ދިވެހި ތާރީހުގެ އެންމެ މުހިއްމު އެއް ސަފްހާ ކަމަށްވާ ބޮޑު ތަކުރުފާނުގެ ހަޔާތުގެ މައްޗަށް އިނގިރޭސި ބަހުން ލިޔެ ޝާއިއު ކުރަމުން އަންނަ "ދަ ޓައިޑްސް އޮފް ކޭއޯސް"ގެ ދެވަނަ ބައި ކިޔުންތެރިންނަށް ދޫކޮށްލައިފި އެވެ.

އަރަމުން އަންނަ ޒުވާން ލިޔުންތެރިޔާ އަހުމަދު އަލީމްގެ މި ސިލްސިލާއަކީ ދިވެހި ރާއްޖެ ޕޯޗުގީޒުންގެ އަޅުވެތިކަމަށް ވެއްޓުނު ގޮތާއި އެ ހާލަތުން އަރައިގަންނަން ދިވެހި ބަތަލުން ކުރެއްވި މަސައްކަތަށް ވަރަށް ތަފްސީލުކޮށް އަލިއަޅުވާލާ ސިލްސިލާ އެކެވެ.

"އިން ޓު ދަ އެބީސް"ގެ ނަމުގައި ނެރުނު މި ސިލްސިލާގެ ދެވަނަ ބައިގައި އަނދިރި އަނދިރީންނާއި ކަނބާ އައިޝާ، އަލި ރަސްގެފާނުގެ އިތުރުން ހަސަން ރަސްގެފާނުގެ ވާހަކަ ގެނެސްދެވިފައިވާނެ ކަމަށް އަލީމް ބުންޏެވެ.

އެގޮތުން ސުލްތާން ހަސަން ރަސްގެފާނު ނުވަވަނަ ރާއްޖޭގެ ރަސްކަމަށް އިސްވެ ވަޑައިގަތުމަށްފަހު ރާއްޖޭގެ މަޝްރަހަށް އައި ހަލަބޮލި ކަމާއި ބަދަލުތައް މި ވާހަކައިން އެނގިގެންދާނެ އެވެ.

އަލީމް ބުނީ މި ސިލްސިލާގެ މައިގަނޑު މަގްސަދަކީ ދިވެހި ތާރީހުގެ އެންމެ މުހިއްމު އެއް ބާބު ކަމަށްވާ ޕޯޗުގީޒުންނާއި ބޮޑު ތަކުރުފާނުގެ ވާހަކަ މިއަދުގެ ޖީލަށާއި ރާއްޖެއިން ބޭރުގެ ކިޔުންތެރިންނަށް ގެނެސްދިނުން ކަމަށެވެ.

ސިލްސިލާގެ ފުރަތަމަ ބައި ކަމަށްވާ "ޕްރީލޫޑް ޓު ދަ ޑާކްނަސް"އަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާއިރު ދެވަނަ ބަޔަކަށް ވެސް ހަމަ އެ ތަރުހީބު ލިބޭނެ ކަމަށް އުއްމީދު ކުރެވެ އެވެ.

މި ފޮތުގެ ސޮފްޓް ކޮޕީ މިހާރު އެމޭޒަންއިން ގަންނަން ލިބެން ހުންނާނެ ކަމަށާއި ވަރަށް އަވަހަށް ވާހަކައިގެ ހާޑް ކޮޕީ ޝާއިއު ކުރާނެ ކަމަށް ވެސް އަލީމް ބުންޏެވެ.

ޖުމްލަ ފަސް ބަޔަކަށް ބަހާލައިގެން ނެރެން ހަމަޖެހިފައިވާ މި ސިލްސިލާގެ ތިންވަނަ ބައިގެ މަސައްކަތް މިހާރު ފެށިފައިވާއިރު އަވަސް މުސްތަގްބަލެއްގައި ކިޔުންތެރިންނާ ހަމައަށް ތިންވަނަ ބައި ވެސް އަންނާނެ ކަމަށް ބެލެވެ އެވެ.