ހުޅުމާލޭގައި ހުންނަ މަސްތުވާތަކެއްޗަށް ފަރުވާދޭ މަރުކަޒު، ހާފްވޭ ހައުސްއިން މަސްތުގެ ހާލަތުގައި ތިބި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނިގޮތުގައި، އެންޑީއޭއިން ކުރި ރިޕޯޓަކާ ގުޅިގެން ހާފްވޭ ހައުސް ބަލައި ފާސްކުރިއިރު، މަސްތުގެ ހާލަތުގައި ތިބި ދެ މީހަކު ފެނިފައިވެ އެވެ. އެއީ އއ. މަހިބަދޫ، ރެޑްރޯޒް، އަބްދުﷲ ޝާފިއު 33އ އާއި ގއ. ކަނޑުހުޅުދޫ، ވިދާތަރި، އިކްލީލް އިބްރާހިމް 42އ އެވެ.

ހައްޔަރުކުރެވުނު ދެ މީހުންގެ ކުޑަކަމުދާ ތަކެތީގެ ވަގުތީ ނަތީޖާއިން އޯޕީއައި އަދި ބެންޒޯއަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، 10 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ ނިންމާފަ އެވެ.

މުއްދަތު މަޖިލީހުގައި އެ ދެ މީހުން ބުނި ގޮތުގައި، މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވަނީ، ހާފްވޭ ހައުސްއިން ދޭ ފަރުވާގެ ބޭސް ބޭނުންކުރުމުންނެވެ. ނަމަވެސް، ދެ މީހުންގެ ކުށުގެ ރެކޯޑަށް ބަލާއިރު، ކުރިން ވެސް މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކުގައި ގިނަ ފަހަރު ހައްޔަރުކޮށް، ބަންދުކޮށްފައިވެ އެވެ.

މަސްތުވާތަކެއްޗަށް ފަރުވާދޭ މަރުކަޒުތަކުގައި މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ ކަންބޮޑުވުން ފަހަކަށް އައިސް އާންމުންގެ ފަރާތުން ފާޅުކުރަމުންދެ އެވެ.