އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތަށް ބޭރުގެ މީޑިއާތަކަށް ރައްޔިތުންގެ މަޖިލީހުން ދައުވަތު ދީފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އިންތިހާބީ ރައީސް ޑރ. މުއިއްޒުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު ކަވަރު ކުރުމުގެ ޝައުގުވެރިކަން ހުރި ހުރިހާ ބައިނަލްއަގުވާމީ މީޑިއާތަކަށް ދައުވަތު އަރުވާ ކަމަށެވެ. އަދި ޝައުގުވެރިވާ މީޑިއާތަކުން އެޕްލިކޭޝަން މި މަހުގެ 31 ކުރިން ހުށަހެޅުމަށް ވެސް މަޖިލީހުން ވަނީ އެދިފަ އެވެ.
މީޑިއާގެ ފަރާތްތަކަށް ވިސާ ހަމަޖެއްސުމުގެ ކަންކަމުގައި މަޖިލީހުގެ އިދާރާއިން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
އެހެން ނަމަވެސް މީޑިއާގެ ދަތުރު ހަރަދާއި ހުރުމާއި ކެއުން ފަދަ ކަންކަމަށް މަޖިލީހުން ހަރަދު ނުކުރާނެ ކަމަށާއި އެކަންކަން އިންތިޒާމު ކުރަންޖެހޭނީ މީޑިއާތަކުން ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.
ޑރ. މުއިއްޒު ރައީސްކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ މަހު 17 ވަނަ ދުވަހުގެ ހަވީރު، ޖުމްހޫރީ މައިދާނުގަ އެވެ.
ޖުމްހޫރީ މައިދާނުގައި އެ ރަސްމިއްޔާތު ބާއްވަން ނިންމެވީ ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި ވީހާވެސް ގިނަ ރައްޔިތުންނަށް ފެންނާނެ ގޮތަށް އަދި ރައްޔިތުންނަށް ބައިވެރިވެވޭ ގޮތަށް ހުވާ ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ބޭނުންފުޅުވާތީ އެވެ.
މިދިޔަ މަހު އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ޑރ. މުއިއްޒު ކާމިޔާބު ކުރެއްވީ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރައްވައި 53.9 އިންސައްތަ ވޯޓުންނެވެ.