2003 ވަނަ އަހަރު 'ތުޖޭ މޭރީ ކަސަމް' އިން ބޮލީވުޑަށް ތައާރަފްވި ރިތޭޝް ދޭޝްމުކް އަކީ މަހާރާޝްޓްރާގެ ކުރީގެ ޗީފް މިނިސްޓަރު ވިލާސްރާއޯ ދޭޝްމުކްގެ ދަރި އެކެވެ.
ރިއަލިޓީ ޝޯއެއްގައި ވާހަކަ ދައްކަމުން ރިތޭޝް ވަނީ ފިލްމީ ދާއިރާގައި ކުރީކޮޅު އޭނާއަށް ދިމާވި ގޮންޖެހުންތަކާއި، މީހުން ދެއްކި ވާހަކަތައް ހިއްސާ ކޮށްފަ އެވެ.
ރިތޭޝް ބުނި ގޮތުގައި، އޭނާގެ ފުރަތަމަ ފިލްމަށްފަހު ކުޅުނު 'މަސްތީ' އަދި 'ކިޔާ ކޫލް ހޭ ހަމް' ފަދަ ކޮމެޑީ ފިލްމުތައް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދުމުންވެސް، ގިނަ ބަޔަކު އޭނާގެ އަމިއްލަ މަސައްކަތް ބަލައިގަންނަން ދެކޮޅު ހެދި އެވެ.
"އަހަރެންގެ ފިލްމުތައް ހިޓުވުމުން މީހުން ބުނަން ފެށި، އޭނާގެ ފިލްމުތައް އެ ހިންގަނީ ބައްޕައަކީ މަހާރާޝްޓްރާގެ ޗީފް މިނިސްޓަރަށް ވީމައޭ. އަދި ފިލްމުތަކުގެ ޓިކެޓުތައް ގަންނަނީ ސަރުކާރުގެ މީހުންނާއި ސިޔާސީ ސަޕޯޓަރުންނޭ،" ރިތޭޝް ބުންޏެވެ.
ރިތޭޝް ފާހަގަކުރި ގޮތުގައި، ސިޔާސީ ގޮތުން ނުފޫޒުގަދަ އާއިލާއަކަށް ނިސްބަތްވުމަކީ ފިލްމީ ދާއިރާއަށް ވަންނަން ފަސޭހަވި ކަމަކަށް ވިޔަސް، ބެލުންތެރިންގެ ލޯބި ހޯދައި ދާއިރާގައި ދެމި ހުރުމަކީ އަމިއްލަ ހުނަރާއި މަސައްކަތުން ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ.
އޭނާ ބުނީ، މީހުން ކޮންމެ އެއްޗެއް ކީކަމުގައި ވިޔަސް، އޭނާ އިހްތިޔާރުކުރީ ސިނަމާތަކަށް ގޮސް އަމިއްލައަށް ސިނަމާގެ ސީޓުތަކުގައި އިށީނދެގެން ތިބޭ އާންމު ބެލުންތެރިން ހެއްވާލައި، އުފާކޮށްދިނުމުގެ މަގު ކަމަށެވެ. އަދި އޭނާގެ ކޮމެޑީ ރޯލްތަކަށް ބެލުންތެރިން ދިން ތަރުހީބަކީ މީހުން ދެއްކި ބޭކާރު ވާހަކަތަކަށް ދެވުނު އެންމެ ރަނގަޅު ރައްދު ކަމަށްވެސް އޭނާ ބުންޏެވެ.
ރިތޭޝް ވަނީ ވޭތުވެދިޔަ 20 އަހަރަށްވުރެ ގިނަ ދުވަހު ބޮލީވުޑްގެ އެންމެ ކާމިޔާބު ކޮމެޑީ އެކްޓަރުންގެ ތެރޭގައި ހިމެނި، އަދި ދާދި ފަހުން މަރާޓީ ފިލްމުތައް ޑިރެކްޓްކޮށް، އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ހުނަރުވެރި އެކްޓަރެއްކަން ސާބިތުކޮށްދީފަ އެވެ.
ޖާޔާގެ ގުދަނެއްގައި ރޯވެ އަނދަނީ