ޔޫރަޕްގެ ބައެއް ސަރަހައްދުތަކަށް އާދިއްތަ ދުވަހު ހޫނުމިން 40 ޑިގްރީ ސެލްސިއަސް އަށް އަރާނެ ކަމަށް ލަފާކޮށްފައިވާއިރު، މިހާތަނަށް ރެކޯޑް ކުރެވިފައި ނުވާ މިންވަރަށް ހޫނުގަދަވުމުގެ ސަބަބުން ފްރާންސްގައި އެކަނިވެސް 1،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އެ ގައުމުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ފްރާންސްގެ ޕަބްލިކް ހެލްތު އެޖެންސީން ހާމަކުރި ގޮތުގައި، ހޫނުގެ ސަބަބުން މަރުވި މީހުންގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ. އަދި އަމިއްލަ ގޭގޭގައާއި އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒުތަކުގައި މަރުވި މީހުންގެ މައުލޫމާތު ލިބެމުންދާ ވަރަކަށް، މި އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ އިދާރާއިން އިންޒާރު ދެއެވެ.
ސައިންސްވެރިން ބުނާ ގޮތުގައި ޖޫން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ކުރިމަތިވެފައިވާ މި ގަދަހޫނަކީ ޔޫރަޕްގައި މިހާތަނަށް ރެކޯޑް ކުރެވުނު އެންމެ ނުރައްކާތެރި ހޫނުގަދަވުމެވެ. މި ހޫނުގެ ސަބަބުން ކަރަންޓު އުފެއްދުމަށާއި، އުމްރާނީ ވަސީލަތްތަކަށް ގެއްލުންވެ، ސިއްހީ ނިޒާމަށް ނުކަތާވަރުގެ ބާރު ބޮޑުވެފައިވާ ކަމަށްވެސް އެ ފަރާތްތަކުން ފާހަގަކުރެ އެވެ.
މީގެ އިތުރުން، އިންސާނުންގެ އަމަލުތަކުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތައް މެދުވެރިނުވި ނަމަ، މިފަދަ ހޫނުމިނެއް ހުރުމަކީ ނާދިރު ކަމެއް ކަމަށް ސައިންސްވެރިން ބުނެއެވެ. އަދި މީގެ ދެ ދަހަރު ކުރިއާ އަޅާބަލާއިރު، މިހާރު ރޭގަނޑުގެ ވަގުތުތަކުގައި މިފަދަ މަތީ ހޫނުމިނެއް ހުރުމުގެ ފުރުސަތު 100 ގުނަ އިތުރުވެފައިވާ ކަމަށްވެސް އެ ފަރާތްތަކުން ހާމަކުރެ އެވެ.
ގަދަ ހޫނުގެ އަސަރު ޖަރުމަނު، ޕޮލެންޑް އަދި އިޓަލީގެ ބައެއް ސަރަހައްދުތަކުގައި ހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، ފްރާންސް ބައެއް ސަރަހައްދުތަކަށް ދަނީ ގަދަ ވަޔާއެކު ވިއްސާރަކުރަމުންނެވެ. މީގެ ސަބަބުން ދަތުރުފަތުރަށާއި ކަރަންޓުގެ ހިދުމަތަށް އިތުރު ބުރޫތަކެއް ވަނީ އަރާފަ އެވެ.
ޖަރުމަނުގެ ނޯތު ރައިން-ވެސްޓްފާލިއާގައި ރޭލުގެ ހިދުމަތްތައް މަދުކޮށްފައިވާއިރު، ލައިޕްޒިގް ސިޓީގައި ވެސް ރޭލުގެ ހިދުމަތް ވަނީ މެދުކަނޑާލާފަ އެވެ. ހޫނުން ސަލާމަތްވުމަށް ގިނަ ބަޔަކު އިރުއޮއްސެންދެން ގޭގައި މަޑުކުރަމުންދާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކުރެ އެވެ.
މި ގަދަ ހޫނުގެ އަސަރު ޔޫރަޕްގެ ކޯރުތަކަށްވެސް ވަނީ ކޮށްފަ އެވެ. ކޯރުތަކުގެ ފެން ހިކި، ފެން ހޫނުވުމުގެ ސަބަބުން ދަނޑުވެރިކަމަށާއި ކަރަންޓު އުފެއްދުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ. އެގޮތުން ހަންގޭރީގެ ޕަކްސް ނިއުކްލިއާ ޕަވާ ޕްލާންޓް ފިނިކުރުމަށް ބޭނުންކުރާ ޑެނިއުބް ކޯރުގެ ފެން ހޫނުވުމުގެ ސަބަބުން، އެ ޕްލާންޓުން ކަރަންޓު އުފައްދާ މިންވަރު މަދުކުރަން ޖެހިދާނެ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފައިވެ އެވެ.
އިޓަލީގެ ޕޯ ކޯރުގެ ފެންގަނޑު ހިކުމުގެ ސަބަބުން، ކަނޑުގެ ލޮނުގަނޑު ކޯރުގެ ތެރެއަށް 18 ކިލޯމީޓަރު އެތެރެއަށް ވަދެ، ދަނޑުވެރިކަމަށާއި ތިމާވެށީގެ ގޮތުން ރައްކާތެރިކުރެވިފައިވާ ސަރަހައްދުތަކަށް ވަނީ ނުރައްކާ ކުރިމަތިވެފަ އެވެ.
މީގެ އިތުރުން، ހޫނުން ސަލާމަތްވުމަށް މޫދަށާއި ކޯރުތަކަށް އެރި އުޅުނު އެތައް ބަޔަކު ގެނބިގެން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެގޮތުން އިޓަލީގެ ކެބިނެޓް މިނިސްޓަރެއް ކަމަށްވާ ޔޫޖީނިއާ ރޮކެއްލާގެ ފިރިކަލުން ލޭކް ވިކޯއަށް އެރި އުޅެނިކޮށް ގެއްލިގެން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ފްރާންސްގެ މޫސުމާ ބެހޭ އިދާރާއިން ބުނާ ގޮތުގައި ގައުމުގެ ގިނަ ސަރަހައްދުތަކުން މިހާރު ވަނީ ހޫނުމިން ކުޑަކޮށް ދަށްވާން ފަށާފަ އެވެ. ނަމަވެސް އިރުއުތުރުގެ ބައެއް ސަރަހައްދުތަކުގައި އަދިވެސް ވަނީ ހޫނުގެ އިންޒާރު ނެރެފަ އެވެ.
އެ ގައުމުގެ ހެލްތު މިނިސްޓަރު ސްޓެފަނީ ރިސްޓް ވިދާޅުވި ގޮތުގައި، ހޫނުމިން ދަށްވި ނަމަވެސް އޭގެ ސިއްހީ ނޭދެވޭ އަސަރުތައް ކުރިއަށް އޮތް 10 ވަރަކަށް ދުވަހު ދެމިގެންދާނެ އެވެ. "މި ހާދިސާ އަދި ނިމުނީއެއް ނޫން،" ބީއެފްއެމް ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވި އެވެ.
ހޮނިހިރު ދުވަހުގެ ރޭ ފްރާންސްގެ ބައެއް ސަރަހައްދުތަކަށް ކުރި ވިއްސާރައާއެކު ވައި ފިނިވި ނަމަވެސް، މީގެ ސަބަބުން އެތައް ހާސް ބައެއްގެ ކަރަންޓުގެ ހިދުމަތް ވަނީ މެދުކެނޑިފަ އެވެ. ކަރަންޓު ފޯރުކޮށްދޭ އެނެޑިސް ކުންފުނިން ބުނި ގޮތުގައި، އާދިއްތަ ދުވަހުގެ ހެނދުނާ ހަމައަށް ފްރާންސްފެ އުތުރާއި މެދުތެރޭގެ 63،000 ގޭބިސީއެއްގައި ކަރަންޓުގެ ހިދުމަތެއް ނެތެވެ.
ނޫމަޑި މައްސަލައިގައި ރައީސް ރިޝްވަތު ދެއްވިކަން ދޮގުކުރައްވައިފި
ވައިނަރީ މައްސަލާގައި އެންޖެލީނާއާ ދެކޮޅަށް ބްރެޑްއަށް މޮޅެއް!
އުޒްބެކިސްތާން ބަލިކޮށް ކޮންގޯ ދެވަނަ ބުރަށް