ހަނޑުލަކީ އާއްމުކޮށް ބޭނުން ކުރެވޭ ކާނާއެއް ކަމަށް ވިޔަސް ހަށިގަނޑަށް ބަރު ކާނާއެކެވެ. ހަނޑުލަކީ މި ބާވަތުގެ އެހެން ކާނާތަކެކޭ އެއްފަދައިން ހަށިގަނޑަށް އެހާ ރަނގަޅު އެއްޗަކަށް ނުވެ އެވެ. އަދި ހާއްސަކޮށް، ހުދު ހަނޑޫ ގިނައިން ބޭނުންކުރުމަކީ ހަކުރު ބައްޔަށް މަގު ފަހިކުރުވާ ކަމެކެވެ.
ޖޯޑެއްހާ ހަނޑޫ ކެއްކުމުން އޭގައި ގާތްގަނޑަކަށް 200 ކެލަރީސް ހުރެ އެވެ. މީގައި ހުންނަ ކާބޯހައިޑްރޭޓްސް ހަށިގަނޑުގެ ތެރޭގައި ހަކުރަށް ބަދަލުވެ ފެޓް އުފައްދަ އެވެ. ހަނޑުލަކީ ހަށިގަނޑަށް އެހާ ރަނގަޅު އެއްޗަކަށް ނުވަނީ މި ސަބަބާ ހެދި އެވެ.
އެކަމަކު ހަނޑުލުގެ ކެލަރީ ދަށްކޮށްލާނެ ފަސޭހަ ގޮތެއް ސައިންސްވެރިން މި ވަނީ ހޯދައިފަ އެވެ.
ސްރީ ލަންކާގެ ކޮލެޖް އޮފް ކެމިކަލް ސައިންސަސްގެ ދަރިވަރަކާއި އޭނާގެ މުދައްރިސް މިހާރު ވަނީ ހަނޑުލުގެ ކެލަރީސް 50 ޕަސެންޓް ދަށްކޮށްލެވޭނެ އަދި އެއާ އެކު ސިއްހީ އިތުރު ފައިދާތަކެއް ވެސް ލިބޭނެ ގޮތެއް ހޯދައިފަ އެވެ.
ކާބޯހައިޑްރޭޓްސްގެ މާއްދާ ކަމަށްވާ ސްޓާޗްގެ ދެ ބާވަތެއް ހަނޑުލުގައި ހުރެ އެވެ. އެއީ ހަޖަމުވާ ބާވަތަކާއި ހަޖަމު ނުވާ ބާވަތެކެވެ. ހަޖަމު ނުވާ ބާވަތް ކުޑަ ގޮހޮރުގެ ތެރޭގައި ނެތިގެން ނުގޮސް ހުރެ އެވެ.
އެގޮތުން ކެއްކުމުގެ ކުރިން އަވީގައި ހަނޑޫތައް ގަޑިއިރެއް ވަންދެން ބެެހެއްޓުމަކީ އޭގައި އެކުލެވޭ ހަޖަމުނުވާ މާއްދާތައް މަދު ކޮށްދޭ ކަމެއް ކަމަށް އެ މީހުން ހޯދާފައިވެ އެވެ.
އެހެން ކަމުން ދެން ބަތް ކައްކާއިރު އަވަސް އަރުވާލައިގެން ބަތް ތެލި އުދުމުގެ ބަދަލުގައި ކުރިއާލައި ހަނޑޫ އަވީލާން އާދަ ކުރާށެވެ.