ގދ. ނަޑެއްލާއިން ބޯފެން ހުސްވުމާ ގުޅިގެން، ސަރުކާރަށް އެކަން އެންގުމުން މިހާތަނަށް އެއްވެސް ރަސްމީ ޖަވާބެއް ލިބިފައި ނުވާކަމަށް ބުނެފި އެވެ.
ފެން ހުސްވެ އެ ރަށު ރައްޔިތުންނަށް ބޯ ފެން ލިބުމުގައި ދަތިކަން ކުރިމަތިވެފައިވާތާ އެތަކެއް ދުވަސްވެފައިވާއިރު، އެ މައްސަލަ އެރަށު ރައްޔިތުން ސަރުކާރަށް އެންގީ މިމަހުގެ 2 ވަނަ ދުވަހުގަ އެވެ.
ނަމަވެސް މިހާތަނަށް ސާފު ބޯފެން އެރަށަށް ފޯރުކޮށްދީފައި ނުވާކަމަށް އެރަށު ކައުންސިލުގެ ނައިބު ރައީސް ފައިސަލް ނަޖީބު ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވެފައި ވަނީ ރަށުގެ ރައްޔިތުންގެ ތާނގިތަކުގެ އިތުރުން ރައްޔިތުންގެ ގޭބީސީތަކުގައިވާ ތާނގީތަކުންވެސް މިހާރު ވަނީ ފެން ހުސްވެފައި ކަމަށެވެ. މިކަން މިހެންވާން މެދުވެރިވީ ސަބަބަކީ ވާރޭ ނުވެހި ގިނަ ދުވަސްވުމުގެ ސަބަބުން ކަމުގައި އޭނާ ވިދާޅުވި އެވެ.
ނަޖީބު އިތުރަށް ވިދާޅުވީ، މިކަން ސަރުކާރަށް އެނގިނަމަވެސް، މިހާތަނަށް އެއްވެސް ރަސްމީ ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ. އަދި ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި އެ ރަށުގައި ގާއިމުކުރި ވާރޭ ފެން ރައްކާކުރުމުގެ ނިޒާމުގެ ދަށުން، ބަހައްޓާފައި ހުރި ތާނގީގައި ވާފެނަށް ކްލޮރިން އަޅައި ރައްޔިތުންނަށް ދިނުމަށް ނުރަސްމީކޮށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ކުރިން ވެސް އަތޮޅުތެރޭގެ ރަށްތަކުން ފެން ހުސްވުމުން ސަރުކާރުން އެރަށްތަކަށް ބޯފެން ފޯރުކޮށްދީފައިވެ އެވެ. އެހެންނަމަވެސް މިކަންކަމަށް ސަރުކާރުން އިސްކަންދެނީ މިފަދަ މައްސަލަތައް ސޯޝަލްމީޑިއާގައި ފެންމަތިވުމުންނެވެ.