ޔުނިސެފުން ރާއްޖެއަށް މީސަލްސް-ރުބެއްލާ (އެމްއާރު) ވެކްސިންގެ 28،000 ޑޯޒް ހަދިޔާކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޔުނިސެފުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އެޑްވަޑް އަޑައި މި ވެކްސިންތައް ހަވާލުކޮށްދެއްވިއިރު، ސަރުކާރުގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގަތީ ހެލްތް މިނިސްޓަރު ގީލާ އަލީ އެވެ.

މިނިސްޓްރީން ހާމަކުރި ގޮތުގައި މި އެހީއަކީ ރާއްޖޭގައި މިހާރު ފެތުރެމުންދާ ހިމަބިހި ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ "އައުޓްބްރޭކް ރެސްޕޮންސް އިމިއުނައިޒޭޝަން" ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން ދިން ތަކެއްޗެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ވެކްސިން ޖަހައިގެން ތިމާގެ އަމިއްލަ ނަފުސު ރައްކާތެރިކުރުމަކީ، އާއިލާއާއި މުޖުތަމައުގެ އިތުރުން ބަލިތަކަށް އެންމެ ނާޒުކު މީހުން ސަލާމަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ހިމަބިއްސަކީ ވަރަށް އަވަހަށް ފެތުރޭ ބައްޔެއް ނަމަވެސް މިއީ ކޮންޓްރޯލް ނުކުރެވޭނެ ބައްޔެއް ނޫން ކަމަށް ވިދާޅުވެ، ސިއްހީ މުވައްޒަފުން ކުރަމުންދާ މަސައްކަތްތަކަށް މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ ހަފުތާގައި އެކަނިވެސް މާލެ ސަރަހައްދުން ހިމަބިހީގެ 55 ކޭސް ފެނިފައި ވާއިރު، މި އަހަރުގެ މިހާތަނަށް ޖުމްލަ 121 ކޭސް ވަނީ ރިޕޯޓްކޮށްފަ އެވެ. މި ބަލި އެންމެ ގިނައިން ޖެހެނީ އުމުރުން 15 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށެވެ. ހިމަބިއްސަކީ 2017 ވަނަ އަހަރު ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ނަމަވެސް ދޭތެރެއަކުން ބަލީގެ ކޭސްތައް ފެންނާތީ، އެޗްޕީއޭއިން މިހާރު ވަނީ ވެކްސިން ދިނުމުގެ ތިންވަނަ ފިޔަވަހީގެ ދަށުން، ވެކްސިންގެ ދެ ޑޯޒް ފުރިހަމަވެފައި ނުވާ 49 އަހަރުން ދަށުގެ ހުރިހާ އެންމެންނަށް ވެކްސިން ޖެހުމުގެ ފުރުސަތު މާލެއާއި އަތޮޅުތަކުގައި ހުޅުވާލާފަ އެވެ.

"މީސްލްސް ވައިރަސް" ގެ ސަބަބުން ޖެހޭ މި ބައްޔަކީ ބަލިޖެހިފައިވާ މީހަކު ކެއްސާ ކިނބިހިއެޅުމުގެ ތެރެއިން ބޭރުވާ ޖަރާސީމުންނާއި، ތަގައްޔަރުވެފައިވާ އެއްޗެއްގައި އަތްލުމަށްފަހު ނޭފަތް، އަނގަ ނުވަތަ ލޮލުގައި އަތްލުމުން ވަރަށް ފަސޭހައިން ވާސިލްވާ ބައްޔެކެވެ. މި ބަލީގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުން އައުން، އަރިދަފުސް ފޭބުން، ކެއްސުން، ވަރުބަލިވުން، ގައިގައި ރިހުން އަދި ކާހިތް ނުވުން ހިމެނެ އެވެ.

ސިއްހީ މާހިރުން ފާހަގަކުރާ ގޮތުގައި މި ބަލީގެ ހާއްސަ އަލާމާތެއް ކަމަށްވާ ރަތް ކުލައިގެ ބިހިތައް ފުރަތަމަ ފާޅުވާން ފަށަނީ ނިއްކުރި މަތިން، ބޮލުގެ އިސްތަށި ފެށޭ ހިސާބުންނެވެ. އެހެންކަމުން ހުން އައުމާ އެކު ހަށިގަނޑުން މިފަދަ ރަތް ބިހިތަކެއް ފެންނަން ފަށައިފި ނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަކީ މުހިންމު ކަމެކެވެ.