ރައީސް މުހައްމަދު މުއިއްޒުގެ ދަރިކަލެއްގެ ކަރާމާތް ނަގާލި މައްސަލައެއް ތަހުގީގު ކުރަން ފުލުހުންނަށް ހުށަހަޅާފައި ނުވާނެ ކަމަށް ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ބުނެފި އެވެ.
ރައީސް މުއިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒުގެ ކަރާމާތް ނަގާލި ކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) އާއި ގައުމީ މަޖިލީހުގެ މެންބަރު އަހްމަދު ސަލީމް (މާޒް ސަލީމް)ގެ މައްސަލަ ތަހުގީގު ކުރަނީ ޗިލްޑްރަންސް އޮމްބަޑްސް ޕާސަންގެ އޮފީހުން ހުށަހެޅުމުން ކަަމަށް ފުލުހުންގެ އިދާރާއިން ވަނީ ބުނެފަ އެވެ.
އޮމްބަަޑްސްޕާސަންގެ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ ރައީސްގެ ދަރިކަލަކު ވޭޕް ކުރާ ވާހަކަ ދެއްކި މުޒާހަރާ އެ އޮފީހުގެ ސަމާލުކަމަށް އައުމުން ފުލުހުންގެ އިދާރާއަށް ފޮނުވި ސިޓީގައި، ދެން އަމަލުކުރަންވީ ގޮތެއް ނުވަތަ ތަހުގީގެއް ކުރުމަށް އެދިފައި ނުވާ ކަމަށެވެ.
"މި އޮފީހުގެ ފަރާތުން ފުލުހުންގެ އިދާރާއަށް ފޮނުވި ސިޓީގައި، އެ އިދާރާއިން އަމަލުކުރަންވީ ގޮތުގެ އެއްވެސް އިރުޝާދެއް، އަދި މިކަމާ ގުޅިގެން ޖިނާއީ ތަހުގީގެއް ކުރުމަށް އެދިފައެއް ނުވާނެއެވެ،" އެ އޮފީހުގައި ބަޔާނުގައި ބުންޏެެވެ.
އޭގެ ބަދަލުގައި ފުލުހުންނަށް ފޮނުވި ސިޓީގައި އެދިފައި ވާނީ، މުޒާހަރާތަކުގައި ކުދިންގެ ކަރާމާތަށް އުނިކަން އަންނަ މައުލޫމާތު ހާމަ ނުުކުރެވޭނެކަން ކަށަވަރުކުރުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ކަމަށް އެ ބަޔާނުގައިވެ އެވެ.
މި މައްސަލަ މުޅި ގައުމުގެ ސަމާލުކަމަށް އައީ މަންދީ އާއި މާޒް ސަލީމް ބަރަހަނާކޮށްގެން ފޮޓޯ ނަގަން ކްރިމިނަލް ކޯޓުން އަމުރު ނެރުމުންނެވެ. އެ އަމުރު ނެރުނީ ފުލުހުން އެދިގެންނެވެ.
އެކަމުން ރެކެންވެގެން އެކި ވާހަކަތައް ދެއްކުމަށްފަހު، އެންމެ ފަހުން ފުލުހުން އެކަން ކަނޑާލީ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ ބޮލަށެވެ. ބަރަހަނާކޮށްގެން ފޮޓޯ ނަގާ މައްސަލަ ހޫނުވުމުން ފުލުހުން ބުނީ އެއީ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ހުށަހެޅުމުން ތަހުގީގު ކުރަން ފެށި މައްސަލައެއް ކަމަށެވެ.
ބަރަހަނާކޮށްގެން ފޮޓޯ ނަގަން ނެރުނު ކޯޓް އަމުރުގެ މައްސަލަ މުޅި ގައުމުގެ ސަމާލުކަމަށް އައުމަށް އެކަމުން ދިފާއުވުމަށް ދެކޮޅު ނުޖެހޭ ބަޔާނެއް ފުލުހުން އިއްޔެ ނެރުނެވެ. އެ ބަޔާނާ ގުޅިގެން ސާފުނުވާ އެތައް ކަމެއް ސާފުކުރުމަށް ފުލުހުންގެ މީޑިއާ ވަޓްސްއެޕް ގްރޫޕްގައި "ހުރިހާ" އިން ކުރި އެއްވެސް ސުވާލަކަށް ފުލުހުން ޖަވާބުދީފައެއްނުވެ އެވެ.
ރައީސްގެ ދަރިކަލުން އުމައިރުގެ ކަރާމާތަށް މަންދީ އާއި މާޒް ސަލީމް އަރައިގަތް ކަމަށް ބުނެ ތަހުގީގު ހިންގާއިރު، އެ ދެ މީހުން މުޒާހަރާގައި ދެއްކި ވާހަކައިގައި ބުނެފައި ވަނީ ހަމައެކަނި ރައީސްގެ ދަރިއެއް ކަމަށެވެ. ރައީސް މުއިއްޒުގެ 18 އަހަރުން މަތީގެ ދަރިއަކު ވެސް ހުރެ އެވެ. އަދި 18 އަހަރުން ދަށުގެ ދެ ކުދިން ތިބެ އެވެ. އެހެންކަމުން އެއީ އުމައިރާ ގުޅޭގޮތުން ދެއްކި ވާހަކައެއް ކަމަށް ފުލުހުން ނިންމީ ކޮން ހަމަޔަކުންތޯ ގިނަ ބަޔަކު އަންނަނީ ސުވާލުކުރަމުންނެވެ.