ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހޮސްޕިޓަލުގައި މަދު ގަޑިއިރުތަކެއް ހޭދަކުރެއްވުމަށްފަހު އަނބުރާ ޖަލަށް ގެންގޮސްފައިވާ ކަމަށް އޭނާގެ ޕާޓީގެ ތަރުޖަމާނު ހުކުރު ދުވަހު ވިދާޅުވެއްޖެ އެވެ.
އުމުރުން 73 އަހަރުގެ އިމްރާން ޚާން، ސުޕްރީމް ކޯޓުގެ އަމުރަކަށް މެޑިކަލް ޗެކަޕް ހެއްދެވުމަށް އިސްލާމްއާބާދުގެ ހޮސްޕިޓަލަކަށް ބަދަލުކުރެވުނީ ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ.
އިމްރާން ޚާންގެ ޕާޓީ، ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ގެ ތަރުޖަމާނު ކަށަވަރުކޮށްދެއްވި ގޮތުގައި، ކުރީގެ ބޮޑުވަޒީރު މިހާރު ވަނީ އަނބުރާ ރާވަލްޕިންޑީގައި ހުންނަ އަދިއާލާ ޖަލަށް ގެންގޮސްފަ އެވެ.
އޮގަސްޓް 2023 އިން ފެށިގެން ޖަލުގައި ހުންނެވި އިމްރާން ޚާން ވިދާޅުވަމުން ގެންދަވަނީ އޭނާއާ ދެކޮޅަށް އުފުލާފައިވާ ދައުވާތަކަކީ ސިޔާސީ މަގުސަދެއްގައި ކުރާ ކަންކަން ކަމަށެވެ. ނަމަވެސް ސަރުކާރުން މި ތުހުމަތުތައް ދޮގުކުރެއެވެ.
އިމްރާން ޚާންގެ ވަކީލުން ވިދާޅުވާ ގޮތުގައި ޖަލުގައި ހުންނެވުމުގެ ސަބަބުން އޭނާގެ ސިއްހީ ހާލަތު ވަނީ ގޯސްވެފަ އެވެ. އަދި ކަނާތު ލޮލުގެ ފެނުމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށްވެސް ވަކީލުން ބުނެއެވެ. އެހެންނަމަވެސް، ސަރުކާރުން ބުނެފައިވަނީ މެޑިކަލް ރިޕޯޓްތަކުން ވަގުތުން ފަރުވާ ދޭންޖެހޭ ފަދަ ސިއްހީ މައްސަލައެއް ފާހަގަވެފައިނުވާ ކަމަށެވެ.
ވޭތުވެދިޔަ އަންގާރަ ދުވަހު ސުޕްރީމް ކޯޓުން ކުރި އަމުރުގައި ވަނީ، 48 ގަޑިއިރުގެ ތެރޭގައި އިމްރާން ޚާން އިސްލާމްއާބާދުގެ ޝިފާ އިންޓަނޭޝަނަލް ހޮސްޕިޓަލަށް ބަދަލުކުރުމަށާއި، އޭނާގެ އަމިއްލަ ޑޮކްޓަރު ހިމެނޭ ގޮތަށް އެކުލަވާލެވޭ މެޑިކަލް ޕެނަލަކުން ފަރުވާ ދިނުމުގެ އިންތިޒާމު ހަމަޖެއްސުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފަ އެވެ.
އެނީމިއާ: ސަބަބަކީ ހަމައެކަނި ދަގަނޑުގެ ބައި މަދުވުމެއް ނޫން!
ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ޔަޒްމީދު އައްޔަންކޮށްފި
ދިރިއުޅުމުގައި ގެންގުޅޭ އާދައިގެ މި "ހޮބީ"ތަކުން އުމުރު ދިގުވޭ!
