ހއ. ހޯރަފުށީގައި ތެލުގެ ވިޔަފާރި ކުރުމަށް ގަވާއިދާ ހިލާފަށް ބިން ދިން ކަމަށް ތުހުމަތުކޮށް، އެ ރަށު ކައުންސިލްގެ ހަތަރުވަނަ ދައުރުގެ މެންބަރުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މި މައްސަލަ ޕީޖީ އޮފީހަށް ހުށަހަޅާފައިވަނީ ނިމިދިޔަ އޭޕްރީލް މަހުގެ ވިހިވަނަ ދުވަހު ކަމަށެވެ. މި މައްސަލައަކީ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑަށް ތެލުގެ ވިޔަފާރިކުރުމަށްޓަކައި ފަސްހާސް އަކަފޫޓުގެ ބިމެއް ގަވާއިދާ ހިލާފަށް ދީފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. މިހާރު ޕީޖީ އޮފީހުން ވަނީ މި މައްސަލަ ބަލައިގެންފަ އެވެ.

މި މައްސަލައިގައި ދަޢުވާކުރުމަށް ފޮނުވާފައިވަނީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ރައީސް މުހައްމަދު ވަހީދާއި، ނައިބު ރައީސް އަހްމަދު އިމްދާހާއި، މެންބަރު އިބްރާހީމް ޝާކިރާއި، އަހްމަދު ރައޫފާއި، މަރްޔަމް ވަކީލާއާއި، އާމިނަތު ވިސާމާގެ އިތުރުން އާމިނަތު ނާސިހާގެ މައްޗަށެވެ. މީގެ ތެރެއިން ބައެއް ބޭފުޅުންނަކީ މިހާރު ހިނގަމުންދާ ކައުންސިލްގައިވެސް ތިއްބެވި މެންބަރުންނެވެ.

އޭސީސީން އެދިފައިވަނީ މި ބޭފުޅުންގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާއާއި، ދައުލަތަށް ފައިދާ ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އުފުލައިދިނުމަށެވެ.