ވެރިކަމުގެ ބާރުތައް ބަދަލުކުރުމަށް އުފައްދަންޖެހޭ އިންތިގާލީ ކޮމެޓީގެ ކަންކަން ކުރިއަށްގެންދިއުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ހަމަޖައްސަވައިފި އެވެ.
އިންތިގާލީ މަރުހަލާގެ ކަންކަން ކުރިއަށްގެންދަން އުފައްދާ ކޮމެޓީއަކީ "ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ގާނޫނު"ގައިވާ ގޮތުގެ މަތިން ކުރަންޖެހޭ ހުރިހާ ކަމެއް ވީހާ ވެސް ކުރުމަށް އުފައްދާ ކޮމެޓީއެކެވެ.
އިންތިގާލީ ކޮމިޓީގެ ވެރިއަކަށް ޕީއެންސީގެ ފަރާތުން އަބްދުއްރަހީމް ހަމަޖެއްސީ ރޭގެ ވަގުތެއްގަ އެވެ. އިންތިގާލީ މަރުހަލާއާ ގުޅޭ ގާނޫނުގައިވާ ގޮތުގެ މަތިން އެކަންވަނީ ސިވިލް ސާވިސް ކޮމިޝަނަށް ވެސް އަންގައިފަ އެވެ.
އިންތިގާލީ ކަންކަން ވިލަރެސްކުރުމަށް، ރައީސް ޞާލިހްގެ ފަރާތުން ވެސް ވަނީ ހާއްސަ ކޮމިޓީއެއް ހަމަޖައްސަވާފަ އެވެ.
އެ ކޮމިޓީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނަވާނީ ރައީސް އޮފީހުގެ ކޯޕަރޭޓް ސާވިސް ސެކެޓްރީ ހުސައިން އާމިރެވެ. އަދި ކަންކަން ވިލަރެސް ކުރައްވާނީ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ.
ރައީސް ސޯލިހުއާއި ޑރ. މުއިއްޒު އިއްޔެ ވަނީ ރައީސް އޮފީހުގައި ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ އިންތިހާބީ ރައީސްގެ އޮފީހަށް ބޭނުންވާ އެހީތެރިކަން ދެއްވުމަށްޓަކައި ރައީސް އޮފީހުގެ ކަމާބެހޭ ފަންނީ ބޭފުޅުން ހިމެނޭ ޓީމެއްގެ އެހީތެރިކަން ވެސް ލިބޭނެ ކަމަށެވެ.
ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން އޮމާންކޮށް ގެންދަން އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ޑރ. މުއިއްޒުވެސް ވަނީ ދެއްވާފަ އެވެ.
ޑރ. މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހު އެވެ.