އިރާނުގެ ކުރީގެ ރޫހީ ލީޑަރު އާޔަތުالله އަލީ ހާމަނާއީ އަވަހާރަވުމާ ގުޅިގެން ބޭއްވި ރަސްމީ ޖަނާޒާގައި ރާއްޖޭގެ މަންދޫބަކަށް ބައިވެރިވެވަޑައިނުގަނެވުނީ ޕްރޮޓޮކޯލް އުސޫލުތަކަށް އައި ބަދަލަކާ ގުޅިގެން ކަމަށް ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.
އިރާނުގެ ރޫހީ ލީޑަރު އަވަހާރަވުމާ ގުޅިގެން ޖުލައި ތިންވަނަ ދުވަހު ބޭއްވި ރަސްމީ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ދިވެހި ސަރުކާރަށް އިރާނުން ވަނީ ދައުވަތު އަރުވާފަ އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ މި ދައުވަތު ގަބޫލުކޮށް ރާއްޖޭގެ ފަރާތުން މި ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެއްސީ ރާއްޖޭން ސައުދީ އަރަބިއްޔާއަށާއި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ސަރީރު ކަމަށެވެ. އަދި މިކަން އިރާނުގެ ސަރުކާރަށް ދިވެހި ސަރުކާރުން ރަސްމީކޮށް އެންގި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ސަފީރު ސަރީރު ޖަނާޒާއަށް ފުރާވަޑައިގަތުމަށް ތައްޔާރުވެވަޑައިގެން، ވަގުތު ކައިރިވެފައި ވަނިކޮށް، އިރާނުގެ އެމްބަސީން ވަނީ ބޭރު ގައުމުތަކުގެ ވަފުދުތަކަށް ޕްރޮޓޮކޯލް ހަމަޖައްސާފައިވާ ގޮތަށް ބަދަލުތަކެއް ގެނެސްފައިވާކަން އަންގާފައި ކަމަށް އެ ބަޔާނުގައިވެ އެވެ. އާ އުސޫލުގެ ދަށުން ސަފީރުންގެ ފެންވަރުގައި ޖަނާޒާގައި ބައިވެރިވެވަޑައިނުގެންނެވޭނެކަން އެންގުމާ ގުޅިގެން، ދިވެހި ސަރުކާރުން ސްޓޭޓް މިނިސްޓަރެއްގެ ފެންވަރުގެ ބޭފުޅަކު ފޮނުއްވުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ވަގުތުން ފެށި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ވަގުތުގެ ދަތިކަމާއި އިރާނުގެ ލަފާސްޓޭޓް މިނިސްޓަރަކު ފޮނުއްވުމަށް މަސައްކަތް ކުރި ނަމަވެސް، ތެހެރާނަށް ދަތުރުކުރާ ފްލައިޓްތަކަށް ހުއްދަ ދިނުމުގެ ސުންގަޑި ހަމަވުމާއި، ދަތުރު ކުރެއްވުނު ނަމަވެސް ޖަނާޒާގެ ރަސްމީ ބައި ނިމޭ ފަހުން ވަޑައިގެންނެވޭ ގޮތަށް އޮތުމުން އެ ދަތުރު ނުކުރުމަށް އިރާނުގެ ސަރުކާރުން ލަފާދިން ކަމަށް އެ ބަޔާނުގައިވެ އެވެ.
"ދިވެހިރާއްޖެއިން ސްޓޭޓް މިނިސްޓަރަކު ފޮނުއްވުމަށް ނިންމެވި ނިންމެވުމަށް އިރާނުން ޝުކުރުއަދާކުރައްވައި، އޭގެ ބަދަލުގައި ފަހުގެ ތާރީހެއްގައި ސަރުކާރުގެ އިސް ބޭފުޅަކު އިރާނަށް ޒިޔާރަތްކުރެއްވުމަށް އިރާނުން ވަނީ އެދިވަޑައިގެންފައެވެ،" އެ ބަޔާނުގައިވެ އެވެ.
މި ހާދިސާއާ ގުޅިގެން ޖަނާޒާގައި އަމަލީ ގޮތުން ބައިވެރިވެވަޑައިނުގެންނެވުނު ނަމަވެސް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ރާއްޖޭގެ ހާރިޖީ ވަޒީރު ވަނީ އިރާނުގެ ހާރިޖީ ވަޒީރަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވާފަ އެވެ. މި މެސެޖުގައި އިރާނުގެ ރޫހީ ލީޑަރު އަވަހާރަވުމުގެ ހިތާމައިގައި ދިވެހިން ބައިވެރިވާކަން ހާމަކުރައްވާފައިވެ އެވެ.
އެންމެ ގިނައިން ބޭރަށް ފޮނުވަނީ ކެންސަރު ބަލީގެ ފަރުވާއަށް
ހިތުގެ ބަލިތަކުން ދުރުވާން މުހިއްމީ ހަކުރު މަދު ކުރުމެއް ނޫން!
ރެފްރީން އަމަލުކުރީ ވަރަށް ބޭއިންސާފުވެރި ގޮތަކަށް: މިސްރު ކޯޗް
