާޓީއާ ގުޅުމުގެ ފުރުސަތު އޮންނަން ޖެހޭނެ. އަޅުގަނޑުމެން އެ ކަމަށް މަރުހަބާ ކިޔާނަން،" މައުރޫފް ވިދާޅުވި އެވެ.
މައުރޫފް ވިދާޅުވީ ޑިމޮކްރެޓްސްގެ އެންމެ އިސް ބޭފުޅުން އެމްޑީޕީއާ އަލުން ގުޅުމާ ގުޅޭ މަޝްވަރާއެއް އަދި ނުކުރެވޭ ކަމަށެވެ.
މިރޭ ބާއްވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން މަޝްވަރާކުރަން ވަނީ ހަމަޖެހިފަ އެވެ.
އެމްޑީޕީ ރޫޅާލެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އަލުން އެ ޕާޓީއާ ގުޅެން ނިންމަވާފައެވެ. އެމަނިކުފާނު ނިންމެވީ ޑިމޮކްރެޓްސްގެ މެންބަރުންނާއެކު އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށެވެ.
ނަޝީދަކީ ނިދިމިޔަ އިންތިހާބުތަކުގައި އެމްޑީޕީއާ ދެކޮޅަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި އެމްޑީޕީ ދެން ދުވަހަކު ވެސް ކުރިއަރައިގެން ނުދާނެ ކަމަށް ވެސް އެމަނިކުފާނު މީގެކުރިން ވިދާޅުވެފައިވެ އެވެ.