ސިފައިންނަށް ތަކެތި ހޯދައިދޭތީ ބަޔަކު މަލާމާތް ކުރާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސިފައިންގެ 133ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ސިފައިންނަށް އަސްކަރީ އުޅަނދުތައް ހޯދާތީ މަލާމާތްކުރާ މީހުންނަކީ، ގައުމިއްޔަތުކަމެއް ނެތް، ގައުމީ ލޯތްބެއް ނެތް، މަވެތިކަމުގެ އިންތިހާއަށް ގޮސްފައިވާ އަދި ސިޔާސީ ގޮތުންގޮސް ގައުމު ކޮންމެ ފަދަ ގޮތަކަށް ވެގެންދިޔަޔަސް ވަރިހަމަވާ ވިސްނުމުގެ މީހުން ކަމަށެވެ.

އެ ވިސްނުމުން ގައުމު ސަލާމަތްކުރުމަކީ ގައުމު ދެކެ ލޯބިވާ ކޮންމެ ދިވެހި ރައްޔިތެއްގެ ވާޖިބެއްކަމަށާއި، މި ގައުމަށް އުފަން، ކޮންމެ ދިވެއްސެއްގެ ހިތުގައި ގައުމީ ލޯބި ހުންނަންޖެހޭނޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދިވެހި ސިފައިންގެ ފެންވަރު މަތިކުރުމާއި، ސިފައިންނަށް ހޯދައިދޭންޖެހޭ ވަސީލަތްތައް ހޯދައިދިނުމާއި، ސިފައިންނަށް ދޭންޖެހޭ ތަމްރީނު ދިނުމާއި، ސިފައިންގެ ބާރު އިތުރުކުރުމަކީ އަޅުގަނޑުމެން ފަޚުރުވެރި ވާންޖެހޭނެ ކަންކަންކަމަށެވެ.

ގައުމީ ދިފާއީ ބާރު ވަރުގަދަކުރުމަށްޓަކައި ކުރެވޭ ކޮންމެ ގައުމީ މަސައްކަތަކީ މި މިނިވަން މުސްތަގިއްލު ގައުމުގެ ހިމާޔަތާއި ރައްކާތެރިކަމާއި މިނިވަންކަމަށްޓަކައި، އަދި އެ މިނިވަންކަން އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ފަޚުރުވެރިކަމާއެކީ ކުރަންޖެހޭ މަސައްކަތްތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް މިފަދައިން ވިދާޅުވީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެމްއެންޑީއެފްއަށް މިވަގުތަށް ބޭނުންނުވާ ފަދަ އަސްކަރީ އުޅަނދުތަކެއް ބޮޑު އަގުގައި ގަނެފައިވާތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.