ތުރުކީގެ ހުޅަނގު އައްސޭރިފަށުގައި، އީޖިއަން ކަނޑުގެ ނޫކުލައިގެ ފެންގަނޑުގެ ކައިރީގައިވާ އިޒްމީރަކީ ތިން ހާސް އަހަރަށްވުރެ ދިގު ތާރީހެއް އޮތް، ސަގާފަތާއި ރީތިކަމުން ފުރިގެންވާ ހިތްގައިމު ސިޓީ އެކެވެ.
މި ސިޓީގައި ދިރިއުޅޭ މީހުންނާއި ދަތުރުވެރިން އަބަދުވެސް މި ސިޓީއަށް ނިސްބަތްކޮށް "ގުޒެލް އިޒްމީރު" ނުވަތަ "ރީތި އިޒްމީރު" ގެ ނަމުން ނަން ދީފައިވަނީ އެތަނުގެ ގުދުރަތީ ރީތިކަމާއި ތާރީހީ މުއްސަނދިކަމުގެ ސަބަބުންނެވެ.
މިއީ ހަމައެކަނި ބަލައިލަން ރީތި ތަނެއްގެ އިތުރުން، އެތަނުގެ އަޑުތަކާއި، ރަހަތަކާއި، އަދި ވަސްތަކުން ދަތުރުވެރިންގެ އިހުސާސްތައް އާލާކޮށްދޭ ދިރުންހުރި މަންޒިލެކެވެ.
އިޒްމީރުގެ މަގުތަކުން ފެންނަން ހުރީ ތަފާތު އެކި ހަޟާރާތްތަކުން ދޫކޮށްފައިވާ އާސާރުތަކާއި، ތާރީހީ ގޮތުން ފާހަގަ ކޮށްލެވޭ އެކި ބިނާ ތަކެވެ. އެގޮތުން ކްރިސްޓުފޫލުމުގެ ހަތަރު ގަރުނު ކުރިން އެލެގްޒެންޑާ ދަ ގްރޭޓްގެ ދުވަސްވަރު ބިނާކޮށް، ފަހުން ރޯމަން އެމްޕަރާ މާކަސް އޮރީލިއަސްގެ ދުވަސްވަރު އަލުން އާބާދު ކުރެވުނު "އަގޯރާ އޮފް ސުމިރްނާ" އަކީ އިޒްމީރުގެ ގަދީމީ ވިޔަފާރީގެ މާޒީ ސިފަކޮށްދޭ އާސާރީ ބާޒާރެކެވެ.
މީގެ އިތުރުން، ގަރުނަކަށްވުރެ ގިނަ އަހަރުވީ "ތާރީހީ އަންސާސޯރު" ލިފްޓަކީ ފަރުބަދަމަތީގެ ސަރަހައްދަށް އަރަން ސިޑިތަކުން ކުރަންޖެހޭ 155 ފިޔަވަޅުގެ އުނދަގޫ ދަތުރު ފަސޭހަ ކުރުމަށް ހެދި ތަނެއް ނަމަވެސް، މިއަދު މިއީ އިޒްމީރު ބޭއާއި ސިޓީގެ މުޅި މަންޒަރު މަތިން ބަލައިލުމަށް އެންމެ މަގުބޫލު އެއް މަންޒިލެވެ.
ކޮނަކް ސުކުއާގައިވާ ޒަމާންވީ ކްލޮކް ޓަވަރުގެ ހެނދުނުގެ އަޑާއެކު، މަޝްހޫރު ކެމަރާލްތީ ބާޒާރުގެ ދިރުން ފެށިގެންދެ އެވެ. މި ބާޒާރުގެ ތެރެއިން ތުރުކީ ކޮފީ މުގުރާ މެޝިންތަކުގެ އަޑާއި، ކޮފީ ތަށިތަކުގެ އަޑު، އަދި އެސްފީނާއިން ރައްކާތެރިވުމަށް ބޭނުންކުރާ ނޫކުލައިގެ "ނަޒާރު" ތަކުގެ އަޑުތަކުން މުޅި ސަރަހައްދު ގުގުމާލަ އެވެ.
އެއާއެކު ބާޒާރުގެ ތެރޭގައިވާ "ކިޒްލާރާގާސީ ހާން"ގެ ހުސްޖާގައިގައި ތިބެ، ތުރުކީ ކޮފީއެއް ބޮމުން ބެކްގަމަން ކުޅުމަކީ ދަތުރުވެރިންނަށް ލިބޭނެ ހާއްޞަ ތަޖުރިބާ އެކެވެ.
އިޒްމީރުގެ ކާބޯތަކެތީގެ ސަގާފަތަކީވެސް ވަރަށް މުއްސަނދި އަދި ތަފާތު ރަހަތަކުން ފުރިގެންވާ ސަގާފަތެކެވެ. އެގޮތުން ޔަހޫދީ ސަގާފަތުން އައިސްފައިވާ ފްލޭކީ ޕޭސްޓްރީއެއް ކަމަށްވާ "ބޮޔޯޒް" އާއި، ސެމޮލީނާ އަދި މާމުޔާއި ކްރީމް އެކުލެވޭ ފޮނި ކޭކެއް ކަމަށްވާ "ޝަމްބާލީ" އަކީ ބާޒާރުގެ ތެރެއިން ލިބޭ އެންމެ މަގުބޫލު ދެ ކެއުމެވެ.
މީގެ އިތުރުން ހެނދުނުގެ ނާސްތާއަށް "ގެވްރެކް" ނަމަކަށް ކިޔާ ސިމިޓް ޕާނާއި "ޕީޝީ"އާއި ތުލުމް ޗީޒް ބޭނުންކުރާއިރު، މެންދުރާއި ރޭގަނޑުގެ ކެއުމަށް ޓޮމާޓޯ ސޯސްގައި އަލުވިއާއެކު ތައްޔާރުކުރާ "އިޒްމީރު ކޮފްތޭ" އަކީ ކޮންމެހެން ރަހަ ބަލާލަންޖެހޭ ކެއުމެކެވެ.
އިޒްމީރު ސިޓީގެ މައި ސަރަހައްދުން ބޭރަށް ޖެހިލުމުން ފެނިގެންދަނީ އީޖިއަން އައްސޭރިފަށުގެ ގުދުރަތީ ރީތިކަމާއި ހިތްގައިމު މަންޒަރުތަކެވެ.
ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި މާކު ކުރެވިފައިވާ "ޕާގަމޮން" ގަދީމީ ސިޓީއަށް ޒިޔާރަތްކޮށް ތާރީހީ އިހުސާސްތައް ކުރެވޭއިރު، "އުރުލާ" އައްސޭރިފަށުގެ ސަރަހައްދުން ކަނޑުގެ ސާފު ފެންގަނޑާއި މިޝެލިން ސްޓާ ރެސްޓޯރަންޓްތަކުގެ މީރު ކެއުންތައް ތަޖުރިބާ ކޮށްލެވޭނެ އެވެ.
އިޒްމީރަށް ދަތުރު ކުރުމަށް އެންމެ ރަނގަޅު ދުވަސްވަރަކީ މެއި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ. ސިޓީ ސެންޓަރާ 18 ކިލޯމީޓަރު ދުރުގައިވާ އަދްނާން މެންޑެރެސް އެއާޕޯޓުން ފަސޭހަ ކަމާއެކު ސިޓީގެ އެކި ސަރަހައްދުތަކަށް ދަތުރު ކުރެވޭނެ އެވެ.