ހަނގުރާމައިގައި އީރާން ވަރަށް ބޮޑަށް ބަލިވަމުންދާ ކަމަށް ވިދާޅުވެ، ހޮރްމޫޒް ކަނޑުއޮޅިއަކީ އެމެރިކާގެ ސަރަހައްދެއްގެ ގޮތުގައި މާލަސްތަކެއް ނުވެ އިއުލާން ކުރައްވާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހު ވިދާޅުވެއްޖެ އެވެ.

ނިއުޔޯކް ސްޓޭޓްގެ ޕޮލިސް އެކަޑަމީއެއްގައި ބޭއްވި ހަފްލާއެއްގައި ހިނިފުޅުވަޑުވަމުން ޓްރަމްޕް ވިދާޅުވީ، އީރާން ބަލިކޮށް ނިމުމުން، އެމެރިކާގެ ސަރަހައްދެއްގެ ގޮތުގައި ހޮރްމޫޒް ކަނޑުއޮޅި ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށެވެ. އަދި އެއީ ހަގީގަތެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އީރާނުގެ ނިއުކްލިއާ މަޝްރޫއު ހުއްޓުވުމަށާއި، އެގައުމުގެ ރައްޔިތުން ސަރުކާރާ ދެކޮޅަށް ތެދުވުމަށް ބާރުއެޅުމުގެ މަގުސަދުގައި، ފެބްރުއަރީ 28 ވަނަ ދުވަހު ޓްރަމްޕާއި އިޒްރޭލް ގުޅިގެން ވަނީ އިރާނާ ދެކޮޅަށް ހަނގުރާމަ ފަށާފަ އެވެ.

ނަމަވެސް، ދުނިޔޭގެ ހަކަތައާއި އެހެނިހެން މުދާ އުފުލުމުގައި މުހިންމު ދައުރެއް އަދާކުރާ ހޮރްމޫޒް ކަނޑުއޮޅީގެ ބޮޑު ބައެއްގެ ކޮންޓްރޯލް ހޯދައި، އީރާނުން ވަނީ ރައްދު ހަމަލާ ދީފަ އެވެ.

މި ކަނޑުއޮޅީގެ މައްސަލައިގައި އެމެރިކާއާއި އީރާނާ ދެމެދު ވަނީ ނުތަނަވަސްކަން އުފެދި، މައްސަލަ ހައްލުނުވެ މަރުތަޅު އެޅިފަ އެވެ. އީރާނުން އާންމު މުދާ އުފުލާ ގިނަ އުޅަނދުފަހަރަށް އެ ސަރަހައްދަށް ވަނުން މަނާކުރަމުންދާއިރު، އެމެރިކާގެ ކަނޑުގެ ސިފައިން ދަނީ އީރާނުގެ އިގްތިސާދު ހީނަރުކޮށްލުމަށްޓަކައި އެގައުމުގެ ބަނދަރުތައް ބަންދުކުރަމުންނެވެ.

"އަޅުގަނޑުމެން މިވަނީ ބަނދަރުތައް ބަންދުކޮށްފައި. އަޅުގަނޑުމެން ބޭނުންވެގެން މެނުވީ އެއްވެސް އުޅަނދަކަށް އެތަނުން ދަތުރެއް ނުކުރެވޭނެ،" ސަޕޯޓަރުންނާއި ފުލުހުންގެ ކުރިމަތީގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.