ސިއްހަތަށް ފައިދާހުރި ކާނާ ނުވަތަ 'ޑައިޓް' ކުރަން ފެށުމާއެކު ގިނަ ބަޔަކު ހީކުރަނީ މީރު ކުޅި ރަހަތަކާއި އާންމުކޮށް ކައިއުޅޭ ކާނާތަކާ ދުރަށްދާން ޖެހުނީ ކަމަށެވެ.

ނަމަވެސް ނިއުޓްރިޝަން ކޯޗެއް ކަމަށްވާ އިޝާންކާ ވަނީ، ކެއުމުގެ ރަހައަށް ބަދަލު ނުގެނެސް ސިއްހަތަށް ފައިދާހުރި ގޮތަކަށް ކާނާ ތައްޔާރު ކުރެވިދާނެ މުހިންމު ގޮތްތަކެއް ހިއްސާ ކޮށްފަ އެވެ.

އޭނާ ފާހަގަކުރާ ގޮތުގައި، އިންޑިއާ އަދި ދެކުނު އޭޝިއާ ސަރަހައްދުގެ ކެއުންތައް (ދިވެހިންގެ ކެއުންތައްވެސް ހިމެނޭހެން) އޭގެ ޒާތުގައި ގޯހެއް ނޫނެވެ. މުހިންމީ އެ ތަކެތި ތައްޔާރުކުރާ ގޮތާއި ކެވޭ މިންވަރެވެ. ތިރީގައި އެވަނީ ކެއުމުގެ ވައްޓަފާޅިއަށް ގެނެވިދާނެ ފަސޭހަ 5 ބަދަލެކެވެ.

1. ކެއުމުގައި ހަމަހަމަކަން ގެންގުޅުން

ކެއުންތަކަކީ ސިއްހަތަށް ގެއްލުންހުރި އެއްޗެހި ކަމަށް ނިންމުމުގެ ބަދަލުގައި، މުޅި ދުވަހުގެ ކެއުންތައް ހަމަހަމަކުރަން ވިސްނާށެވެ. މިސާލަކަށް އެއް ބާވަތެއްގެ ކާނާ ދުވަހުގެ ހުރިހާ ވަގުތެއްގައި ކެއުމުގެ ބަދަލުގައި، ތަފާތު ބާވަތްތައް ހިމެނުމަށް އިސްކަން ދޭށެވެ. ރަނގަޅު ކެއުމެއްގައި ޕްރޮޓީން (މުގު، ބިސް، މަސް)، ކާބޯހައިޑްރޭޓްސް، ތަރުކާރީ އަދި ސިއްހަތަށް ފައިދާހުރި ފެޓްސް ހިމެނޭނެ އެވެ.

2. ކުދި ބަދަލުތަކުން ބޮޑު ތަފާތެއް ގެނައުން

ކެއުންތައް އެއްފަހަރާ އެއްކޮށް ބަދަލު ކުރުމުގެ ބަދަލުގައި، އާންމުކޮށް ކައިއުޅޭ ތަކެއްޗަށް ކުދި ބަދަލުތައް ގެންނާށެވެ. މިސާލަކަށް ރޮށި ނުވަތަ ފަރާޓާ ފިހާއިރު ފުށުގެ ތެރެއަށް ގިނައިން ތަރުކާރީ އަޅައިގެން ތައްޔާރު ކުރުމާއި، އެއާއެކު ޕްރޮޓީން ހިމެނޭ ބާވަތެއް ކެއުމަކީ ކެއުން އިތުރަށް ފައިދާހުރި ގޮތަކަށް ބަދަލު ވެގެންދާނެ ކަމެކެވެ.

3. ގޭގައި ތައްޔާރުކުރާ ލުއިކާނާ އިހުތިޔާރު ކުރުން

ފިހާރަތަކުން ޕެކެޓުކޮށްފައި ހުންނަ ލުއިކާނާ ގަތުމުގެ ބަދަލުގައި ގޭގައި ސްނެކްސް ތައްޔާރު ކުރާށެވެ. ފޮނި އެއްޗެއް ކާ ހިތްވާނަމަ ކަދުރު، ނަޓްސް އަދި އެކި ޒާތުގެ އޮށްތައް ބޭނުން ކޮށްގެން ގޭގައި ފަސޭހައިން އެއްޗެއް ތައްޔާރު ކުރެވިދާނެ އެވެ. މިފަދަ ތަކެތި ގިނައިން ހަދާފައި ފްރިޖުގައި ރައްކާކޮށްފައި ބެހެއްޓިދާނެ އެވެ.

4. ކުޑަކުދިންނަށް ކާން ދިނުމުގައި ޝައުގުވެރިކަން އިތުރު ކުރުން

ކުޑަކުދިންނަށް ކާންދޭއިރު ހަމައެކަނި ރަހަ މީރުވުމަކުން ނުފުދެ އެވެ. ކާއެއްޗެހި ހުންނަ ސިފަ ރީތިވުމަކީ ވެސް މުހިންމު ކަމެކެވެ. ކޮންމެ ދުވަހަކު އެއްގޮތަކަށް ހަދާފައި ހުންނަ ކާއެއްޗެހި ދިނުމުގެ ބަދަލުގައި، ތަރުކާރީ ބޭނުން ކޮށްގެން ކުލަކުލައިގެ ކާއެއްޗެހި، ނުވަތަ ތަފާތު ބައްޓަންތަކަށް ކާއެއްޗެހި ހެދިދާނެ އެވެ. މިއީ ކުދިންނަށް ފައިދާހުރި ކާނާ ކެއުމަށް ޝައުގުވެރި ކުރުވާނެ ކަމެކެވެ.

5. ފައިދާހުރި ކާނާގެ ރަހަ ނުބައި ނުކުރުން

ސިއްހަތަށް ފައިދާހުރި ކާނާ ކެއުމަށް ކުރާ މަސައްކަތުގައި އެންމެ ގިނަ މީހުންނަށް ހެދޭ ގޯހަކީ ކާއެއްޗެހީގެ ރަހަ ނުބައި ކުރުމެވެ. ތެލާއި ލޮނު މަދުކުރި ނަމަވެސް، ހަވާދު، ފަތްޕިލާވެލި، އަދި ތަފާތު ޗަޓްނީތައް ބޭނުންކޮށްގެން ކެއުމުގައި މީރު ރަހަތައް ހިފެހެއްޓިދާނެ އެވެ. އެއާއެކު ތެލުލި ކާނާ ކާހިތްވާނަމަ އެއާ ފްރަޔާ ފަދަ ވަސީލަތްތައް ބޭނުންކުރުމަކީ ތެޔޮ މަދުކޮށް ކެވޭނެ ގޮތެކެވެ.