ނަވާރަ ސަތޭކަ ބާރަ ވަނަ އަަހަރު 2200 މީހުންނާއެކު އެޓްލާންޓިކް ކަނޑުން ދަތުރު ކުރަމުން ދަނިކޮށް އަޑިއަށް ދިޔަ ޓައިޓޭނިކް ފެތުމުގެ ހާދިސާއަކީ މިހާތަނަށް ދުނިޔޭގައި ހިނގި އެންމެ ހިތާމަވެރި އެއް ކަނޑުމަތީގެ ހާދިސާ އެވެ.
އެ ހާދިސާ އަށް ގަރުނަކަށްވުރެ ގިނަ އަހަރު ވެފައިވާއިރު އެކި ފަހަރުމަތިން އެކި ފަރާތްތަކުން ވަނީ އެ ބޯޓުގެ "ކޮޕީ"އެއް ނުވަތަ ޓައިޓޭނިކް 2 ބަނުމުގެ ވާހަކަ ދައްކައިފަ އެވެ.
އޭގެ ތެރެއިން އެކަކަކީ އޮސްޓްރޭލިއާގެ މަހުޖަނު ކްލައިވް ޕާމާ އެވެ. ޕާމާ އެންމެ ފުރަތަަމަ އެފަދަ ހިޔާލެއް ފާޅުކޮށްފައި ވަނީ 2012 ވަނަ އަހަރު، ޓައިޓޭނިކް ފެތުމުގެ ހާދިސާއަށް ގަރުނެއް ފުރުނު މުނާސަބަތުގަ އެވެ.
އެއަށްފަހު 2018 ގައި ވެސް އޭނާ އެކަހަލަ ވާހަކައެއް ދެއްކި ނަމަވެސް އެފަހަރު ވެސް އެކަމަށް މާބޮޑު ކުރިއެރުމެއް ނުލިބި އޮބިގެން ދިޔައީ އެވެ.
އޭގެ ހަ އަހަރު ފަހުން ޕާމާ އަނެއްކާވެސް މިވަނީ އޭނާގެ ދުވަސްވީ ހުވަފެނުގެ ވާހަކަ ދައްކައިފަ އެވެ. އޭނާ ވަނީ ސިޑްނީގެ އޮޕެރާ ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓައިޓޭނިކް 2 ބަނުމުގެ ޝައުގުވެރިކަން އަނެއްކާވެސް ފާޅުކޮށްްފަ އެވެ.
ޕާމާ މި ޕްރޮޖެކްޓް ކުރިއަށް ގެންދާނީ އޭނާގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނި ބްލޫ ސްޓާ ލައިންގެ ދަށުން ކަމަށް ހަބަރުތައް ބުނެ އެވެ.
ޕާމާ ބުނީ އެ ބޯޓު ވާނީ އަސްލު ޓައިޓޭނިކްއާ ވަރަށް އެއްގޮތް ފަރުމާއަކަށް ކަމަށެވެ. މައިގަނޑު ތަފާތެއްގެ ގޮތުގައި އޭނާ ފާހަގަކުރަނީ ބޯޓުގައި އެކުލެވޭ ޒަމާނީ ވަސީލަތްތަކާއި ބޯޓުގެ ސަލާމަތީ ފިޔަވަޅުތަކެވެ.
ޓައިޓޭނިކް ފެތުމުގެ ހާދިސާގައި ބޯޓުން ދަތުރުކުރި 1،500 އެއްހާ މީހުން މަރުވިއިރު އެހާ ގިނަ މީހުން މަރުވުމުގެ އެންމެ ބޮޑު ސަބަބަކަށްވީ އެކަށީގެންވާ ވަރަށް ލައިފްބޯޓު ބޯޓުގައި ނެތުމެވެ.