މި ދުވަސްވަރު މާލޭގައި ކުރަމުންގެންދާ މުޒާހަރާތަށް ލައިވްކޮށް ބްރޯޑްކާސްޓް ކުރުމުގައި އުސޫލާ ހިލާފުވާ ބްރޯޑްކާސްޓަރުންނާމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޯޑްކާސްޓިން ކޮމިޝަނުން ދީފި އެވެ.
ބްރޯޑްކޮމް އިން ނެރުނު ބަޔާނެއްގައި ވަނީ އެއްވެ އުޅުމުގެ ގާނޫނުގައި ކޮމިޝަނުން ލައިސަންސް ދޫކޮށްގެން ރާއްޖޭގައި ބްރޯޑްކާސްޓް ކުރާ ހުރިހާ ފަރާތްތަކުން ރާއްޖޭގައި ބާއްވާ މުޒާހަރާތަކާއި އެއްވުން ފަދަ ކަންކަން ބްރޯޑްކާސްޓް ކުރުމުގައި އަމަލު ކުރަންވީ ގޮތް ބަޔާންކޮށްފައިވާ ކަމަށެވެ.
އެ ކޮމިޝަނުން ބުނީ ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އަކީ ހުރިހާ ވަގުތެއްގައި ވެސް އަމަލު ކުރަންޖެހޭ މިންގަނޑެއް ކަމަށެވެ. އެހެންވެ، ބްރޯޑްކާސްޓު ކުރުމުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުނުކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
"ގާނޫނާއި ގަވައިދުތަކުގެ ދަށުން އެކުލަވާލާފައިވާ ގަވައިދުތަކާއި އުސޫލުތަކާ ހިލާފުވާ ބްރޯޑްކާސްޓަރުންނާ މެދު ގާނޫނީ އިމުގެ ތެރެއިން، މި ކޮމިޝަނުން ފިޔަވަޅު އަޅާނެ ކަމުގައި ދަންނަވަން،" ބްރޯޑްކާސްޓިން ކޮމިޝަންގެ ބަޔާނުގައިވެ އެވެ.