މި މަހުގެ 18 ވަނަ ދުވަހު، ހެންވޭރު ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އިތުރު ފަރުވާއަށް މެލޭޝިޔާއަށް ފުރާވައިފި އެވެ.
ޔުމްނު މެލޭޝިޔާއަށް ފުރުވާލާފައި ވަނީ މިރޭގެ ވަގުތެއްގައެވެ. ޔުމްނުގެ އާއިލާއިން ބުނެފައި ވަނީ އޭނާގެ ބޭސްފަރުވާގެ ކަންކަން އާސަންދައިގެ ތެރެއިން ހަމަޖައްސައިދީފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ފުލުހުން ބުނީ މީހަކު އޭނާ ވައްޓާނުލާކަން ތަހުގީގަށް ކަށަވަރުކުރެވޭ ކަމަށެވެ.
އެ ހާދިސާ ހިނގިރޭ ޔުމްނުއާ އެކު އުޅުނު އެންމެންގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފަ އެވެ. އަދި އެ އެންމެންގެ މޮބައިލް ފޯނު ވެސް ވަނީ ހިފަހައްޓާފަ އެވެ. އެއީ ޖުމްލަ 9 މީހުންނެވެ.
ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މައްސަލައާ ގުޅިގެން އޭނާއާ އެކު އެ ވަގުތު އުޅުނު ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް، 21 ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަސް ވަނީ ޖަހާފަ އެވެ.
ރައުދު ބަންދުގައި ބެހެއްޓުމަށް ނެރުނު ކޯޓު އަމުރުގައި ވާގޮތުން ޔުމްނު ވެއްޓުމުގެ ކުރިން އެރޭ ރައުދުއާއި ޔުމްނުއާ ދެމެދު ހަމަނުޖެހުމެއް ހިނގާފައިވެ އެވެ.
އަދި ޔުމްނު ވެއްޓުނު ކަމަށް ބެލެވޭ ވަގުތުގެ އިރުކޮޅެއް ފަހުން ޔުމްނު ކޮބައިތޯ ސުވާލުކުރުމުން ނޭނގޭ ކަމަށާއި ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ރައުދު ބުނެފައިވާ ކަމަށް ވެސް ކޯޓުގައި ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ރައުދު ހައްޔަރުކުރުމަށް ކޯޓުގައި އަމުރަކަށް އެދުނު އިރު ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތުކޮށްފައިވެ އެވެ. އަދި ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފައިވެ އެވެ.