މާލޭގެ އިމާރާތަކުން ވެއްޓި މަރުވި ގއ. މާމެންދޫ، ބީޗްވިލާ، ވިފާގު އިބްރާހިމް އަދުނާންގެ މަރަށް އިންސާފު ހޯދަން ބޭނުންވާ ކަމަށާއި، މި މައްސަލާގައި އިންސާފު ލިބުން މާބޮޑަށް ލަސްވެފައިވާ ކަމަށް އޭނާގެ ބައްޕަ އަދި މެރިން ޕޮލިސްގެ ކުރީގެ ވެރިޔާ (ރިޓަޔާޑް) ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހިމް އަދުނާން އަނީސް ވިދާޅުވެއްޖެ އެވެ.
ވިފާގު ނިޔާވެފައިވަނީ 14 އޮގަސްޓް 2024 ގައި މާލޭގެ އިމާރާތަކުން ވެއްޓިގެންނެވެ.
ވިފާގުގެ ބައްޕަ އަދުނާން ރޭގެ ވަގުތެއްގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދަރިފުޅު މަރުވި ހާދިސާ ހިނގައިދިޔަ ގޮތާ މެދު ސުވާލު އުފެދޭ އެތައް ކަމެއް ހުރި ނަމަވެސް، މައްސަލައަށް އިންސާފު ލިބުމުގައި ބޮޑެތި ލަސްތަކެއް ވަމުންދާ ކަމަށެވެ. އަދި ތުހުމަތު ކުރެވޭ ފަރާތްތަކުން ސިޔާސީ ނުފޫޒާއި މަގާމުގެ ބާރުގެ ބޭނުން ހިފައިގެން ގާނޫނަށް ގޮންޖަހަމުންދާ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
"އިންސާފު ހޯދުމަކީ ގާނޫނުތަކުގެ ބާރު ކަނޑުވައިގެން ކަނޑުގެ އުސޫލުން ހިނގާ ކަމަކަށް ވެއްޖެނަމަ، އެއީ ނުރައްކަލެއްގެ ފެށުން. ބޮޑު މަގާމުގައި ހުރުމަކީ ތިމާ ހިންގާފައި ހުރި ބޮޑެތި ޖަރީމާތަކުން ރެކިގަތުމަށް ލިބޭ ލައިސަންސެއް ނޫންކަން ހަނދާން ކުރަން ޖެހޭ،" އަދުނާން ވިދާޅުވެފައިވެއެވެ.
ވިފާގުގެ މަރާ ގުޅިގެން "ޗެނަލް 13" އިން ގެނެސްދިން ރިޕޯޓެއްގައި ފުލުހުންގެ އިތުރުން އޭނާގެ މަންމައަށާއި، ދޮންބައްޕަ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމަށް ވެސް ބޮޑެތި ތުހުމަތުތަކެއް ވަނީ ކޮށްފަ އެވެ. އޭގެ ތެރޭގައި ވިފާގަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުވެސް ހިމެނެއެވެ.
ނަމަވެސް، ފުލުހުންގެ އިދާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ އެ ރިޕޯޓުގައި ކޮށްފައިވާ އެންމެހައި ތުހުމަތުތައް ދޮގުކޮށްފަ އެވެ. އެ ބައްދަލުވުމުގައި ވިފާގުގެ ޒާތީ ބައެއް މައުލޫމާތުތައް ހާމަކުރުމާ ގުޅިގެން އާންމުންގެ ފާޑުކިޔުން އަމާޒުވުމުން، ފަހުން ފުލުހުން ވަނީ އެކަމަށް މައާފަށްވެސް އެދިފަ އެވެ.
އަދުނާން އިތުރަށް ވިދާޅުވީ، ވިފާގުގެ މަރަށް އިންސާފު ހޯދުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ މުއައްސަސާތަކުގެ އެއްބާރުލުމާއި އެހީތެރިކަން އިންތިހާއަށް ބޭނުންވާ ކަމަށެވެ. އަދި އާއިލާއިން މިހާރުވެސް ތިބީ އިންސާފު ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ތެޔޮ ގަންނަން އޭޑީބީން 50 މިލިއަން ޑޮލަރުގެ ލޯނެއް ދީފި
"އާވާރާޕަން 3" ވެސް ވަރަށް އަވަހަށް ފެނިދާނެ ކަމަށް ބުނެފި
ހައްޖު ކިއު އާންމު ނުކުރާތީ ކޯޕަރޭޝަންގެ ވެރިން މަޖިލީހަށް