ހުސްވެފައިވާ ޕޮލިސް ކޮމިޝަނަރުގެ މަޤާމަށް ވަގުތީ ގޮތުން އެ މަޤާމުގައި ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީން އާއި ކުރީގެ އެކްޓިން ސީޕީ ފަރުހާދު ފިކުރީ އަދި ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމް ކުރިމަތިލައްވައިފި އެވެ.

އެ މަޤާމަށް ކުރިމަތިލުމުގެ ސުންގަނޑި މިއަދު މެންދުރަށް ހަމަވެފައިވާއިރު، މަޤާމަށް ކުރިމަތިލެއްވީ އެ ތިން ބޭފުޅުންނެވެ.

ހޯމް މިނިސްޓްރީން މިދިޔަ ހަފުތާގައި ކުރި އިއުލާނުގައި ބުނީ އެ މަގާމަށް ކުރިމަތިލެވޭނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށް ކަމަށެވެ.

ޕޮލިސް ކޮމިޝަނަރު ކަމަށް ބޭފުޅަކު ކަނޑައަޅަނީ އެ މަގާމަށް ކުރިމަތިލާ މީހުންގެ ފެންވަރު ގާނޫނުގައިވާ ގޮތުން ޕޮލިސް ބޯޑުން ވަޒަންކޮށް ނުވަތަ އިންޓަވިއު ކުރުމަށް ފަހު، މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަލީ ޝުޖާއު މިދިޔަ މަހު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ މާލޭ ގެއެއްގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮއްވާ ފެނުނު މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންގެ އިހުމާލު ވާކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔުން އަމާޒުވުމާއި ގުޅިގެންނެވެ.

ޝުޖާއު އިސްތިއުފާ ދެއްވުމުން އެކްޓިންގ ޕޮލިސް ކޮމިޝަނަރުގެ މަސްއޫލިއްޔަތު ފުރަތަމަ ހަވާލުކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާ އެވެ. ނަމަވެސް ހަވާލު ކުރިތާ ގަޑިއިރެއްގެ ތެރޭގައި އެ ނިންމުން ބަދަލުކޮށް، ފުލުހުންގެ އިދާރާ ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީންއާ އޭރު ވަނީ ހަވާލުކޮށްފަ އެވެ.