އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ ދުވަހުގެ ބޮޑުބައި އޮފީސް މޭޒު ކައިރީގައި ނުވަތަ ކޮމްޕިއުޓަރު ކުރިމަތީގައި އިށީނދެގެން ހޭދަކުރާ މީހުންނެވެ.
ކަށީގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. ނަވީން ރެޑީ ފާހަގަ ކުރެއްވި ގޮތުގައި، ހަށިގަނޑު ހަރަކާތެއް ނުކޮށް ވިދިވިދިގެން 30 މިނެޓަށްވުރެ ގިނައިރު އިށީނދެގެން އިނުމަކީ ބުރަކަށީގެ ކަށިތަކާއި، މަސްތަކަށް ބާރު ބޮޑުވެ، ރިއްސަން މެދުވެރިވާ މައިގަނޑު ސަބަބެވެ.
"އިންސާނާގެ މައިބަދަ އުފެދިފައިވަނީ ހަރަކާތް ކުރަން. ގިނައިރު އިށީނދެގެން އިނުމުން މައިބަދައިގެ ޑިސްކުތަކާއި މަސްތަކަށް އޮންނަ ޕްރެޝަރު އިތުރުވެ، ލޭހިނގުމަށް ހުރަސްއެޅޭ. މީގެ ސަބަބުން ދިގު މުއްދަތުގައި ބުރަކަށީގެ މައްސަލަތައް ކުރިމަތިވޭ" ޑރ. ނަވީން ވިދާޅުވި އެވެ.
އޮފީހުގައި ބުރަކަށީގައި ރިއްސުން ކުޑަކުރުމަށް ކުރެވިދާނެ ކަންކަން
- 30/2 ގަވާއިދު ބޭނުން ކުރުން: މެދުކެނޑުމެއްނެތި 30 މިނެޓު އިށީނދެގެން އިނުމަށްފަހު، މަދުވެގެން 2 މިނެޓު ކޮޅަށް ތެދުވެލައި ހިނގާލާށެވެ. ނުވަތަ ހަށިގަނޑު ދަމާލާށެވެ. މީގެ ސަބަބުން މަސްތަކަށް ލިބޭ ލޭހިނގުން ރަނގަޅުވެ، ބުރަކަށީގެ ޕްރެޝަރު ކުޑަވެ އެވެ.
- އިށީންނަ ގޮތް ރަނގަޅު ކުރުން: އިށީންނައިރު ބުރަކަށި ސީދާކޮށް، ގޮނޑީގެ ލެނގޭބައިގައި ބުރަކަށި ޖައްސާލައިގެން އިންނާށެވެ. ފައިތިލަ އެއްކޮށް ބިމުގައި ޖެހިފައި ހުންނަންވާނެއެވެ. ގުދުވެގެން އިނުމުން ދުރު ވާށެވެ.
- ކޮމްޕިއުޓަރު ސްކްރީން ލޮލާ އެއްވަރު ކުރުން: ކޮމްޕިއުޓަރު ނުވަތަ ލެޕްޓޮޕްގެ ސްކްރީން ހުންނަންވާނީ ސީދާ ލޮލުގެ ފެންވަރަށް އުފުލިފަ އެވެ. މީގެ ސަބަބުން ގުދުލުން ކުޑަވެ، ކަންތަކާއި ކޮނޑުގެ މަސްތަކަށް ބާރުބޮޑުވުން ހުއްޓުވައިދެ އެވެ.
- ގިނައިން ފެން ބުއިން: ގިނައިން ފެން ބުއިމަކީ ބުރަކަށީގެ ކަށިތަކުގެ މެދުގައިވާ "ޑިސްކް" ތައް ހައިޑްރޭޓްކޮށް ބެހެއްޓުމަށް އެހީވެދޭ ކަމެކެވެ. އަދި ފެން ބޯން ގިނައިން ތެދުވާން ޖެހުމުން، ގަވާއިދުން ހަރަކާތް ކުރުމަށްވެސް މަގުފަހިވެ އެވެ.
އޮފީހުގައި އުޅޭއިރު ބުރަކަށީގައި ރިއްސުމުން ސަލާމަތްވުމުގެ ސިއްރަކީ އަގުބޮޑު ގޮނޑިއެއް ގަތުމެއް ނޫނެވެ. މައިގަނޑު ސިއްރަކީ "ގަވާއިދުން ހަރަކާތްތެރިވުމެވެ. މަސައްކަތުގެ ތެރޭގައި ކުދި ބްރޭކްތައް ނަގައި، ހަށިގަނޑު ދަމާލުމަކީ ދިގު މުއްދަތުގައި ބުރަކަށީގެ ސިއްހަތު ރައްކާތެރި ކޮށްދޭނެ އެންމެ ފުރިހަމަ ގޮތެވެ.
ހޯރަފުށީ ކުރީގެ ކައުންސިލަރުންގެ މައްސަލަ ޕީޖީއަށް ފޮނުވައިފި
ދަ ޓައިޑްސް އޮފް ކޭއޯސްގެ ދެވަނަ ބައި ނެރެފި
ކޮމިޓީ ބައްދަލުވުމެއްގައި 15 މިނިޓު ވެސް ހޭދަ ނުވޭ: އެމްޑީޕީ