އެމެރިކާއިން އަލަށް އިއުލާނުކުރި އިގްތިސާދީ އަދި ވިޔަފާރީގެ ހަރުކަށި ފިޔަވަޅުތައް އީރާނުގެ ފޮރިން މިނިސްޓްރީން ބުރާސްފަތި ދުވަހު ކުށްވެރިކޮށްފި އެވެ. އީރާނުން ބުނި ގޮތުގައި މި ފިޔަވަޅުތަކަކީ އާންމު ރައްޔިތުންނަށް އަމާޒުކޮށްގެން ހިންގާ "އިގްތިސާދީ ޓެރަރިޒަމް" އެކެވެ. އަދި މިއީ އިންސާނިއްޔަތާ ހިލާފު ޖަރީމާއެއް ކަމަށްވެސް އެ މިނިސްޓްރީން ސިފަކޮށްފައިވެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު އިންޒާރު ދެއްވި ގޮތުގައި، އީރާނަށް އެއްވެސް ބާވަތެއްގެ އެހީތެރިކަމެއް ފޯރުކޮށްދޭ ކޮންމެ ގައުމަކާ ދެކޮޅަށް، މީގެ ކުރިން ދުވަހަކުވެސް ނުފެންނަ ފަދަ ވަރުގަދަ އިގްތިސާދީ ފިޔަވަޅުތަކެއް އަޅައި އެ ގައުމެއް އެކަހެރިކޮށްލާނެއެވެ.
އީރާނުގެ ފޮރިން މިނިސްޓްރީން ބުނީ، މި ފިޔަވަޅުތަކުގެ ސަބަބުން ގައުމުގެ މިނިވަންކަމާއި ސިޔާދަތު އަދި ގައުމީ މަސްލަހަތު ދިފާއުކުރުމަށް ތެހެރާނުން ކުރާ މަސައްކަތަށް އެއްވެސް ބުރުލެއް ނާންނާނެ ކަމަށެވެ.
ޓްރަމްޕްގެ މި ނިންމުމަކީ ފެއިލްވެފައިވާ ސިޔާސަތުތަކެއްގެ ކުރިއެރުމެއްގެ ގޮތުގައި ސިފަކުރައްވައި، މީގެ ސަބަބުން އެމެރިކާއަށް ލިބޭނީ އިތުރު ނާކާމިޔާބީއެއް ކަމަށް އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަރަގްޗީ ވިދާޅުވީ "އިގްތިސާދީ ޑީ-ޑޭ" ގެ ނަމުގައި އެމެރިކާއިން ކުރާ މަސައްކަތަކީ، އެމެރިކާގެ ދަރަންޏާއި އިންޓްރެސްޓް ރޭޓް އިންތިހާއަށް މައްޗަށް ގޮސްފައިވުމުގެ ސަބަބުން ދިމާވެފައިވާ ދާހިލީ މައްސަލަތަކުން ސަމާލުކަން އަނބުރާލުމަށް ކުރާ ކަމެއް ކަމަށެވެ. އަދި ފެއިލްވެފައިވާ ސިޔާސަތުތައް ތަކުރާރުކުރުމުން ލިބޭނީ އިތުރު ނާކާމިޔާބީއާއި އީރާނު ރައްޔިތުންގެ ނަފުރަތު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، އެމެރިކާގެ އިގްތިސާދީ ޓެރަރިޒަމް ގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދަށާއި ގައުމުތަކުގެ ސިޔާދަތަށް ނުރައްކާވެއެވެ.
ޓްރަމްޕް އޭނާގެ "ޓްރުތު ސޯޝަލް" ގައި ލިޔުއްވާފައިވާ ގޮތުގައި، މިއީ މިހާތަނަށް ދުނިޔޭގެ ގައުމަކާ ދެކޮޅަށް އަޅާ އެންމެ ވަރުގަދަ އިގްތިސާދީ ފިޔަވަޅުތަކެވެ. އަދި މިއީ ކުރިން ދުވަހަކުވެސް ފެނިފައިނުވާ މިންވަރުގެ އިގްތިސާދީ ހަނގުރާމައެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި، އީރާނަށް އެއްވެސް ބާވަތެއްގެ އެހީތެރިކަމެއް ފޯރުކޮށްދޭ އެއްވެސް ގައުމެއްގެ މާލީ އިދާރާތަކަށާއި، ވިޔަފާރިތަކަށާއި، އެއާޕޯޓްތަކަށް ނުވަތަ ސަރުކާރުގެ މުއައްސަސާތަކަށްވެސް ވަރަށް ބޮޑެތި އިގްތިސާދީ ނަތީޖާތަކާ ކުރިމަތިލާން ޖެހޭނެއެވެ.
ބަންގްލަދޭޝްގެ ރައީސަކަށް އަލަމްގިރު ހަމަޖައްސައިފި
އިސްކޮޅުގެ ސަބަބުން މަލާމާތާއި ފުރައްސާރަ އަމާޒުވި: އަމީތާބު
