އީރާނުން ދޭ ކޮންމެ ހަމަލާއަކަށް ރައްދު ދިނުމުގެ ގޮތުން، 20 ގުނަ ވަރުގަދަ ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ.

ރިޔާސީ މަތިންދާބޯޓު "އެއާ ފޯސް ވަން" ގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާނުގެ މައްޗަށް އެމެރިކާއިން މިހާރުވެސް އަސްކަރީ ކާމިޔާބީ ހޯދާފައިވާ ކަމަށެވެ. "އެމީހުންގެ އަތުގައި މިހާރު އޮތީ ވަރަށް ކުޑަ މިންވަރެއް، އެމީހުން ބޭނުންވަނީ ކޮންމެ ގޮތަކުންވެސް އެއްބަސްވުމަކަށް އަންނަން،" ޓްރަމްޕް ވިދާޅުވި އެވެ. ނަމަވެސް، އީރާނަކީ އެފަދަ އެއްބަސްވުމެއް ގާއިމުކުރަން އެކަށީގެންވާ ބައެއްތޯއާއި، އެއްބަސްވުމަށް އިހުތިރާމް ކުރާނެ ބައެއްތޯ ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއްބަސްވުމަކަށް އަންނަން ބޭނުންވާއިރު ވިޔަފާރި އުޅަނދުތަކަށް ހަމަލާދެނީ ކީއްވެގެންތޯ ސުވާލު ކުރުމުން، ޓްރަމްޕް ވިދާޅުވީ އީރާނުން އަމަލުކުރަނީ "މޮޔަ" ގޮތަކަށް ކަމަށާއި، އެ ގައުމުގެ ކަންކަން މިހާރު އޮތީ ކޮންޓްރޯލުން ނެއްޓިފައި ކަމަށެވެ.

"ބަދަލުހިފުމުގެ ގޮތުން އަހަރެމެން މިހާރުވެސް އެމީހުންނަށް ވަރުގަދަ ހަމަލާތަކެއް ދީފިން. އެމީހުން އަހަރެމެންނަށް ދޭ ކޮންމެ ހަމަލާއަކަށް، 20 ގުނަ ވަރުގަދަ ރައްދު ހަމަލާއެއް ދޭނަން،" ޓްރަމްޕް ވިދާޅުވި އެވެ.

އީރާނާ ދެކޮޅަށް ފުރިހަމަ އަސްކަރީ ކުރިމަތިލުމަކަށް އެމެރިކާ ދަނީތޯ ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، ކާމިޔާބު ހޯދޭނެ ގިނަ ގޮތްތަކެއް އެބަހުރި ކަމަށާއި، ނަމަވެސް އަސްކަރީ ގޮތުން މިހާރުވެސް އޮތީ ކާމިޔާބީ ލިބިފައި ކަމަށެވެ.

އީރާނުގެ ރަސްމީ މީޑިއާ އައިއާރްއައިބީ އިން ރިޕޯޓްކުރާ ގޮތުގައި، އެމެރިކާގެ މި ހަމަލާތަކާ ގުޅިގެން އީރާނުން ވަނީ އދ. ގެ ސަލާމަތީ މަޖިލީހުގެ ރައީސަށާއި އދ. ގެ ސެކްރެޓަރީ ޖެނެރަލަށް ވަކިވަކިން ސިޓީ ފޮނުވާފަ އެވެ. އދ. އަށް އީރާނުން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު އާމިރު ސައީދު އިރަވާނީ ވިދާޅުވީ، އެމެރިކާއިން އީރާނުގެ އިސްތިގުލާލާއި މިނިވަންކަމަށް އަރައިގަނެ، ފުޅާ ދާއިރާއެއްގައި އަސްކަރީ ހަމަލާތަކެއް ދީފައިވާ ކަމަށެވެ. މިއީ އދ. ގެ ޗާޓަރާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަމަލުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އިރަވާނީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިހަމަލާތަކަކީ އދ. ގެ ޗާޓަރުގެ 2 ވަނަ މާއްދާގެ 4 ވަނަ ފިގުރާއާ ހިލާފުވުމުގެ އިތުރުން، ޖޫން 16 ގައި ސޮއިކުރެވުނު އިސްލާމްއާބާދު އެމްއޯޔޫގެ ފުރަތަމަ މާއްދާއާވެސް ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށެވެ.

އެމްއޯޔޫ އާއި ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އިއުލާނުކުރި ފަހުން، އަންގާރަ ދުވަސް ވެގެން ދިޔައީ އެންމެ ވަރުގަދަ ވައިގެ ހަމަލާތައް ކުރިމަތިވި ވަގުތުތަކަށެވެ. ރޭގެ ހަމަލާތައް އިއްޔެއާ އަޅާބަލާއިރު ފުޅާވެ، އީރާނުގެ އިރުދެކުނުގެ ސިޓީތަކަށްވެސް ވަނީ އަމާޒުވެފަ އެވެ.

އީރާނުގެ ޖިއޯސްޓްރެޓީޖިކް ގޮތުން މުހިންމު ބައެއް ސަރަހައްދުތަކަށް އެމެރިކާއިން ވަނީ ހަމަލާދީފަ އެވެ. އެގޮތުން ބަނދަރު އައްބާސް އާއި ސިރިކްގައި ވަރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވެއެވެ. ސިރިކްއަކީ ހޮރްމުޒް ކަނޑުއޮޅި ބެލެހެއްޓުމާއި، އެ ސަރަހައްދުގައި އީރާނުގެ ބާރުވެރިކަން ދެމެހެއްޓުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ސިޓީއެކެވެ.

ގައުމުގެ ދެކުނުގެ އެހެން ސަރަހައްދުތައް ކަމަށްވާ އަބޫ މޫސާ، ޖާސްކް އަދި ގޭޝްމް ރަށުގައިވެސް ގޮވުންތަކުގެ އަޑު އިވިފައިވެއެވެ. މީގެ ތެރެއިން ބައެއް ގޮވުންތަކަކީ އީރާނުގެ ވައިގެ ދިފާއީ ނިޒާމުތައް ހަރަކާތްތެރިވުމުގެ ސަބަބުން އިވުނު އަޑުތަކެއް ކަމަށްވާއިރު، އަނެއްބައި ގޮވުންތަކަކީ އެމެރިކާގެ ހަމަލާތަކުގެ ސަބަބުން އިވުނު އަޑުތަކެވެ.

އިރުދެކުނުގެ ސިޓީއެއް ކަމަށްވާ ކޮނާރަކްގައިވެސް ގޮވުންތަކެއް ހިނގާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އީރާންޝަހަރުގެ އެއާޕޯޓަށް ދިން ހަމަލާއެއްގައި މަދުވެގެން އެކަކު މަރުވެ، އިތުރު ބަޔަކަށް ވަނީ އަނިޔާވެފަ އެވެ.

މުހިންމު ބަނދަރު ސިޓީއެއް ކަމަށްވާ ޗަބަހާރުގެ ފާލަންތަކަށާއި، އަސްކަރީ އަދި އާންމު ހިދުމަތްތައް ދޭ ތަންތަނަށް ވަރުގަދަ ހަމަލާތަކެއް ވަނީ ދީފަ އެވެ. އީރާނުގެ ހުޅަނގު ދެކުނުގައި އޮންނަ ބުޝެހްރަށްވެސް ވައިގެ ހަމަލާތަކެއް ދީފައިވެ އެވެ. މިއީ އީރާނުގެ ނިއުކްލިއާ ޕަވަރު ޕްލާންޓެއް ހުންނަ ސިޓީއަކަށް ވުމުން މި ހަމަލާތައް ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ. ނަމަވެސް، އެ ޕްލާންޓަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ. އެހެންނަމަވެސް، ބުޝެހްރުގެ ގިނަ ތަންތަނަށް ފުޅާދާއިރާއެއްގައި ހަމަލާދީފައިވާތީ، މީހުން މަރުވުމުގެ ނުރައްކާ އަދިވެސް އެބައޮތެވެ.

އެމެރިކާގެ ހަމަލާތަކަށް އީރާނުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރައްދު ދީފައިވާއިރު، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ބުނެފައިވަނީ ކުވޭތާއި ބަހްރޭންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދީފައިވާ ކަމަށެވެ.

ކުވޭތުން ހާމަކޮށްފައިވާ ގޮތުގައި، އެ ގައުމުން ވަނީ އީރާނުން ފޮނުވާލި ބެލިސްޓިކް ދެ މިސައިލަކާއި 13 ޑްރޯންއެއް ހުއްޓުވާފަ އެވެ. ހަމައެއާއެކު، ބަހްރޭންގައި ހުންނަ ޝެއިޚް އީސާ އެއާ ބޭސްގައި ތިބި އެމެރިކާގެ ސިފައިންނަށްވެސް ހަމަލާދީފައިވާ ކަމަށް އީރާނުގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ.