މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ހައްވާ ޔުމްނު ރަޝީދު 21، ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގުރުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުގެ މަސައްކަތް ނިމުމަކާ ކައިރިވެފައިވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

ކޮމިޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކޮމިޝަނުގެ ތަހުގީގު ރިޕޯޓު ގާތްގަނޑަކަށް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރައީސް މުހައްމަދު މުއިއްޒުއަށް ހުށަހަޅާނެ ކަމަށެވެ.

ރިޔާސީ ކޮމިޝަނުގެ ރައީސްކަމަށް އައްޔަންކޮށްފައިވަނީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރެވެ. އަދި އޭގެ އިތުރުން، ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަހުމަދު މުހައްމަދު، މެޑިކަލް ދާއިރާގައި މަސައްކަތް ކުރާ ޑރ. މޫސާ މުރާދު، ޖަބީން މުހައްމަދު އަދި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ އިސް ވެރިއެއް ކަމަށްވާ އާމިނަތު އީނާސް މި ކޮމިޝަންގައި ހިމެނެ އެވެ.

މި ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޔުމްނުގެ ވެއްޓުނު ގޮތް ހޯދުމާއި، ފުލުހުންގެ ތަހުގީގު ހިނގާފައިވަނީ ރަނގަޅަށްތޯ ބެލުން ހިމެނެ އެވެ.

މި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާމެދު އާންމުންގެ ހިތްހަމަނުޖެހުން އޮތުމާއެކު، ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް އެދި މާލޭގައި މުޒާހަރާތައް ކޮށްފައިވެ އެވެ. އެއާއެކު، ރައީސުލްޖުމްހޫރިއްޔާ މި ކޮމިޝަން އުފެއްދެވީ އޭޕްރީލް 2 ވަނަ ދުވަހު އެވެ.

ކޮމިޝަނަށް ލިބިފައިވާ ބާރުތަކުގެ ތެރޭގައި ދައުލަތުގެ މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުމާއި، ބޭރުގެ ތަޖުރިބާކާރުންގެ އެހީ ހޯދުމާއި، މީހުން ހާޒިރުކުރުމާއި ލިޔެކިޔުންތައް ހޯދުން ހިމެނެ އެވެ.

މި ކޮމިޝަނަށް އިތުބާރު ނުކުރާ ކަމަށް ޔުމްނުގެ އާއިލާއިން ވެސް ބުނެފައިވާއިރު، މި މައްސަލާގައި ކަމާ ބެހޭ އިދާރާތަކުން އަމަލު ކުރަމުންދާ ގޮތުގެ ސަބަބުން ޒުވާނުންވަނީ އެކަމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ސިލްސިލާ މުޒާހަރާތަކެއް ވެސް ކޮށްފަ އެވެ.