ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން ރ. ފުއްގިރި ކުއްޔަށް ދޫކުރި މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާގައި ވަކި ގޮތަކަށް ހެކިބަސްދޭން ފުލުހުންގެ ފަރާތުން ހުށަހެޅުމެއް އައި ކަމަށް އެ މައްސަލާގައި މީގެކުރިން ދައުވާ އުފުލި އަހްމަދު ކްރިކް ރިޒާ ބުނެފި އެވެ.
ކްރިކް ރިޒާ މިހެން ބުނެފައި ވަނީ އެ މަައްސަލާގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގަ އެވެ.
އެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑަރިން އާއި ރިޝްވަތު ދިނުމުގެ ދައުވާއެވެ. މިއަދުގެ އަޑުއެހުމުގައި އޮތީ ދިފާއީ ހެކީންގެ ހެކިބަސް ނެގުމެވެ.
ރައީސް ޔާމީނާ ދެކޮޅަށް ވަކި ގޮތަކަށް ހެކި ބަސް ދިނުމަށް ފުލުހުންގެ ފަރާތުން ހުށަހެޅުމެއް ހުށަހަޅާފައި ޥޭތޯ ދިފާއީ ވަކީލު ހަމްޒާ ލަތީފު ސުވާލުކުރުމުން ކްރިކް ރިޒާ ވިދާޅުވީ އެފަދަ ހުށަހެޅުމެއް އައި ކަމަށެވެ. އެއީ ކޮން ފަރާތަކުން ހުށަހެޅި ހުށަހެޅުމެއްތޯ ހަމްޒާ ސުވާލުކުރުމުން ކްރިކް ރިޒާގެ ޖަވާބުގެ ތެރެއިން ދައުލަތުން އިއުތިރާޒު ކުރުމާ އެކު ގާޒީ ވަނީ އެ ސުވާލަށް ޖަވާބު ދިނުން ހުއްޓުވާފައެވެ. ނަމަވެސް ރިޒާ އެ ސުވާލުގެ ޖަވާބުގައި އެއީ އޭރުގެ އޭސީޕީ މުހައްމަދު ރިޔާޒުގެ ހުށަހެޅުމެއް ކަމަށް ބުނާ އަޑު ޝަރީއަތުގެ މަޖިލީހުގައި އިވިފައިވެ އެވެ.
މި ތުހުމަތާ ގުޅޭ އޯޑިއޯއެއް ވެސް މީގެކުރިން ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ.
ކްރިކް ރިޒާ ބުނީ ރައީސް ޔާމީނާ ފައިސާގެ އެއްވެސް މުއާމާލާތެއް ކޮށްފައި ނުވާނެ ކަމަށެވެ. ފުއްގިރި ކުއްޔަށް ނަގަން ބޭނުން ވެގެން ބޭރުގެ ކުންފުންޏަކަށް ކޮންސަލްޓޭޝަން ފޯރުކޮށްދިން ކަމަށާއި އެ ރަށުގެ އެކްއިޒިޝަން ކޯސްޓާ ގުޅިގެން ހުރި ކަންބޮޑުވުންތަކަކާ ގުޅިގެން އެހީއަކަށް އެދުމުން އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާ ބައްދަލުކުރި އޭނާ ކިޔައިދިނެވެ. އޭގެ ތެރެއިން އެއް ބައްދަލުވުމުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވެސް އިންނެވި ކަމަށް ބުންޏެވެ.
ކްރިކް ރިޒާގެ އިތުރުން މިއަދު ދެން ކުރިއަށްދިޔައީ އަބްދުﷲ ރަޝީދު ނަމަކަށް ކިޔާ މީހެއްގެ ހެކިބަސް ނެގުމެވެ.
ރައީސް ޔާމީނަށް ކޮށްފައި ވަނީ ސިޔާސީ ދައުވާއެއް ކަމަށް މީގެކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒާއި މި ސަރުކާރުގެ ބައެއް ވަޒީރުން ވެސް ވިދާޅުވެފައިވެ އެވެ. ނަމަވެސް އެ ދައުވާ މުރާޖައާކުރަން ހުށަހެޅުމުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެކަންކޮށްފައެއްނުވެ އެވެ.